ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނައެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރ 21 ވާ އަންގާރަ ދުވަހުގައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އ.ދ. އާ ގުޅުނުތާ މިވީ ދިގު ތާރީޚުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެކެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.