ސަރުކާރުން ދޫކޮށްލައްވާ ކޮންމެ މުވައްޒަފަކަށްވެސް ކޮންމެވެސް ގޮތެއް ހޯއްދަވައިދެއްވުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށާއި، އެއްވެސް ރައްޔިތަކަށް ނިކަމެތި ގޮތެއް މެދުވެރިވުމަކަށް މި ސަރުކާރުން ކުޑަކޮށްވެސް އެދިވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު މަދުކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށާއި، ސަރުކާރުގެ ވަޒީފާއިން ވަކިކުރައްވައި ނުވަތަ އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ދެއްވާ ޢިނާޔަތްތަކާބެހޭ އިތުރު ތަފްޞީލު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރައްވަން އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން އަދި ހިންގަވާ މަޝްރޫޢުތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެގެނެއް ނުދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދާއި އިދާރީ ހިންގުމާއި، ރާއްޖޭގެ މާލިއްޔަތުވެސް ހަރުދަނާ ކުރުމަށްޓަކައި އެންމެ ބޭނުންވާ އެއްކަމަކީ، ލިބޭ އެއްޗަކުން ކޮންމެ އަހަރަކުވެސް ފުއްދޭގޮތަށް ދިރިއުޅެމުން ގެންދިއުން ކަމަށާއި، އެ ސަބަބަށްޓަކައި ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރައްވަން އެބަ ޖެހިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރަށް ލިބިވަޑައިގަންނަވާ އެއްޗަކާއި ހިނގާ ޚަރަދާ، މިކަންކަން ބައްލަވަމުން ގެންދަވާއިރު، ސަރުކާރުން ނަންގަވާފައިވާ ދަރަނި އަނބުރާ ދެއްކެވުމަށާއި އިންޓްރެސްޓަށް އެކެއް ޕޮއިންޓް ހަތަރު ބިލިއަން ރުފިޔާ ޚަރަދު ކުރައްވަން އެބަ ޖެހިވަޑައިގަންނަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ޚާއްޞަކޮށް، މި ލޯނުތަކުގެ ސަބަބުން މިއަންނަ އަހަރު ސަތޭކަ ވިހި މިލިއަން ޑޮލަރު އަނބުރާ ދައްކަވަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެއީ، ސަރުކާރުން އުފުއްލަވަންޖެހޭ ވަރަށްބޮޑު ބުރައެއްކަން ފާހަގަކުރައްވަމުން، މި ބުރަ ސަރުކާރުން އުފުއްލަވާނެ ކަމަށާއި، ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، ވަރަށްގިނަ ޢަދަދެއްގެ ނަރުދަމާއާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރެއްވުމަށް އެކިއެކި ކުންފުނިތަކާއެކު ސޮއިކުރައްވާނެކަން ހާމަކުރެއްވިއެވެ. އަދި މިކަން ސަރުކާރަށް މިގޮތަށް މިފަސޭހައިން މިހަމަޖެއްސެވުނީ، އޭގެ ފަހަތުގައި ސަބަބުތަކެއް ހުރެގެން ކަމުގައިވެސް ވިދާޅުވިއެވެ.

ސުނާމީ ރިކަވަރީ ޕްރޮގްރާމްގެ ދަށުން އެހީދޭ ގިނަ އޭޖެންސީތަކުން ދިވެހިރާއްޖެއަށް އެހީ ދިނުމަށް އޭރުގައި އެއްބަސްވި ކަމަށާއި، އެހެންނަމަވެސް، އެހީދޭ ޖަމާޢަތްތަކުން 2006، 2007 ގައި، ޚާއްޞަކޮށް 2007ގެ މެދާ ހިސާބުގައި ހުރީ މި މަޝްރޫޢުތައް މުޅިންހެން ހުއްޓަވާލައްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތައް ހުއްޓާލެވިފައި ހުރީ ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް އެހީ ދިނުމާ ގުޅޭގޮތުން އޭރުގައި ވިސްނަވަމުން ގެންދެވި ވިސްނެވުމުގެ ސަބަބުން ކަމަށާއި، އެހެންނަމަވެސް، މި ޕްރޮގްރާމް މިހާރު އަލުން މިފެށުނީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، މަދުވެގެން 16 ވަރަކަށް ރަށުގައި ބޮޑެތި މަޝްރޫޢުތައް ހިންގަވަން ސަރުކާރަށް ފެށްޓެވޭނެ ކަމަށާއި، އެއީ ސަރުކާރުން ހިންގަވަމުން މިގެންދަވާ މަސައްކަތްތަކުގެ ވަރަށްބޮޑު ކާމިޔާބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަޅުގަނޑުމެން ނެތިގެން މިއުޅެނީ ބަޖެޓަށް ބޭނުންވާ ފައިސާ ކަމަށް ވިދާޅުވެ، ޕްރޮޖެކްޓެއް ހަދާފައި، އެ ޕްރޮޖެކްޓަށް ބޭރުން ފައިސާ ހޯދުމުގެ ފުރްޞަތު، ކުރިއަށްވުރެ މިހާރު މިއޮތީ މާބޮޑަށް ހުޅުވިފައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އިރާދަކުރެއްވިއްޔާ، އެކަންކަން ހަމަ ފަހިކޮށް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށާއި، ކުރިއަށް މިއޮތް މަސްތަކަކީ އަދި ހަމަ މާ އުޖާލާ މަސްތަކަކަށްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.