އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ބަހުން ތަޤުރީރުކުރައްވައިފިއެވެ. އެމަނިކުފާނުގެ ތަޤުރީރުގައި އ.ދ. ގެ ރިޔާސަތާ މުޚާތަބްކުރައްވައި ދިވެހިންގެ މާދަރީ ބަހުން ވާހަކަދެއްކެވިކަމީ، މިނިވަން ދައުލަތެއްގެ މަޤާމު މީގެ 56 އަހަރުކުރިން ރާއްޖެއަށް ލިބުމާ ގުޅިގެން، ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްބުނުމުގެ ޤާބިލިއްޔަތާ މެދުގައާއި، ދިވެހިރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ޤައުމެއްތޯ ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބެވެ.
ނިއުޔޯކުގައި ކުރިޔަށްދާ މި މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއީ ޤައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެކެވެ. އަދި، މިއީ ހުރިހާ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އ.ދ. އާ ގުޅުނުތާ މިވީ ދިގު ތާރީޚުގައިވެސް މިހާތަނަށް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެކެވެ. ޢާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ދެއްވުމުގައި ކުރެއްވި އިތުބާރަށްޓަކައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދަކީ އ.ދ. ކަމަށާއި، ބައިނަލްއަޤުވާމީ ގުޅުންތަކުން ހާޞިލުވާ ކޮންމެ ކާމިޔާބީއެއް ރަމްޒުކޮށްދެނީ އ.ދ. ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ސުލްޙަވެރި ޙައްލާއި މަސަލަސްކަމުގެ ސައްލާ އުފެދެނީ އ.ދ. ގެ މަރުކަޒުންކަމަށާއި، ހުރިހާ އިންސާނުންގެ ހުރިހާ ފަންތިއާއި ގިންތިއާއި މިންތީގެ މުގޫ ހިފަހައްޓަނީ އެ މަރުކަޒުން ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުންވެސް، ފަގީރު ކަމާއި، ބަލިމަޑުކަމާއި، ޓެރަރިޒަމް ފަދަ ކަންކަން ނައްތާލުމުގެ މަސައްކަތުގެ ފަންނީ ތަޖުރިބާ އެންމެ މުއްސަނދި ބޭންކަކީވެސް އ.ދ. ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤުރީރު ކުރައްވާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އެމަނިކުފާނު މި މަޖިލީހުގައި ތަޤުރީރު ކުރެއްވީ 2019 ވަނަ އަހަރު އޮތް އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިފަހަރު ތަޤުރީރުކުރެއްވީ ޢާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 3 ވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ.