بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وصحبـه أجمـعـين.

މިއަދު މި ފެށުނު މަސައްކަތަކީ އަޅުގަނޑު ދަންނަވާނީ، މާލޭ މީހުންނަށާއި އަދި މާލެ އައިސް އުޅޭ މީހުންނަށް މިވަގުތު އެންމެ ބޮޑުވެފައިވާ ކަންތައް ޙައްލަކަށް ގެނައުމަށްޓަކައި ފެށުނު މަސައްކަތެކޭ.

މާލޭގެ މަގުތަކުގެ ކަންތައް އޮންނަގޮތް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާކަށް ނުޖެހޭނެ. ތިޔަ ހުރިހާ ބޭފުޅުންނަކީ މާލޭގައި އުޅުއްވާ ބޭފުޅުން. ނޫންނަމަ މާލެއަށް ޒިޔާރަތްކުރައްވާ ބޭފުޅުން. ތިޔަބޭފުޅުންނަށް މާލޭގެ މަގުތަކުގެ ކަންތައް އޮންނަގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މާލޭ މުނިސިޕަލްޓީ ހިންގެވުމާ ޙަވާލުވެ ހުންނެވި އަލްފާޟިލް ޢުމަރު ޒާހިރު، ދެންމެ އެ ވާހަކަ ވަރަށް ސާފުކޮށް ދެންމެ ވިދާޅުވެދެއްވައިފި. ވާރޭކޮޅެއް ވެހިއްޖެނަމަ، މާލޭގެ އެންމެން އުޅެންޖެހޭ ޙާލު. އާދެ، މާލޭގެ އެންމެންނެއް ނޫން. މާލޭ މީހުންނާއި، މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ މީހުންނާއި އަދި މާލެއަށް ޒިޔާރަތްކުރާ ބޭރުމީހުންނާ، މި އެންމެންވެސް އުޅެންޖެހެނީ ވަރަށް ދަތިގޮތަކަށް. މާލޭގެ މަގުތަކުންލާފައި، އެއްތަނުން އަނެއް ތަނަށްދާ މީހަކަށް، އެއްވެސް އަރާމެއް ނެތް. އެމީހަކީ ދުއްވާފައިދާ އެއްޗެއްގައި ދާ މީހެއް ކަމުގައިވިޔަސް، މަގުމަތީގައި ހިނގާފައިދާ މީހެއް ކަމުގައިވިޔަސް، އެންމެންވެސް އުޅެންޖެހެނީ ވަރަށްބޮޑު ވޭނެއްގައި. ވަރަށްގިނަ ގޮތްގޮތުން ދަތިތަކާ ކުރިމަތިލާންޖެހޭ. އެ ދަތިތަކުގެ އިތުރަށް، ވަރަށްގިނަ ހަލާކާއި ގެއްލުމާވެސް ކުރިމަތިލާންޖެހޭ.

އެހެންވީމާ، މިކަމަކީ އެއްގޮތަކަށްވެސް މިހާރު މި އޮތްގޮތަށް ބޭއްވެން އޮތް ކަމެއް ނޫން. ދެންމެ ޢުމަރު ޒާހިރު އެ ވިދާޅުވިފަދައިން، މިކަމަކީ ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެންނަމަވެސް، ސަރުކާރުން ކޮންމެވެސް ރަނގަޅު އުޞޫލަކަށް، ކޮންމެވެސް ރަނގަޅު ގޮތަކަށް ހަދަންވެއްޖެ ކަމެއް. މަސައްކަތަކީ ވަރަށްވެސް ބޮޑު މަސައްކަތެއް. މާލޭގެ މަގު ހެދުމުގެ މަޝްރޫޢު ރޭވިގެން އައިއިރު، 16 މޭލުގެ މަގުހެދުމަށް ވަނީ ޤަޞްދުކުރެވިފައި. އެންމެ ފުރަތަމަ އިސްކަންދެވޭ 10 މޭލާއި، އޭގެފަހުން އިސްކަންދެވޭ 6 މޭލާ. އެކު ޖުމްލަ 16 މޭލުގެ މަގު ހަދާގޮތަށް ވަނީ ޤަޞްދުކުރެވިފައި. މިކަމާބެހޭ ދިރާސާތައް، މީގެކުރިން ވަނީ ކުރެވިފައި. ސަރުކާރުން މިކަމާ ޚިޔާލުކުރާތާ އެތައް އަހަރެއް ވެއްޖެ. މިކަން ޢަމަލީ ސިފަޔަކަށް ނުގެނެވި މި އޮތް ސަބަބަކީ، މަސައްކަތުގެ ބޮޑުކަމާއި އަދި މަސައްކަތަށް ދާނެ ޚަރަދުގެ ބޮޑުކަން. މިބާވަތުގެ ކަމަކީ އަޅުގަނޑުމެންނަށް ފަސޭހަކަމަކަށްނުވޭ. ޚަރަދުބޮޑުކަމުން ސަރުކާރުން ބަލަނީ، ބޭރުގެ އެހީއެއްވެސް ލިބިގެން ކުރިއަށް ގެންދެވޭތޯ. ޚަރަދު ބޮޑު ހުރިހާ މަޝްރޫޢުތަކެއް، އެކަހަލަގޮތަކަށް ރާވަންޖެހިފައި އޮންނަނީ. މި މަޝްރޫޢަށްވެސް މުސްތަޤްބަލުގައި ބޭރުގެ ކޮންމެވެސް ފަރާތެއްގެ އެހީއެއް ލިބިދާނެކަމުގެ އުންމީދު އެބައޮތް. އެހެންނަމަވެސް، އެ އެހީ ލިބެންދެން، އަޅުގަނޑުމެންނަށް މިހާރު މަޑުކުރެވޭކަށް ނެތް. ކޮންމެ ގޮތެއްގައިވެސް މަސައްކަތް ޖެހިއްޖެ އަޅުގަނޑުމެން ފަށަން. އެހެންވީމާ، މިއަދު އަޅުގަނޑުމެން މާތްﷲގެ ވާގިފުޅާއެކު، މި މަސައްކަތް މި ފެށީ.

އާދެ، މަސައްކަތް ރޭވިފައިވާ ގޮތްވެސް، ތިޔަބޭފުޅުންނަށް ދެންމެ މަސައްކަތާ ޙަވާލުވެ ހުންނެވި ބޭފުޅަކު ވިދާޅުވެދެއްވައިފި. މަގުތަކުގެ ދެ އަރިމަތި ހެދިފައި އޮންނާނެ ގޮތާއި، އެ ކާނުތައް ހެދުމުގެ ބޭނުމާއި، އެ ހެދިފައި އޮންނާނެ ގޮތް. އަދި މަގުގެ މެދުވެސް ހެދޭނެގޮތް. މިގޮތަށް ހެދުމުން ޝައްކެއްނެތްގޮތުގައި، މާލޭގައި ދިރިއުޅޭ އެންމެންނަށާއި އަދި މާލެއަށް ޒިޔާރަތްކުރާ އެންމެންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެ. މިހާރު މާލޭގައި އޮތް އެއް މަގު ހަދާފައި އެއޮތީ ނަމޫނާ މަގެއްގެ ގޮތުގައި، ދާދި މިކަހަލަ ގޮތަކަށް. އެ މަގުގެ ތަޖުރިބާއަށް ބަލާއިރު، މިހާރު މި ޤަޞްދުކުރެވޭ ގޮތް އެއީ އަޅުގަނޑު ހިތުން މާލެއަށް ވަރަށްކަމުދާ ގޮތެއް.

އާދެ، މިކަހަލަ ކޮންމެ މަސައްކަތެއްގައިވެސް ވަރަށްގިނަ ފަރާތުގެ އެހީއާއި އެއްބާރުލުން ސަރުކާރަށް ބޭނުންވޭ. މިގޮތުން މި މަސައްކަތް ފެށުނީއްސުރެ، މަސައްކަތޭ އަޅުގަނޑު މި ދެންނެވީ، މިކަންތައް ކުރަން ސަރުކާރުން ޤަޞްދުކުރީއްސުރެ މިކަމާ ބެހޭ ހޯދުންތައް، މަގު ހަދާނެގޮތް ޑިޒައިންކޮށް، އޭގެ ރިޕޯޓުތައް ތައްޔާރުކޮށް، އެކަންތައްތައް ކުރުމުގައި ވަރަށްގިނަ ފަރާތެއްގެ އެހީވަނީ ލިބިފައި. ދެންމެ މުނިސިޕަލްޓީ ހިންގެވުމާ ޙަވާލުވެ ހުންނެވި، އަލްފާޟިލް ޢުމަރު ޒާހިރު އެ ވިދާޅުވިފަދައިން، މިކަމުގައިވެސް އޮނަރަބްލް އަލްފާޟިލް ޢަލީ ޢުމަރު މަނިކުގެ އެހީ ވަރަށް މަތީ ދަރަޖައަކަށް ވަނީ ލިބިފައި. އެހެންވީމާ، އެމަނިކުފާނަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެވެސް އުފަލެއް ކަމުގައި ދެކެން.

ހަމައެއާއެކު ދަންނަވާލަންޖެހެނީ، މާލޭގެ މަގުހެދުން މިހާރު ޙަވާލުވެފައި އެއޮތީ މާލޭ މުނިސިޕަލްޓީއާއޭ. މުނިސިޕަލްޓީ ހިންގެވުމާ ޙަވާލުވެ ހުންނެވި ޢުމަރު ޒާހިރަކީ، މިކަހަލަ ހުރިހާ މަސައްކަތެއްގައި ވަރަށް ހީވާގިކަމާއި މުރާލިކަމާއި ހިންމަތާއެކު މަސައްކަތް ކުރައްވާ ބޭފުޅެއްކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެމަނިކުފާނަށްވެސް ތެދުވެރިކަމާއެކު ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، މިހާތަނަށް މާލޭގެ މަގުތައް ހެދުމުގައި، މާލޭ މުނިސިޕަލްޓީގެ ފަރާތުން ކުރައްވަމުން ގެންދަވާފައިވާ ބުރަ މަސައްކަތް، ތިޔަބޭފުޅުންނަށް އޮންނާނީ ރަނގަޅަށް ފެނިވަޑައިގެންފައި. ރެޔާދުވާލު އަބަދު މަގުތައް ހެދުމުގައި މުނިސިޕަލްޓީގެ ހުރިހާ މުވައްޒަފުން މަޝްޣޫލުވެގެން ތިބެނީ. ވާރޭވެހޭ މޫސުމުގައިވެސް، ކިރިޔާވެސް ފުރުޞަތެއް ލިބިއްޖިއްޔާ އެބޭކަލުން މަގުތަކަށް ނުކުންނަވައި، ހަލާކުވެފައިވާ ތަންތަން ހައްދަވަމުން ގެންދަވާ. ވިދިގެން އަންނަ ދުވަހު ނުވަތަ ވިދިގެން އަންނަ ރޭ، ވާރޭކޮޅެއް ވެހިލައިގެން ހަލާކުވިޔަސް، އޭގެ އަނެއް ދުވަހު އިތުރު ހިތްވަރަކާއި، އިތުރު ހިންމަތަކާއެކު ހަމަ އެބޭކަލުން ނުކުންނަވައި، ހަމަ އެ މަގުތައް ހައްދަވަމުން ގެންދަވާ ތަން އަޅުގަނޑުމެން ދެކެފައިވަނީ އެއްފަހަރަށްވުރެ ގިނަފަހަރު.

އާދެ، މީގެކުރިން މަގުހެދުމުގައި ހަލާކުވާ ތަންތަން ރަނގަޅު ކުރުމުގައި ސަރުކާރުން ވަރަށްބޮޑު ބުރައެއް ވަނީ އުފުލާފައި. ވަރަށް ގިނަ ޚަރަދުތަކެއްވެސް ވަނީ ކޮށްފައި. އަޅުގަނޑު ބަލައިލި ބަލައިލުމުން އެނގެނީ، ކޮންމެ އަހަރަކު ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ، މިވޭތުވެދިޔަ 3 އަހަރު މަގު ހެދުމަށް ވަނީ ޚަރަދުވެފައިކަން. އެހެންވީމާ، އެ ކުރެވޭ މަސައްކަތަކީ އެއްވެސް މާނައެއް އޮތް މަސައްކަތަކަށްނުވޭ. މަގު ހަދައި ނިމޭތަނުން އަނެއްކާ މަގު ހަލާކުވަނީ. ދެވަނަފަހަރަށް ހަދަންޖެހެނީ. ކޮންމެ އަހަރަކު ގާތްގަނޑަކަށް ދޮޅު މިލިޔަން ރުފިޔާ އެކަމަށް ޚަރަދުކުރަންޖެހެނީ. އެހެންވީމާ، ދެތިން އަހަރު ދުވަހު އެކުރާ ޚަރަދު، މިކަހަލަ ބޮޑު އެއް މަސައްކަތަކުން ކުރެވިއްޖެ ކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި، އެއީ މާ ފައިދާހުރި ރަނގަޅު ގޮތަކަށްވާނެ. އެހެންވީމާ، މިހާރު ޚިޔާލުކުރެވިފައި އޮތްގޮތުން، މި އަހަރު ގާތްގަނޑަކަށް 7.9 މިލިއަން ރުފިޔާ މިކަމަށް ޚަރަދުވާނެ. އެއީ ރޭވިފައި އޮތްގޮތަށް މަސައްކަތް ހިނގައިފިއްޔާ. މި އަންނަ އަހަރުވެސް މި މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ކޮންމެއަކަސް، ޚަރަދުކުރަން ޖެހުނަސް ޚަރަދުކުރަންޖެހޭ ކަންތައްތަކަށް ޚަރަދުކުރުން އެއީ ލާޒިމުވެފައި އޮންނަ ކަމެއް. އެ އުޞޫލުން އަޅުގަނޑުމެން މިއަދު މި މަސައްކަތް މި ފެށީ.

އާދެ، ޝުކުރު ދެންނެވުމުގެ ލިސްޓުގައި އަދިވެސް އެއްފަރާތެއް ހިމަނަންޖެހޭ. އެއީ އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިން. އެ އޮފީހުގެ ފަރާތުން މި މަސައްކަތް ޑިޒައިންކޮށްދެއްވުމުގައި ވަރަށްގިނަ އެހީތަކެއް ވަނީ ލިބިފައި. އެބޭފުޅުންގެ މަޝްވަރާއާއި، އެބޭފުޅުންގެ ލަފާ ވަނީ ލިބިފައި. އެހެންވީމާ، އެ އޮފީސް ހިންގަވަން ތިއްބެވި ވެރިންނަށާއި، އެ އޮފީހުގެ މުވައްޒަފުންނަށްވެސް އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން.

އާދެ، މަސައްކަތް ފަށައިގެން ހިނގައިގަތުމަށްފަހުގައި، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެ ކިތަންމެ ކަމެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ މި މަސައްކަތުގެ ސަބަބުން އޭގެ ފައިދާ، އޭގެ ފަސޭހަ ލިބޭނީ ހަމަ އެންމެ މީހަކަށް ނުވަތަ ދެމީހަކަށް ނޫނޭ. މުޅި މާލޭގެ އެންމެންނަށް. އަދި މާލޭގެ އެންމެންގެ އިތުރަށް، މާލެ އައިސް އުޅޭ ރާއްޖެތެރޭގެ މީހުންނަށް. މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ މީހުންނަށް. އަދި މާލެއަށް ޒިޔާރަތްކުރާ ބޭރު ޤައުމުތަކުގެ މީހުންނަށް. މި އެންމެންނަށްވެސް މި މަސައްކަތުގެ ފަސޭހަ، ފަހުން ލިބޭނެކަމެއް ކަމުގައި މިކަންވާތީ، އަޅުގަނޑު އެދެނީ މިކަމުގައި ތިޔަ ހުރިހާ ބޭފުޅުންވެސް އަދި މާލޭގެ ހުރިހާ ރައްޔިތުންވެސް ސަރުކާރަށް އެހީތެރިވެވަޑައިގެންދެއްވުން. ސަރުކާރާ އެއްބާރުލައްވައިގެން، މި މަސައްކަތް އެދެވޭގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ރާއްވަވައިގެން، އެގޮތެއްގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުން. އާދެ، މިކަމަކީ މުޅި ޖަމާޢަތް އެކަމުގައި އެއްބާރުލައިގެން ނޫނީ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމެއްނޫން.

އެހެންވީމާ، މާލޭގެ އަވަށްތަކުން މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ވެދެއްވޭނެ އެހީތަކެއް ހުންނާނެ. އެފަދަ އެހީތަކަކީ ކޮބައިތޯ ހޯއްދަވައި، ބައްލަވައި އަދި އެ އެހީތައް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ދެއްވައިފިއްޔާ ޝައްކެއްނެތްގޮތުގައި މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްދާނެ. ހަމައެއާއެކުގައި، މަސައްކަތް އަވަހަށް ނިންމޭނެ. އަދި ކުރިއަށް އޮތް ތާނގައި އެ މަސައްކަތް ދެމެހެއްޓޭނެ. އާދެ، އެހެންވީމާ، މި ނުކުތާއަށް މާލޭގެ އަވަށް އަވަށުގެ ހުރިހާ ބޭފުޅުން، އަވަށް އަވަށް ހިންގަވަން ތިއްބެވި އަވަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުން އަދި އަވަށް އަވަށުގެ ޢާންމު ރައްޔިތުން ވިސްނާވަޑައިގެން، އަޅުގަނޑު މި ދެންނެވި ދެންނެވުމަށް އެދެވޭ އިޖާބައެއް ދެއްވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، އަނެއްކަމަކީ ދެންމެ ޢުމަރު ޒާހިރުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި ފަދައިން، މާލޭގެ މަގުތައް ތަންކޮޅެއް ކުރިން އޮތްގޮތް، އެއީ ވަރަށްގިނަ ބަޔަކު އެކަމަށް ތާރީފުކުރާ ކަމެއް. އާދެ، މީގެ ތިރީހަކަށް އަހަރު ކުރިން ނުވަތަ ސާޅީހަކަށް އަހަރު ކުރިން، މާލޭގެ މަގުތައް އެއީ މާލެއަށް ޒިޔާރަތްކުރާ ކޮންމެ މީހަކުމެ، އެކަމާ ބެހޭގޮތުން ކޮންމެވެސް ތާރީފުގެ ބަހެއް ނުބުނެ ނުދާފަދަ ގޮތަކަށް އޮތް މަގުތަކެއް. އިއްޔެ އަޅުގަނޑު ދުށް ބޭރުގެ ނޫހެއްގައި ލިޔެފައި އޮތް މަޒުމޫނެއްގައިވެސް އެވާހަކަ ބަޔާންކޮށްފައި އޮތް. އެ ވާހަކަ ލިޔެފައި ވަނީ، 1948 ވަނަ އަހަރު މާލެއަށް ޒިޔާރަތް ކުރެއްވި ބޭރުގެ ނޫސްވެރިއެއް، އޭރު މާލެ އޮތްގޮތާ ބެހޭގޮތުން. އޭނާ އިއްޔެ ނޫން އިހަށްދުވަހުގެ ނޫހެއްގައި، ޝްރީލަންކާގެ ނޫހެއްގައި ޖަހާފައި އޮތް މަޒުމޫނެއްގައި ބުނެފައިވަނީ، މާލޭގެ މަގުތަކުގެ ސާފުކަމާއި ރީތިކަން އެއީ އެމީހުން އެންމެ ބޮޑަށް އަޅައިގަތް އެއްކަމޭ. އަޅުގަނޑުވެސް ހަނދާންހުރޭ، އަޅުގަނޑު ކުޑައިރު މާލޭގެ މަގުތައް އޮންނަގޮތް. މާލޭގެ ހިތްގައިމު ދޮންވެލީގެ މަގުތައް. އެ މަގުތަކާ ބެހޭގޮތުން ރާއްޖެއަށް އަންނަ ކޮންމެ މީހަކު ތާރީފުގެ ބަހެއް ވަނީ ބުނެފައި. މާލޭގެ ސާފުކަމާއި، ރީތިކަމާއި، މަގުތަކުގެ ހިތްގައިމުކަން.

އާދެ، މިކަންތައްތައް މިހާރު މިއޮތީ މުޅިން ބަދަލުވެފައި. އެއީ ތަރައްޤީގެ ސަބަބުން އައި ބަދަލެކޭވެސް ދެންނެވިދާނެ. މި ދެންނެވި ޒަމާނުގައި، މާލޭގައި ދުއްވާ އިންޖީނުލީ ތަކެތި އެއްގޮތަކަށްވެސް ނުގެންގުޅޭ. ނުވަތަ އޮންނަނީ ހަމަ އެކަތި ނުވަތަ ދޭތި. އޭގެފަހުން ރާއްޖެއަށް މިއައި ތަރައްޤީގެ ސަބަބުން މާލެއަށް ދުއްވާ އެއްޗެތި ވަރަށްގިނަ ޢަދަދަކަށް އިތުރުވެގެން ހިނގައްޖެ. އިންޖީނުލީ އެއްޗެތި، ކާރުތައް، ލޮރީތައް، އަދި އެހެނިހެންވެސް އިންޖީނުލީ އެހެނިހެން ބާވަތުގެ އެއްޗެތިތައް. މި ހުރިހާ އެއްޗެތި އިތުރުވުމުގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް މި އުނދަގޫވެގެން އުޅޭ ހިސާބަށް މާލޭގެ މަގުތަކުގެ ކަންތައް ގޮސްފައި މިވަނީ.

އާދެ، މާލޭގެ ރީތިކަން، މާލޭގެ މަގުތަކުގެ ފަސޭހަކަން އަޅުގަނޑުމެން މި ޤުރްބާން ކުރީ ތަރައްޤީއަށްޓަކައި. އެހެންނަމަވެސް، އަޅުގަނޑުމެން އެ ކުރި ޤުރްބާނީ އެއީ އެއްގޮތަކަށްވެސް އެގޮތަކަށް ދެމިއޮންނަންވީ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް މިއަދުވެސް މާލޭގެ މަގުތައް ހަދައިގެން، އެނބުރި މާލެ އޮތް ރީތިކަމަށް، މާލޭގެ ސާފުތާހިރުކަމަށް އެނބުރި ދެވިދާނެ. އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވާނީ އެކަހަލަ ގޮތަކަށް. މަގުތައް ހަދައި ނިމުމުންވެސް، މާލެއަކީ އެންމެ ކުރިން އޮތްހެން، ރީތި ސާފުތާހިރު ތަނަކަށް ހެދޭތޯ އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވާނެ. އެއީ ކުރިންވެސް ދިވެހި ޤައުމަށް ލިބިފައި އޮތް ފަޚުރެއް. މުސްތަޤްބަލުގައި އެ ފަޚުރު ދެމިނޯންނަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ.

އާދެ، މަގުތައް ހެދުމުން ދުއްވާ އެއްޗެއްސަށް ފަސޭހަވާނެ. ހިނގާ މީހުންނަށް ފަސޭހަވާނެ. އެއާއެކުގައި އަޅުގަނޑުމެން ވިސްނަންޖެހެނީ، އިތުރު ނުރައްކާތަކެއްވެސް ކުރިމަތިވެދާނެ ކަމަށް. ދުއްވަން ފަސޭހަވީމާ ،އެއްޗެތި ބާރަށް ދުއްވޭގޮތް ދިމާވާނެ. އެއްޗެތި ބާރަށް ދުއްވައިފިއްޔާ، ދިމާވާ އެކްސިޑެންޓްތައް އިތުރުވާނެ. ގެއްލުން ލިބޭ މީހުންގެ ޢަދަދު ގިނަވާނެ. މިކަންކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ޖެހޭނެ ވަރަށް ބޮޑަށް ވިސްނަން. މިހާރުވެސް އަޅުގަނޑުމެންގެ ޤާނޫނުތަކުގެ ތެރޭގައި، އެއްގަމުގައި ދުއްވާ އެއްޗެތީގެ ޤާނޫނު ހިމެނޭ. އިންޖީނުލީ އެއްޗެތީގެ ޤާނޫނާއި، އިންޖީނުނުލާ އެއްޗެތީގެ ޤާނޫނު. މި ޤާނޫނުތަކުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް ކިތަންމެ ރަނގަޅަކަށްވެސް ފުދޭވަރަށް ޤަވާޢިދުތައް ބަޔާންކޮށްފައިވޭ. އެހެންނަމަވެސް، އެ ޤަވާޢިދުތަކަށް އެކަށީގެންވާ ގޮތެއްގައި ޙުރްމަތްތެރިކޮށްހިތެއެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. އާދެ، އެ ޤާނޫނުގައި އޮންނަގޮތުން، އިންޖީނުލީ އެއްޗެއް ދުއްވާފައި ދަމުން، ހަތަރު އަނގޮޅިއަކާ ކައިރިއަށް ދެވިއްޖިއްޔާ މަޑުކުރަންޖެހޭ. ހަތަރުފަރާތަށް ބަލަންޖެހޭ. ބަރުގޮނު އަޅަންޖެހޭ ތަންތަނުގައި ބަރުގޮނު އަޅަންޖެހޭ. ގޯޅިއަކުން މަގުމައްޗަށް ނުކުންނައިރު މަޑުކުރަންޖެހޭ. އަދި ދުއްވާފައި ދާ އެއްޗެއްގެ ކުރިއަށް، އެހެން އެއްޗެއް އަރަންވެއްޖިއްޔާ ދޭންޖެހޭ އިޝާރާތްތަކެއް ހުރޭ. މަގުގެ ކޮންމެ ފަރާތަކަށް ލަނބާލިކަމުގައިވިޔަސް، ކުރިން ދޭންޖެހޭ އިޝާރާތްތަކެއް ހުރޭ. މިކަހަލަ ވަރަށް ހަމަޖެހޭ މޮޅު އުޞޫލުތަކެއް، އެ ޤާނޫނުގައި ހިމެނިފައިވޭ. އެހެންނަމަވެސް އެ ޤާނޫނު އަޅުގަނޑުމެންގެ ގިނަ މީހުން، ގިނަފަހަރަކަށް ހަނދާނެއްނުހުރޭ. މަގުމައްޗަށް ނުކުމެއްޖިއްޔާ، އެމީހެއްގެ ޚިޔާލުގައި އޮންނަނީ، ދާން ބޭނުންވާ ތާކަށް އެންމެ އަވަހަށް ދިޔުން. އެދާ ދިޔުމުގައި މި ދެންނެވި އުޞޫލުން އެހެން މީހުންނާ ދޭތެރޭ ވިސްނާލުމެއް، ދުއްވާފައިދާ އެހެން އެއްޗެއްސާ ދޭތެރޭގައި ވިސްނާލުމެއް މާބޮޑަކަށް އޮންނަހެނެއް ހިއެއްނުވޭ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ، މާލޭގައި މަގު ހެދުނު ކަމުގައިވިޔަސް، މަގުތައް މިހާރަށްވުރެ ފުރިހަމަގޮތެއްގައި ހެދުނު ކަމުގައިވިޔަސް، އެއީ ވަކިކަހަލަ ކަމަކަށް ޙައްލެއް ގެނެވުނު ކަމަކަށްވެގެން ހިނގައިދާނެއޭ. ހުރިހާ ކަމަކަށް ޙައްލެއް ގެނެވޭނީ، ހުރިހާ ދިމާއަކަށް ވިސްނައި، ހުރިހާ ގޮތަކުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެނޭ. އެހެންވީމާ، މި ދެންނެވި ކަންތައް، އެއީ މަގުމަތީގައި ދުއްވާ އެއްޗެތި ދުއްވުމުގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރުން އެއީކީ މަގުތައް ހަދައި ނިމެންދެން ލަސްކުރަންވީ ކަމެއް ނޫން. ހަމަ މިއަދުވެސް އަޅުގަނޑުމެން ފަށަންވެއްޖެ ކަމެއް. ތިޔަބޭފުޅުންނަށް މިހާރުވެސް ނޫސްތަކުންނާއި އަދި ރޭޑިޔޯގެ ޒަރިއްޔާއިން އެނގިވަޑައިގަންނަވާނެ، ހަމަ ކޮންމެ ދުވަހަކުހެން، ކޮންމެވެސްކަހަލަ އެކްސިޑެންޓެއްވޭ. ބައެއް މީހުންގެ ފުރާނަދާގޮތް ދިމާވޭ. އަނެއްބައި މީހުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭ. އެ ދުއްވާ އެއްޗެއްސަށްވެސް އެހާ ބޮޑެތި ގެއްލުން ލިބޭ. މިކަންކަން މިއީ ވަރަށް ކުޑަކުޑަ ވިސްނުމެއް ބަހައްޓައިފިއްޔާ، އަޅުގަނޑުމެންނަށް މުޅިން ހުއްޓުވިދާނެ ކަމެއް. އަދި މާލޭގައި މި ދެންނެވި ކަހަލަ އެކްސިޑެންޓްތައްވާ މިންވަރަކަށް ދުއްވާ އެއްޗެއްސެއްވެސް ނެތް. މީހުންނެއްވެސް ނެތް.

ދުނިޔޭގެ އެހެން ތަންތާނގައި، މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދުގެ އެތައް ސަތޭކަ ގުނައަކަށް މީހުން ދިރިއުޅޭ ތަންތަން އެބަހުރި. މާލޭގައި މިއުޅޭ ނުވަތަ އަޅުގަނޑުމެން ގެންގުޅޭ ކާރުތަކާއި ލޮރީތަކާއި އަދި އެނޫންވެސް އިންޖީނުލީ އެއްޗެތީގެ އެތައް ސަތޭކަ ގުނައަކަށް ތަކެތި ހުންނަ ތަންތަން ދުނިޔޭގެ އެތަން މިތާނގައި އެތައް ސަތޭކަ އެބަހުރި. އެހެންނަމަވެސް، އެތަންތާނގައި މިހާގިނަ ޢަދަދަކަށް، ނިސްބަތުން ބަލާއިރު، މިހާގިނަ އެކްސިޑެންޓްތައް ވަމަކުންނެއްނުދޭ. މިހާރުވެސް އެއީ ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއް. ކޮންމެ މީހަކުވެސް އެމީހާ މަގުމަތީގައި ހިނގާފައިދިޔަ ކަމުގައިވިޔަސް، އެމީހާ ބަލަންޖެހޭ ހަމަތަކެއް އެބަހުރި. ބައިސްކަލެއްގައި ދިޔަނަމަވެސް، ބައިސްކަލް ދުއްވާފައިދާއިރު ބަލަންޖެހޭ އުޞޫލުތަކެއްވެސް ހުންނާނެ. އަދި ޚާއްޞަކޮށް، އިންޖީނުލީ އެއްޗެއްގައި ދަތުރުކޮށްފައިދާނަމަ، އެމީހަކު އެ ތަބަޢަވާންޖެހޭ ޤަވާޢިދުތަކެއް މާބޮޑަށްވެސް ހުންނާނެ. މިކަންކަމާ ދޭތެރޭގައި ވިސްނައިގެން، ކޮންމެ މީހަކުވެސް އެމީހަކު އެކަން ކުރަން އޮންނަ ގޮތަކަށް ކުރާކަމުގައިވަންޏާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ތެރޭގައި މި އެކްސިޑެންޓްތައް އެއްގޮތަކަށްވެސް ވާކަށެއްނުޖެހޭނެއޭ. އާދެ، އެކްސިޑެންޓް ވުމުން އޭގެ ގެއްލުން ލިބެނީ ހަމައެކަނި އަނެއް ފަރާތަކަށް ނޫން. ހަމަ ތިމާއަށްވެސް އޭގެ ނުރައްކާ، ޖިސްމާނީ ގޮތުން ބޮޑު ނުރައްކަލެއް ތިމާއަށްވެސް ވެދާނެ. ތިމާ ދުއްވާފައިދާ ބައިސްކަލް ނުވަތަ ކާރަށްވެސް ވެދާނެ. އެހެންވީމާ، އެގޮތުން ނަމަވެސް، އަޅުގަނޑުމެން ވިސްނަންވެއްޖެއޭ، އަޅުގަނޑު ދަންނަވާނީ އެކްސިޑެންޓްތައް މަދުކުރެވޭތޯ.

އާދެ، ކޮންމެއަކަސް މި ވާހަކައަކީ ވަރަށް ދިގުކޮށްވެސް ދެއްކިދާނެ ވާހަކައެއް. އެހެންނަމަވެސް، ވާހަކަ ދެއްކުމުގެ ބަދަލުގައި އެންމެންވެސް، ރާއްޖޭގެ ޤާނޫނުތަކާއި އަދި ހަމަޖެހިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުތައް ގެންދެވޭތޯ ބެލުމަކީ މާ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ، މިހާތަނަށް އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނީ.

މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމުގެ ތައުފީޤު الله سبحانه وتعالى އަޅުގަނޑުމެންނަށް ދެއްވާށި. އަދި އަޅުގަނޑުމެންގެ ވިސްނުމާއި ޢަމަލުތައް، އެއް ދުވަހުން އަނެއް ދުވަހަށް އިޞްލާޙުކޮށް، ޤައުމުގެ ފައިދާއަށްޓަކައި އެކަންތައްތައް ކުރެވޭނެ މަގު އެކަލާނގެ އަޅުގަނޑުމެންނަށް ދައްކަވާށި.

والسّلام عليكم ورحمـة اللّـه وبركاته.