بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެމް.ޕީ.އެލް.ގެ ސީ.އީ.އޯ. އަލްފާޟިލް ޝާހިދު ޢަލީ، ބޯޑު މެންބަރުން، އެމް.ޕީ.އެލް.ގެ އިސްވެރިން، އަދި ހީވާގި މުވައްޒަފުންނާއި، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު އެމް.ޕީ.އެލް.ގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް، ޚާއްޞަކޮށް، އެމް.ޕީ.އެލް.ގެ އެންމެހައި ހީވާގި މުވައްޒަފުންނާއި އަދި އެމް.ޕީ.އެލް.ގެ ޚިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އެމް.ޕީ.އެލް.ގެ މަސައްކަތް ގުޅިފައި ވަނީ ދިވެހިރާއްޖޭގެ ކޮންމެ ފަރުދަކާ. ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް މަސައްކަތް ކުރާ އެއްބަޔަކީ އެމް.ޕީ.އެލް.ގެ މުވައްޒަފުންނާއި، އެމް.ޕީ.އެލް.ގެ މުވައްޒަފުންނާ ގުޅިގެން، އިތުރަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތައް.

އާދެ، އަޅުގަނޑުގެ ހަނދާނަށްވެސް އަންނަނީ، އަޅުގަނޑުމެންގެ ޤައުމު، ފަހުގެ ތާރީޚެއްގައި އަދި ދުވަހަކުވެސް ނުދެކޭފަދަ ދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވިހިނދު، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި، ޒަރޫރީ ހުރިހާ ތަކެއްޗެއް ފޯރުކޮށްދިނުމަށްޓަކައި އެމް.ޕީ.އެލް.ގެ ހީވާގި މުވައްޒަފުން އެ ކުރެއްވި މަސައްކަތް. އާދެ، އަޅުގަނޑަށް ވަރަށް ގާތުން މި ކަންތައްތައް ފެނުނު. އާދެ، އެ އުނދަގޫ ދަތި ވަގުތު، އެމް.ޕީ.އެލް.ގެ ސީ.އީ.އޯ.ގެ ކޯލެއް ނުލިބޭ ހަމަ އެންމެ ދުވަހެއްވެސް ނާދޭ. އަދި ތިޔަބޭފުޅުން އެ ކުރައްވަމުން ގެންދެވި މަސައްކަތް، އަޅުގަނޑުމެންނަށް ވަރަށް ގާތުން އެނގިގެންދިޔަ.

އާދެ، މި ދަތި އުނދަގޫ ދަނޑިވަޅުގައި، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ދެންނެވިގޮތަށް، ޒަރޫރީ ކާބޯތަކެއްޗާއި، ބޭނުންވާ އެހެނިހެން ތަކެތި ދުވަހުން ދުވަހަށް، ފޯރުކޮށްދިނުމުގެ މަސައްކަތް، އާދެ، މުދާ ކްލިއަރކޮށް، ރެޔާއިދުވާލު، އެ ކުރެއްވި މަސައްކަތް ފާހަގަކޮށް، އެންމެހައި ފަރާތްތަކަށް މި ފުރުޞަތުގައި އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުންވޭ. ޚާއްޞަކޮށް، ސަރުކާރުގެ ކުންފުނިތަކުން ވަރަށް ގިނަ މަސައްކަތްތަކެއް މިއަދު ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަމުން އެބަދޭ. އަދި ޒަރޫރީ ގިނަ ކަންތައްތަކެއް ދުވަހުން ދުވަހަށް ފޯރުކޮށްދެއްވަމުން އެބަ ގެންދަވާ. އާދެ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ބަލައިލި ނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ، މި ކުންފުނިތަކުގެ ޙަރަކާތްތައް. އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުންވަނީ، އެންމެ އުނދަގޫ ވަގުތުވެސް، ތަރައްޤީއަށްޓަކައި ކުރަމުން އައި މަސައްކަތްތައް، އަޅުގަނޑުމެންނަކަށް ދެންނެވޭކަށް ނެތް މަޑުޖެހުނެކޭ. ވަރަށް ބާރަށް، އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިރުޝާދުގެ ދަށުން، ރައްޔިތުންނަށް ކުރިއެރުން ހޯދުމަށްޓަކައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، މި ދެންނެވި ގޮތަށް، އެންމެ އިސްކަމެއްގެ ގޮތުގައި އެ މަނިކުފާނު ބެއްލެވީ ޕްރޮޖެކްޓްސްތައްވެސް، ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކަކަށް ކަންތައްތައް ކުރުން.

އާދެ، އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން، ސީ.އީ.އޯ.ގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި ގޮތަށް، އެމް.ޕީ.އެލް.އިންވެސް ގިނަ މަސައްކަތްތަކެއް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރަމުން އެބަދޭ. އާދެ، މިއިން ކޮންމެ ކަމެއް ގުޅިފައި މިވަނީ އަޅުގަނޑުމެންގެ ކުރިއެރުމާއި، އަޅުގަނޑުމެންގެ ތަރައްޤީއާ. އަޅުގަނޑުމެންގެ މި ކޮންމެ މަސައްކަތެއް، ކޮންމެ ދިމާއަކުން ބެލިނަމަވެސް، މިހިރީ އެއް މިސްރާބަކަށް އަމާޒު ހިފާފައި.

އާދެ، އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ މަންޒަރުތަކެއް މިރޭ ފެނިގެން މި ދިޔައީ. އެމް.ޕީ.އެލް. އަކީ ވަކި މަސައްކަތްތަކެއް ކުރަން އޮތް ކުންފުންޏަކަށްވީ ނަމަވެސް، އެމް.ޕީ.އެލް.އިން ވަރަށް ގިނަ މަސައްކަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަކޮށްދެއްވާ. ވަރަށް ބޮޑަށް ބޭނުން ޖެހިފައި ތިބި ތަންތަނަށް، އެއީ، ސްކޫލްތަކަށާއި އަދި ހެލްތު ސެންޓަރުތަކަށްވީ ނަމަވެސް، ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްދެއްވާފައި އެބަހުރި.

އާދެ، އަޅުގަނޑުމެންނަށް މިއަދު، ދެންމެ ފެނިގެން މިދިޔައީ އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ މިއަދުގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ ކަމަކީ ޒުވާނުން ބިނާކުރުން. އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ދިވެހިންގެ ހުނަރު އިތުރުކޮށް، ދިވެހިންނަކީ، ދިވެހިންގެ ކަންކަން ކުރާ ބަޔަކަށް ހެދުމުގެ ވިސްނުމަކީ އެއީ، މިއަދުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ، ރައްޔިތުންނަށްޓަކައި ކޮށްދެއްވާ އެންމެ މުހިންމު ކަންތައްތަކޭ އަޅުގަނޑު ދަންނަވާނީ.

އާދެ، އެނގިވަޑައިގަންނަވާނެ، މި ގޮތުން، ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރެވޭ އެއް ދިމާއަކީވެސް، އެކި ފަންނުތަކަށް މީހުން ބިނާކުރުމުގެ ދާއިރާ. އާދެ، އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، އެމް.ޕީ.އެލް. އިން ވަކިން ޚާއްޞަކޮށް، އަޅުގަނޑު ދަންނަވަން އޮތީ، މިއަދު އަޅުގަނޑުމެންނަށް މިހިރަ ގޮންޖެހުންތައް، އާދެ، ޕޯޓުގެ ކުޑަކަމާއި، ބޯޓުތަކުގެ ސައިޒު ބޮޑުކަމާއި، މުދާ ގިނަކަމާއި، މާލޭގެ މަގުތަކުގައި އޮތް ތޮއްޖެހުން ބޮޑުކަމާ، މި ހުރިހާ ކަމެއްގެ ޙައްލު މި އަންނަނީ ޒަމާނީ ކޮމަރޝަލް ޕޯޓެއް ދިވެހިރާއްޖޭގައި ހުޅުވިގެން. އާދެ، އެ މަސައްކަތް އިރާދަކުރެއްވިއްޔާ، ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންނަށް ޕޯޓެއްވެސް ތަރައްޤީ ކުރެވިދާނެ، އަޅުގަނޑުމެންނަށް ތަންތަންވެސް ހެދިދާނެ. އަޅުގަނޑުމެންނަށް މެޝިނަރީތައްވެސް ގެނެވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ނުގަނެވޭނެ އެއްޗަކީ، އޯވަރނައިޓަކުން އަޅުގަނޑުމެންނަށް ނުހޯދޭނެ އެއްޗަކީ، އިންސާނީ ވަސީލަތް.

އާދެ، މި ދެންނެވި، ރައީސުލްޖުމްހޫރިއްޔާގެ މި އަމާޒަށް ވާޞިލުވުމަށްޓަކައި އެމް.ޕީ.އެލް. އިން މިރޭ އެ ހުށަހެޅުއްވި ސްކޮލަރޝިޕްތަކަކީ އެއީ، ވަރަށް ޝުކުރުވެރިކަމާއެކު، ވަރަށް އުފަލާއެކު، އަޅުގަނޑުމެން ބަލައިގަންނަ ކަމެއް. އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ، އެމް.ޕީ.އެލް.ގެ ސީ.އީ.އޯ، އަދި ހުރިހާ މުވައްޒަފުންނަށް.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ސީ.އީ.އޯ.ގެ ވާހަކަފުޅުގައި، ފާހަގަކުރެއްވި ދަތި ދުވަސްވަރެއްގައި، ފައިސާލިބުން ދަތިވެ، އާމްދަނީ އިންތިހާއަށް ކުޑަވެ، ދުވަހަކުވެސް އަޅުގަނޑުމެން ހީނުކުރާފަދަ ދަރަޖައަކަށް، އާމްދަނީ ވެއްޓި ދިޔުމުން، އެހެންނަމަވެސް، އެ ދަތި ދުވަސްވަރު އެކި ގޮތްގޮތުން މުވައްޒަފުންނަށް ލިބިގެންދިޔަ ޢިނާޔަތްތައް ކުޑަވެގެންދިޔައިރުވެސް، ހީވާގިކަމާއެކު، ބުރަކަމެއްނެތި ކެތްތެރިކަމާއެކު މަސައްކަތްތަކެއް ކުރަމުން ގެންދިޔަކަން.

އާދެ، އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، އަދިވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ވަށައިގެން ހުރި ޤައުމުތަކަށް ބަލައިފި ކަމަށްވަންޏާ، އަދިވެސް ލޮކްޑައުންގެ ޙާލަތުގައި ޤައުމުތައް އެބަހުރި. ވަރަށް ދަތި ޙާލަތުގައި ޤައުމުތައް އެބަހުރި. ކާބޯތަކެތީގެ ދަތިތަކާ ކޮންމެ ދުވަހަކު ކުރިމަތިލާ މީހުން އެ ޤައުމުތަކުގައި އެބަތިބި. އެހެންނަމަވެސް، އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމަކީ، އެންމެ ބޮޑު ގެއްލުމެއް، ކޯވިޑުގެ ޙާލަތުގައި، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ރައްޔިތުންގެ މީހެއްގެ ބޮލަށް، ނިސްބަތުން ބަލައިފި ކަމަށްވަންޏާ، ލިބުނު ޤައުމަކީ، ދިވެހި ޤައުމު ކަމުގައި އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެން މި ކަންތަކުން ސަލާމަތްކުރުމަށްޓަކައި، އެންމެން އެކުގައި އެ ކުރެވުނު މަސައްކަތަކީ އެއީ، އަޅުގަނޑުމެން ހަމަ ފާހަގަކުރަންޖެހޭ ކަމެއް. މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ސެލިއުޓް ކުރަންޖެހޭ.

އާދެ، އަޅުގަނޑު ދަންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުމުން، ކޯވިޑުގެ ޙާލަތުގައި ކޯވިޑް މެނޭޖް ކުރައްވަމުން، ޤައުމުގެ ބޯޑަރު ހުޅުވާލައިގެން އިޤްތިޞާދުވެސް ހިންގަމުން، އަދި ސްކޫލްތައްވެސް ހުޅުވައިގެން، މި ކުރެވުނު ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ފެންނަނީ، މަޑުމަޑުން ނަމަވެސް، މިކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭތަން.

އާދެ، އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، ޙާލަތު ބަދަލުވެ، އާ ޢާންމު ޙާލަތަކަށް އަޅުގަނޑުމެން ދާ މަގުމަތީގައިވެސް، އަޅުގަނޑުމެން ފަރުވާތެރިވާންޖެހޭ ކަންތައްތަކެއް އެބަހުރި. އެކިއެކި މެޝަރސްތަކާއި، ރެސްޓްރިކްޝަންތަކާ އެއްގޮތަށް އަޅުގަނޑުމެން އުޅެން އެބަޖެހޭ.

އާދެ، އަޅުގަނޑު ދަންނަވާލާނީ، މިފަދަ ބޮޑު ކަންތައްތަކެއް ތަޙައްމަލުކޮށްފައި، ކުރިމަތިވެފައި ތިބި ބަޔަކު، އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އަޅުގަނޑުމެންނަށް ދިމާވީވެސް، އަޅުގަނޑުމެން ހީކުރިކަހަލަ ކަމެއް ނޫން. ދުވަހަކުވެސް އަޅުގަނޑުމެން ތަޖުރިބާ ކުރިކަހަލަ ކަންތައްތަކެއްވެސް ނޫން. ކުރިއަށް އޮތް ތަނުގައި ގެއްލުނު ބައި ހޯދުމަށްޓަކައި، ފަހަރެއްގައި ކުރިން ނުކުރާ ކަންތައްތައްވެސް އަޅުގަނޑުމެން ކުރަން ޖެހިދާނެ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޚަރަދު ކުޑަކުރުން، އިސްރާފު ކުޑަކުރުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިއަދު އަޅުގަނޑުމެން އިތުރަށް ވިސްނައި، ކޮންމެހެން ކުރަންވެއްޖެ ކަމެކޭ. އަޅުގަނޑުމެންގެ ޅަދަރިންނަށްވެސް އަޅުގަނޑުމެން ކިޔައިދޭން އެބަޖެހޭ. އަޅުގަނޑުމެން ވިސްނައިދޭން އެބަޖެހޭ. އަޅުގަނޑުމެން ބޮޑެތި މީހުން، އެ ނަމޫނާ ދައްކަން އެބަޖެހޭ. ކުރާކަމަކީ މުހިންމުވެގެން ކުރާކަމަކަށް ވާން އެބަޖެހޭ. ކުރާ ޚަރަދުތަކަކީ، މުހިންމުވެގެން ކުރާ ކަންތައްތަކަކަށް ވާން އެބަޖެހޭ. އަޅުގަނޑުމެން ބުރަ މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ޚަރަދު ކުޑަކޮށްފައި، އަޅުގަނޑުމެންގެ ޖީބަށްލެވޭ، ރައްކާކުރެވޭ ބައި އިތުރުކުރަން އަޅުގަނޑުމެން އެބަޖެހޭ. އަޅުގަނޑުމެން އެކަންތައްތައް ކޮށްގެން ނޫނީ، އަޅުގަނޑުމެން ބޭނުންވާ ދުވަސް އަޅުގަނޑުމެންނަށް އަވަހަކަށް ނުފެންނާނެ. އެ ގެއްލިގެންދިޔަ ބަޔަކީ އެއީ، ވަރަށް ބޮޑު އެއްޗެއް. ގެއްލުނީ އެތައް ބިލިޔަނެއް. ގެއްލުނީ އެތައް ބަޔެއް. އަޅުގަނޑުމެންނާ ވަކިގެން ގޮސްފި އެތައް ބަޔެއް. އެތައް ކުއްޖެއް ވަނީ ސްކޫލުން އެ ލިބޭ ތަޢުލީމުންވެސް މަޙްރޫމްވެފައި. އެހެންވީމާ، އަޅުގަނޑު މިދެންނެވި ގޮތަށް، އެންމެން އެއް އަމާޒަކަށް ދާން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ، މިއަދު ދަތިތަކެއް އެބަހުރި. އަޅުގަނޑުމެން ކަންތައްތައް ކުރަމުން އައި ގޮތުގައި ދަތިތަކެއް އެބަހުރި.

އެހެންނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ، ޤައުމަކީ އެއީ، އެންމެ މީހެއްގެ ޤައުމެއް ނޫން. މި ޤައުމަކީ މިއީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޤައުމެއް. މި ޤައުމަށް ދިމާވާ ދަތި ކަންތައްތަކާވެސް ކުރިމަތިވާނީ ހުރިހާ ރައްޔިތުންނާ. މި ޤައުމަށް އުފާވެރި ކަމެއް، އުޖާލާ ކަމެއް، ރަނގަޅު ކޮންމެ ކަމެއް ކުރިމަތިވިޔަސް އެއީ، އެންމެންގެ އެއްޗެއް. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޚިޔާލުތަފާތުވުންތަކުގެ ތެރެއިންވެސް، ޤައުމަށްޓަކައި ހިންދެމިލަން. ޤައުމު ހިންދެމިލައިގެން ކުރިއަށްދާނޭ ވަގުތު ދޭން. އެންމެން އެކުގައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެމް.ޕީ.އެލް.ގެ މަސައްކަތާއި އަދި އެނޫންވެސް ސަރުކާރުގެ ކުންފުނިތަކާއި، އަދި އަމިއްލަ ފަރާތްތަކުންވެސް ކުރައްވާ މަސައްކަތްތަކަކީ، އެއީ، ރައްޔިތުންނަށްޓަކައި، ޤައުމަށްޓަކައި ކުރެވޭ މަސައްކަތެއްކަން އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކީ ވިސްނުންތެރިން. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެން އެންމެން އެއްކޮށް، އެއް ސަފެއްގައި ތިބެގެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، ކާމިޔާބުނުވާނެ ކަމެއް އިރާދަކުރެއްވިއްޔާ ނޯންނާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ޚާއްޞަކޮށް، ކޯވިޑުގެ އެ ދަތި އުނދަގޫ، ހިތާމަވެރި، އެންމެ އުނދަގޫވި ވަގުތު، އެމް.ޕީ.އެލް.ގެ މުވައްޒަފުންނާއި އަދި ރާއްޖޭގެ އެހެނިހެން ހުރިހާ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކާއި، ހުރިހާ އެންމެން އެ ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އެ އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންކުރާ މަސައްކަތުގައި ބަރަކާތްލައްވައި، އަޅުގަނޑުމެންގެ ޤައުމަށް ފަހި ދުވަސްތަކެއް اللَّـهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.