ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބ. ތުޅާދޫ ކައުންސިލާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ތުޅާދޫގެ ކުރިއެރުމަށް ކުރައްވަމުންދާ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށްޓަކައި ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ތުޅާދޫ ދާއިރާގެ މަޖްލިސް މެންބަރު ޙިސާން ޙުސައިން ވެސް ވަނީ ކައުންސިލް މެންބަރުންގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ތުޅާދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ތުޅާދޫގައި ޤާއިމުކުރުމަށް ނިންމާފައިވާ އެއަރޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ޞިއްޙީ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން މަޢުލޫމާތު އަރުވާފައެވެ. އަދި ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުންނާއި، ރަށުގައި އަޅާފައިވާ 50 ހައުސިން ޔުނިޓާއި، ބާކީ އަޅަން ނިންމާފައިވާ 50 ހައުސިންގ ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށް ގެންދަވާ ބައެއް މަޝްރޫޢުތަކާއި ކައުންސިލުން ކުރިޔަށް ގެންދަވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުޅާދޫގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން 50 ހައުންސންގ ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓްކުރުމަށްފަހު ރަނގަޅު ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އެއަރޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ކަމުގައި ވިދާޅުވިއެވެ. އަދި، މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ކައުންސިލުން އިތުރަށް ފާހަގަކުރެއްވެވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ރަށް ތަރައްޤީކުރުމުގައި ސަރަޙައްދީ ތަރައްޤީއަށްވެސް ވިސްނައިގެން ކުރިޔަށްދިޔުމަށް އެދިވަޑައިގެންފައެވެ.