ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ. އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން މާދަމާ މެންދުރު 1.00ގެ ކުރިން ކަމާބެހޭ ފޯމް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވަން ޖެހެއެވެ.

ޤައުމީ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޤައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. ފައިސާގެ އިނާމެއް ނުދެއްވާނެއެވެ.