ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ކުނިއޯ ޓަކަހާޝީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ޙިއްޞާއެއް ވެދޭ ޤައުމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތަޢްލީމީ ދާއިރާގައާއި، ޢުމްރާނީ ތަރައްޤީއަށާއި މީހުން ބިނާކުރުމުގެ ދާއިރާގައި ޖަޕާން ސަރުކާރުން ވެދެއްވާފައިވާ އެހީތަކަށްޓަކައި، ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ޚާއްޞަކޮށް ޖައިކާއަކީ ރާއްޖެއަށް ވަރަށް ގިނަގުނަ އެހީތަކެއް ވެދެއްވާ އެޖެންސީއެއްކަން ބަޔާންކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، މިހާރުގެ ޙާލަތު އިތުރަށް ރަނގަޅުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ އަދި އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން މިސްޓަރ ޓަކަހާޝީއަށް މަޢްލޫމާތު ދެއްވިއެވެ.

މިސްޓަރ ޓަކަހާޝީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އުފެދިފައިމިވާ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި، ކުރިއަށްއޮތް ތާނގައިވެސް، ޖަޕާން ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ތަފާތު އެހީތައް ވެދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭއަށް ޑިމޮކްރަސީ ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކުގައި ޖަޕާން ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގައި ސަފީރު ވިދާޅުވިއެވެ.