އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި، އެ ސިޔާސަތުގެ ދަށުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް، ވާރލްޑް ބޭންކާއެކު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޙިއްޞާ ކުރައްވައިފިއެވެ.

މި ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވީ، ދިވެހި ސަރުކާރާއި ވަރލްޑް ބޭންކް ގުޅިވަޑައިގެން، މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި "ދިވެހިރާއްޖެ އަދި ބޭންކް ގްރޫޕް: ތަރައްޤީގެ ނަތީޖާ، މިހާރުގެ މައްސަލަތައް، އަދި ކުރިއަށް ހުރި ކަންތައްތައް" މިނަމުގައި ފެށްޓެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރު ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖެ އޮތީ ބަނގުރޫޓްވުމާ ގާތުގައި ކަމަށް ވިދާޅުވަމުން، ކުރީ ސަރުކާރުން މާލީ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެއްވުމުގެ ސަބަބުން ރާއްޖޭ މާލިއްޔަތުގައި މިހާރުވަނީ ބޮޑު ކަޅު ބާގަނޑެއް އުފެދިފައިކަން ބަޔާންކުރެއްވިއެވެ. މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ކުރީ ސަރުކާރުން ވޯޓު ހޯއްދެވުމުގެ ބޭނުމުގައި ސިވިލް ސަރިވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމާއި، ވިޔަފާރި ލޯނުތައް ނަންގަވައިގެން ރަށްރަށުގައި އުމްރާނީ މަޝްރޫޢުތައް ފަށްޓަވާފައިވުމާއި، މި މަޝްރޫޢުތަކަށް ފައިސާ ލިބޭނެ ގޮތްތައް ކަށަވަރު ނުކުރައްވައި ކުރީ ސަރުކާރުން ކޮންޓްރެކްޓްތައް ހަވާލުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، 60އަށްވުރެ ގިނަ ރިޒޯޓްތައް ކުއްޔަށް ދޫކުރައްވައި، ކުލީގެ ގޮތުގައި ނަންގަވާފައިވާ ބޮޑެތި އަގުތައް، ރަށް ކުއްޔަށް ހިފިފަރާތަށް ބޮޑު ތަކުލީފަކަށް ވެގެންދިޔަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިފަދަ ފިޔަވަޅުތަކަކީ ރަނގަޅު، މަސްއޫލުވެރި ސަރުކާރަކުން އަޅުއްވާނެ ފިޔަވަޅުތަކެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، މިކަންތައްތައް ޙައްލުކުރަން ޖެހިފައިމިވަނީ މާބޮޑު ތަޖުރިބާއެއް ނެތް، އަދި އެކްޓިވިސްޓުންތަކެއް ހިމެނޭ ސަރުކާރެއްކަމަށް ބައެއް މީހުން ބުނަމުން ގެންދާ ސަރުކާރަކަށް ކަމަށް ވިދާޅުވެ، މި ގޮންޖެހުމާ މި ސަރުކާރުން ކުރިމަތިލައްވާފައިކަން ހާމަކުރެއްވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ދިރިއުޅެވޭނެގޮތް ހޯއްދަވައިދެއްވުމަށް ކަމަށާއި، ސަރުކާރުގެ ތަރައްޤީގެ ޕްލޭނަކީ، ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ މަސައްކަތްތައް ރޭއްވެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުގެ މައްޗަށް ބައްލަވާލައްވައި، އެވަޢުދުތައް ފުއްދަވައިދެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތަފްޞީލު ދެއްވިއެވެ. އެގޮތުން، އިޤްތިޞާދު ރަނގަޅު ކުރެއްވުމަށްޓަކައި ޕްރައިވަޓައިޒޭޝަން މަޝްރޫޢެއް ފަށްޓަވާފައިވާ ކަމަށާއި، ”މަދަނަ“ ޕްރޮގްރާމުގެ ޚިދްމަތް ތަޢާރުފު ކުރެވި، ފުޅާކުރެވެމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ފަށްޓަވާ އާކަންތައްތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މިހުރިހާ ފިޔަވަޅުތަކެއްވެސް އަޅުއްވަމުން ގެންދަވާއިރު، ވާރލްޑް ބޭންކުގެ މަޝްވަރާ ހޯޢްދަވާނެ ކަމަށާއި އަދި މިކަމުގައި ވާރލްޑް ބޭންކުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވާރލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ރާއްޖެއަށް ދެއްވާ އެހީގެ އަދަދުގެ މިންވަރު ވަކިވަރަކަށް ހިފަހައްޓަވާފައިވާކަން ފާހަގަކުރައްވައި، 14 މިލިއަން ޑޮލަރު އެއީ ފުދޭ މިންވަރެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިޤްތިޞާދު ރަނގަޅުކުރެއްވުމަށް އަދި ހަރުދަނާ ސަރުކާރެއް ޤާއިމުކުރެއްވުމުގައި ސިވިލް ސަރވިސްގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ނަމަވެސް ސިވިލް ސަރވިސް މުވައްޒަފުންގެ ޢަދަދު މަދުކުރުމަށް މިހާރު މަޖުބޫރުވެފައިވާ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުން ނިންމަވާފައިވަނީ މިގޮތުން ސިވިލް ސަރވިސްއިން ދޫކޮށްލައްވާ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ އުޞޫލުތަކުން ހިސާބު ކުރެވިގެން ދެވޭ ފައިސާއާއި ޢިނާޔަތްތަކުގެ އިތުރުން، ސަރުކާރުން އެހެން ބައެއް ޢިނާޔަތް ދެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކުން އެވުޒާރާތަކުގެ ސިޔާސަތު ހާމަކުރެއްވުމުގެ ގޮތުން ޕްރެޒެންޓޭޝަންތަކެއް ދެއްވިއެވެ.