އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤުރީރުގައި، ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުޅި ދުނިޔެ ބަރޯސާވަނީ އ.ދ. ގެ ޢާންމު މަޖިލީހަށްކަމަށާއި، މިކަމަށް ބޭނުންވާ ވަސީލަތްތަކާއި، ޙަކަތައާއި، ޢިލްމާއި، ހުނަރާއި، ހޯދުންތައް އެއްތަންކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނިއުޔޯކުގައި ކުރިޔަށްދާ މި މަޖިލީހުގައި ތަޤްރީރު ކުރައްވަމުން، މުޅި އިންސާނިއްޔަތާއި ހުރިހާ ޤައުމެއް ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް ދިފާޢުވެގެން މެނުވީ، ޙަޤީޤީ ދިފާޢެއް ނުވަތަ މާނަވީ ސަލާމަތެއް ނުހޯދޭނެކަމަށާއި، މިވަބާއިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ޖެހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢާންމު ޙާލަތަށް އަލުން ރުޖޫޢަވެވޭނެ ގޮތެއް ހޯދައި، އިޤްތިޞާދާއި ފަރުދުންގެ ދިރިއުޅުން އަލުން އާރާސްތުކުރާނެ މަގެއް ހޯދުން މުހިންމުކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ކުރިމަތިލުމުގައި ރާއްޖޭގެ ތަޖުރިބާ އެ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މަސައްކަތް ފަށަން ޖެހުނީ ސުމަކުން ކަމަށާއި، މިބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި އެޅުއްވި މުހިންމު ފިޔަވަޅުތައް އެޅުއްވުމުގައި ޢަމަލުކުރެއްވި ގޮތް ތަފްޞީލުކޮށް ވަނީ ބަޔާންކޮށްދެއްވާފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖެހޭ ޢުމުރުފުރާގެ 95 އިންސައްތަ އަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަ ވެއްޖެކަމަށާއި، އަދި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 85 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކޮވިޑް ކޮންޓްރޯލް ކުރުމަށް ނެގި ފިޔަވަޅުތަކަށް ލުއި ދީ، ރާއްޖެއޮތީ ދުނިޔެއަށް މަރުޙަބާ ކިއުމަށް ތައްޔާރަށްކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.