މޫސުމީ ބަދަލުތަކާ ގުޅޭ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމަކީ ދިވެހިންނަށް އޮތް އިޚްތިޔާރެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަޤުރީރުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމާވެއްޓަށް ލިބޭ ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން މުޅި އިންސާނިއްޔަތަށްވެސް ބޮޑުކަން ފާހަގަކުރައްވައި، އައި.ޕީ.ސީ.ސީ އިން ދާދިފަހުން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް، 1901 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާ ދެމެދު 3 ގުނަވެފައިވާކަމާއި، ދުނިޔޭގެ ފިނިހޫނުމިންވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި، ކުރިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުރުމުގެ ސަބަބުން، މިހާރު އެއްވެސް ކަމެއް ފަހުންކުރަން ބެހެއްޓެން ނެތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދުނިޔެހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައިވެސް، މިހާރު ޖައްވަށް ދޫކުރާ ގެނދަބުޅީގެ ނިސްބަތް 2030 ވަނަ އަހަރާ ހަމައަށްދާއިރު 45 އިންސައްތައަށް ދަށް ކުރަންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑުވެފައިވާ މިންވަރު ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް ދިވެހި ދަރިވަރުންތަކެއް އެމަނިކުފާނަށް ފޮނުވާފައިވާ ބައެއް ސިޓީ، އ.ދ. ގެ ޢާންމު މަޖިލީހާ ޙިއްޞާކުރައްވާފައެވެ. މި ވާހަކަތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ކުދިންގެ މި ވާހަކަތަކަކީ އަންނަން އޮތް ޖީލުތަކުގެ އަޑުކަމަށާއި، އެހެންކަމުން މިހާރުގެ ޖީލުތަކުން އެ އަޑުތައް އަހަންޖެހޭކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުރަތަމަ ނެތިދާނީ ރާއްޖެފަދަ ކުދި ޖަޒީރާޤައުމުތައް ކަމުގައިވިޔަސް މާދަމާ ބޮޑަތި ޤައުމުތަކުން ހަމަ އެސަބަބުތަކާ ކުރިމަތިލާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅު އެޅުމަށް އަދިވެސް ފުރުޞަތު އޮތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަންޖެހޭކަމުގައެވެ. އެ ގޮތުން، ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ފަންނީ ޤާބިލުކަމާއި، އެކަށޭނަ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަމުން ދިފާޢުވުމުގެ ޤާބިލުކަމާއި މާލީ ތަނަވަސްކަން ނެތް ޤައުމުތަކަށް، އެޤާބިލުކަން ހުރި ޤައުމުތަކުން ކުރާ ހޭދައާއި ދޭ އެހީ އިތުރުކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން، އިޢާދަކުރަނިވި ހަކަތައަށް ހިޖުރަ ކުރުމަށް ކުރާ މަސައްކަތަކީ ކޮންމެ ދުވަހަކު ކުރާކަމަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަދަދާ އެކު، 2030 އަށް ނެޓް ޒީރޯ އަށް ވާޞިލުވުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި ތަންފީޛުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކްލައިމެޓް އިމަރޖަންސީ ޤާނޫނު (ޤާނޫނު ނަންބަރު 9/2021) ތަސްދީޤުކުރައްވާފައެވެ. އަދި އެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ގެންދަވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގައި އިސްދައުރެއް އަދާކުރައްވަމުންނެވެ.