بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وصحبـه أجمـعـين.

މިއަދު މި ހުޅުވުނު އާ މަދަރުސާ، އާދެ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ނުވަތަ އިސްލާމީ ޢަރަބި މަދަރުސާ، މިއީ މިވަގުތު އެތަނަކަށް ރާއްޖެ ވަރަށް ބޮޑަށް ބޭނުންވެފައިވާ ތަނެއް. ރާއްޖޭގެ ތަޢުލީމުގެ ބިންގާ، އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވަމުންދާ ދިޔުމުގައި ފާހަގަކޮށްލެވޭނެ ތަނެއް.

އާދެ، ރާއްޖޭގައި ތަރައްޤީގެ ގޮތުން ފިޔަވަޅެއް އެޅޭ ކޮންމެ ދުވަހަކީ ފާހަގަކުރެވޭނެ ދުވަހެއް. ވަކިން ޚާއްޞަކޮށް، ތަޢުލީމުގެ ދާއިރާ ފުޅާކޮށް، ތަޢުލީމުގެ ފައިދާ، ދިވެހި ދަރިންނަށް ލިބިދެވޭގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީ ފާހަގަކޮށްލަންޖެހޭނެ ފިޔަވަޅެއް. އެގޮތުން، މިއަދު އަލަށް މި ހުޅުވުނު މަދަރުސާއަކީ މާތްގެ ވާގިފުޅާއެކު، ރާއްޖޭގެ ތަޢުލީމުގައި މަތިވެރި ޚިދުމަތްތަކެއް އަދާކުރަމުން ގެންދާނެ ތަނެއް ކަމުގައި އަޅުގަނޑު ޔަޤީންކުރަން.

އާދެ، މިތަނަކީ ޢަރަބިބަހުން ކިޔަވައިދޭގޮތަށް ރާއްޖޭގައި އުފެދުނު ދެވަނަ ތަން. މީގެކުރިން، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ ވިދާޅުވިފަދައިން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ ވަނީ ހުޅުވިފައި. އެއީ ހިޖުރީ 15 ވަނަ ޤަރުނުގެ ފުރަތަމަ ދުވަހު، 1401 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހު. އެ ދުވަހު ހުޅުވުނު މަޢުހަދަކީ ވަރަށް ކާމިޔާބު ގޮތެއްގައި މިހާރު ހަ އަހަރު ދުވަސް ވޭތުކޮށްފައިވާ މަޢުހަދެއް. އެތާނގެ ދަރިވަރުން މިހާރު ރާއްޖެއިން ބޭރު ތަންތާނގައި ކިޔަވަމުން އެބަގެންދޭ. އެކުދިންނަށް ލިބިފައިވާ ތަޢުލީމަކީ ޢަރަބި ދުނިޔޭގައި ޤަބޫލުކުރާ، އެމީހުން ދެކޭގޮތުގައި އެކަށީގެންވާ ފެންވަރުގެ ތަޢުލީމަކަށް މިހާރު އޮތީ ވެފައި. އެހެންކަމާއެކު، އެ މަޢުހަދަކީ ވަރަށް ކާމިޔާބު ގޮތެއްގައި ހިނގަމުންދާ އަދި އެތާނގެ ދަރިވަރުންނަކީ ވަރަށް އެކަށީގެންވާ ފެންވަރަކަށް ޢަރަބިބަހާއި އަދި އިސްލާމީ ތަޢުލީމު ޙާޞިލުކުރަމުންދާ ކުދިބައެއްކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، މިފަދަ ތަނެއް ރާއްޖޭގައި ހުރުމުގެ ބޭނުންތެރިކަމާ ދޭތެރޭގައި ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ވާހަކަފުޅު ދައްކަވައިފި. މިތަން ހުޅުވުމާ ގުޅިގެން، އޭނާ އެ ވިދާޅުވިފަދައިން، މިހާރު ހިނގަމުންދާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ ބަދަލުވެގެންދާނީ، ޘާނަވީ ފެންވަރުގެ މަދަރުސާއަކަށް. މިތަން ހިމެނޭނީ އެ މަދަރުސާއަށް ނުވަތަ އެ މަޢުހަދަށް ކުދިން ތައްޔާރުކޮށްދޭ ތަނެއްގެ ގޮތުގައި. އެހެންވީމާ، މިއީ ރާއްޖޭގައި ދީނީ އަދި ޢަރަބި ތަޢުލީމުގެ ހަރުފަތް ފުރިހަމަކުރުމަށް ކޮންމެހެން ބޭނުންވެފައިވާ ތަނެއް. މިތަނަށް ވަންނަ ކުދިން މިތާނގައި ތިން އަހަރު ދުވަސް ހޭދަކުރުމަށްފަހު، އެކުދިންނަށް އިޢުދާދީ ފެންވަރަށް ނުވަތަ މެދު މަދަރުސީ ފެންވަރަށް ތިބޭނީ ދެވިފައި. އެހިސާބުން ފެށިގެން އެކުދިން ބަދަލުވާނީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއަށް. އެތަނަށް ބަދަލުވުމަށްފަހުގައި އެތާނގައި ޘާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހުގައި އިރާދަކުރެއްވިއްޔާ، މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދެވޭނެ އިންތިޒާމު ހަމަޖެހޭނެ. މިހާރުވެސް މިނިސްޓަރ ވިދާޅުވިފަދައިން، ވަރަށްގިނަ ކުދިން މަޢުހަދު ނިންމާފައި ވަނީ އެހެން ޢަރަބި ޤައުމުތަކުގައި ކިޔަވަން އެތަންތަނަށް ގޮސް.

އާދެ، މި މަޢުހަދު ނުވަތަ މި މަދަރުސާ، ސަރުކާރުން މި އުފައްދަނީ ވަރަށްބޮޑު އުންމީދަކާ އެކުގައި. އެއީ ރާއްޖޭގައި ދީނީ އަދި ޢަރަބި ތަޢުލީމަށް އެދޭ ކުދިން ގިނަވަމުންދިޔުމާއެކު، އެކުދިންނަށް އެފަދަ ތަޢުލީމު ލިބިދެވޭނެ އިތުރު ތަނެއް އުފެއްދުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށްގިނަ ޢަދަދަކަށް ރާއްޖޭގެ ކުޑަކުދިން ނުވަތަ ޅަޢުމުރުގެ ކުދިން ދީނީ ތަޢުލީމު ޙާޞިލު ކުރުމުގެ ބޭނުމުގައި ރާއްޖެއިން ބޭރަށް ވަނީ ގޮސް. އަދި ދަމުންދޭ. އިންޑިޔާގައި، ޕާކިސްތާނުގައި އަދި އެނޫންވެސް ތަންތާނގައި މި ދެންނެވި ކުދިން ތަޢުލީމު ޙާޞިލުކުރަމުން ގެންދޭ. އެ ޢުމުރުގެ ކުދިން ރާއްޖެއިން ބޭރުގައި އެހާ ގިނަ ދުވަސް ހޭދަކުރުމުން، ގިނަފަހަރަށް ދިމާވާގޮތަކީ އެނބުރި އަންނައިރު، ކުދިން ތިބެނީ ރާއްޖެއަށް ބީރައްޓެހިވެފައި. ނުވަތަ ރާއްޖެ އޮންނަނީ އެކުދިންނަށް ބީރައްޓެހި ތަނަކަށްވެފައި. މައިންބަފައިންނާ ދުރުގައި އަދި ތިމާގެ އަމިއްލަ މާޙައުލާ ދުރުގައި ދިހަ ބާރަ އަހަރު ނުވަތަ ފަނަރަ ސޯޅަ އަހަރު ހޭދަކުރުމަށްފަހު ޤައުމަށް އަންނަ ކުދިންނަށް މި ދެންނެވި ދަތި ކުރިމަތިވާނެކަމާމެދަކު ޝައްކެއްނެތް.

އެހެންވީމާ، އެ ދަތި ފިލުވައިދިނުން އެއީ އަޅުގަނޑު ހިތުން ސަރުކާރުން ކުރަންޖެހޭނެ ކަމެއް. މިފަދަ ތަންތަން ރާއްޖޭގައި ހުރި ކަމުގައިވަނީނަމަ، އޭގެފަހުން ދީނީ ތަޢުލީމު ޙާޞިލުކުރަން ރާއްޖެއިން ބޭރަށް ދާނީ ނުވަތަ ދާން ބޭނުންވާނީ، މި ތަންތަން ނިންމާފައި ދާ ކުދިން ކަމުގައި ފެނޭ. އޭރުން އެކުދިން ގޮސް މަތީ ތަޢުލީމު ޙާޞިލުކުރުމަށް ހަތަރު އަހަރު ދުވަސް ނުވަތަ ފަސް އަހަރު ދުވަސް ފުދޭނެ. އެހެންނޫނީ ވާގޮތަކީ، ކުރިންވެސް ދެންނެވި ފަދައިން، މާގިނަ އަހަރުތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރަންޖެހެނީ. އެކަމުގެ ސަބަބުން ތަފާތު އޮއިވަރުތަކުގައި އެކުދިން ޖެހި، އެކުދިން އެނބުރި މާލެ ގެންނައިރު ނުވަތަ ރާއްޖެ އަންނައިރު، ތަން އޮންނަނީ އެކުދިންނަށް ބީރައްޓެހި ތަނަކަށްވެފައި. އެހެންވީމާ، ތަނަށް ދިރުމަށް އަދި ތަނުގެ ކަންތައް ހުރިނެތްގޮތް ރަނގަޅަށް އަލުން ދަސްކޮށް، އެކަށީގެންވާ ގޮތެއްގައި އެމީހުންގެ ޚިދުމަތް ރާއްޖެއަށް ލިބިދިނުމަށް އެތަކެއް އަހަރުތަކެއް ހޭދަވެގެންދޭ. ހަމައެފަދައިން، ޚަރަދުގެ ގޮތުންވެސް ވަރަށްގިނަ ބައެއް، މިފަދަ ތަންތަން ރާއްޖޭގައި ހުރީމާ އަޅުގަނޑުމެންނަށް ރައްކާކުރެވޭނެ. ޚަރަދުކުޑަކުރެވޭނެ. އެއީ ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުމެންގެ ކުދިން ރާއްޖެއިން ބޭރަށް ތަޢުލީމު ޙާޞިލުކުރަން ފޮނުވާ ކަމުގައިވަނީނަމަ، އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން އަދި ބައެއްފަހަރަށް ސަރުކާރުން އެކުދިންނާ ބެހޭގޮތުން އިތުރު ޚަރަދުތަކެއް ކުރަންޖެހޭ.

މި ހުރިހާ ކަމެއް ދޫކޮށްލާފައި، ރާއްޖެއަކީ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއް ކަމުގައި ބެލިނަމަވެސް، މިފަދަ މަދަރުސާއެއް ރާއްޖޭގައި ހުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ބޭނުންވެއްޖެ ކަމެއް. އެއީ އަޅުގަނޑުމެންނަށްވުރެ އިސްލާމީ ޙައިޘިއްޔަތުން ބަލާއިރު، މާ އާދައިގެ ފެންވަރެއްގައި ތިބޭ ތަންތަނުގައިވެސް މިފަދަ މަދަރުސާތައް ހިނގަމުންދޭ. އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި ޤައުމުގައިވެސް އެއީކީ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ފަދައިން، އިސްލާމީ ޤައުމެއް ނޫން. އެތާނގެ އަޣްލަބިއްޔަތަކީ ޣައިރު މުސްލިމް ބައެއް. އެތާނގައިވެސް އެބަހުރި، ޢަރަބިބަހުން ކިޔަވައިދޭ އިސްލާމީ ތަޢުލީމު ޙާޞިލުކޮށްދޭ ތަންތަން.

އާދެ، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރުވެސް އެހެން ދަންނަވަންޖެހޭ. އަޅުގަނޑު އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގޮސް ދުވަސްކޮޅެއް ހޭދަކޮށްލަންޖެހުނު އެ ޤައުމުގައި. އެތާނގައި އަޅުގަނޑަށް އެންމެ ފުރަތަމަ ދާންޖެހުނީ ގާލީގައި ހުރި ޢަރަބިބަހުން ކިޔަވައިދޭ އިސްލާމީ މަދަރުސާއަކަށް. ތަނުގެ ފެންވަރު މާ މައްޗެކޭ ދެންނެވޭކަށް ނެތް. އެހެންނަމަވެސް، އެތަނަކީވެސް ކޮންމެވެސްވަރެއްގެ ޚިދުމަތެއް، ސްރީލަންކާގެ މުސްލިމުންނަށް ކޮށްދެމުންގެންދާ ތަނެއް. އަދި އަޅުގަނޑު މި ދެންނެވި ޤައުމު ފިޔަވައި ދެން އަޅުގަނޑުމެންގެ ރާއްޖޭގެ ކައިރީގައިވާ އެހެން ޤައުމުތަކަށް ވިސްނައިލިޔަސް، އެއިން ކޮންމެ ތަނެއްގައިވެސް ޢަރަބިބަހުން ކިޔަވައިދޭ އަދި އިސްލާމީ ތަޢުލީމު ޙާޞިލުކޮށްދޭ ކިތަންމެ މަދަރުސާތަކެއް ހުރޭ. އަދި ބައެއް ތަންތާނގައި ޖާމިޢާތައް، އާދެ، ޔުނިވަރސިޓީތައްވެސް އެބަހުރި. އެކަން އޮތީ އެހެން ކަމުގައިވަނީނަމަ، އަޅުގަނޑުމެން ފަދަ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއްގައި ޢަރަބި ތަޢުލީމުދޭ، ދީނީ ތަޢުލީމުދޭ، އެއް ތަނަށްވުރެ ގިނަ ތަންތަން ހުންނަންޖެހޭނެކަން ކަށަވަރު. ވަކިން ޚާއްޞަކޮށް، ޢަރަބިބަހަކީ ކީރިތި ޤުރްއާން، އެ ބަހަކުން ބާވައިލައްވާފައިވާ މާތް ބަސް ކަމުގައިވާތީ، ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ޢަރަބިބަހަށް ސަމާލުކަންދޭންޖެހޭ. އެ ބަސް އަޅުގަނޑުމެން ދަސްކުރަންޖެހޭ. އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭންޖެހޭ. އެއީ ޤުރްއާނުގައި އަންގަވާފައިވާ ގެ އަމުރުފުޅުތަކާއި އެކަލާނގެ ނަހީތައް، އަދި ޤުރްއާނުގައި، ދިރިއުޅުމުގެ ތަފާތު ކަންކަމާ ދޭތެރޭގައި މާތް ދެއްވާފައިވާ މަތިވެރި އިރުޝާދުތައް، ރަނގަޅު ގޮތުގައި ވިސްނޭނީ ހަމަ ޢަރަބިބަސް ދަސްކޮށްގެން ކަމުގައި އަޅުގަނޑު ދެކެން. އެއީ އެއްވެސް ޝައްކެއްނެތްގޮތުގައި، ވަރަށްބޮޑު ޙަޤީޤަތެއް. މި ހުރިހާ ކަމެއް މިހެން ހުރުމާއެކުގައި، ރާއްޖޭގައި މިފަދަ މަދަރުސާއެއް އަލުން ހުޅުވުމަކީ، ކޮންމެހެން ބޭނުން ކަމެއް ކަމުގައި ފެނިގެން މިއަދު މި މަދަރުސާ މި ހުޅުވެނީ.

އާދެ، މި މަދަރުސާ ހުޅުވުމާ އެކުގައި މަދަރުސާއަށް ބޭނުންވާ ހުރިހާ ކަމެއްވެސް ސަރުކާރުން ގެންދާނީ ހަމަޖައްސަމުން. މިހާރުވެސް މި މަދަރުސާގެ މުދީރަކު ސަރުކާރުން ވަނީ ހަމަޖައްސާފައި. އެއީ އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް. އޭނާއަކީ ތިޔަބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ ފަދައިން، މަތީ ފެންވަރަކަށް ދީނީ ތަޢުލީމު އަދި ޢަރަބި ތަޢުލީމު ޙާޞިލުކުރައްވައިގެން މާލެ ވަޑައިގެން ހުންނެވި، ކަމަށް ވަރަށް ޤާބިލް ބޭފުޅެއް. އެހެންވީމާ، އެފަދަ ބޭފުޅަކު މިތާނގެ އެންމެ އިސް ވެރިޔަކަށް ހުންނަވައިގެން، މިތާނގެ މަސައްކަތްތައް ވަރަށް އެދެވޭ ރަނގަޅު ފެންވަރަކަށް ގެންދެވޭނެކަމާމެދަކު ޝައްކެއްނެތް.

އާދެ، މި މަދަރުސާ "އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ" ހުޅުވުމުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސީދާ ހިންގަވާ 49 ތަން ރާއްޖޭގައި ހުންނާނެ. އޭގެތެރެއިން 9 ތަން ހުންނާނީ ނުވަތަ ހުރީ މާލޭގައި. 40 ތަން ރާއްޖެތެރޭގައި. މުޅި ރާއްޖޭގެ މަދަރުސާތަކުގައި މިހާރު ކިޔަވަމުންދާ ކުދިންގެ ޢަދަދު ފަންސާސްހާހަށްވުރެ މައްޗަށް ހިނގައްޖެ. އޭގެތެރެއިން ގާތްގަނޑަކަށް ސަތޭކައަކުން ތިރީސް ފަހެއް ގާތްގަނޑަކަށް ކިޔަވަމުންދަނީ ސަރުކާރުގެ ތަންތާނގައި. މި ދެންނެވީ ސީދާ ސަރުކާރުން އިމާރާތްކޮށްގެން ސަރުކާރުގެ ޚަރަދުގައި ހިންގާ ތަންތާނގައި. އެތަންތާނގެ އިތުރަށް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުން އެހީވެދޭ ވަރަށްގިނަ ޢަދަދެއްގެ މަދަރުސާތައް މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް އެބަހުރި. އެތަންތަނަކީ އަމިއްލަ ތަންތަން ކަމުގައިވިޔަސް، އެތަންތަނަށް ދޭ އެހީއެއްގެ ގޮތުގައި، ވަކި މުއްދަތެއް ހަމަވުމުން، ސަރުކާރުން ފައިސާގެ އެހީ ނުވަތަ އެނޫންވެސް އެހީ ދެމުންގެންދާ ތަންތަން. މިގޮތުން ބަލާއިރު، ރާއްޖޭގައި ވަރަށްގިނަ ޢަދަދަކަށް މިހާރު އަމިއްލަ މަދަރުސާތައްވެސް އެބަހުރި. އޭގެތެރެއިން ގިނަ ތަންތަނަކީ ކޮންމެވެސް ގޮތަކުން ސަރުކާރުގެ އެހީ ލިބެމުންދާ ތަންތަން.

އެހެންވީމާ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން މިދަނީ ރަނގަޅު އަމާޒުފަތްގަނޑަކާ ދިމާއަށްކަމާމެދަކު ޝައްކެއްނެތް. މި ހިނގާ މަގަކީ ސީދާ ރަނގަޅު މަގުކަމާ ދޭތެރޭގައިވެސް ޝައްކެއްނެތް. އެއް ދުވަހުން އަނެއް ދުވަހަށް ރާއްޖޭގައި ހުރި މަދަރުސާތަކުގެ ޢަދަދު ދަނީ ގިނަވަމުން. ހަމައެފަދައިން، ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރާ ކުދިންގެ ޢަދަދުވެސް، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ގިނަވަމުން. އެކުދިން ތަރުބިއްޔަތުވުމުން އެދެވޭގޮތެއްގައި، ޝައްކެއްނެތްގޮތުގައި އެކުދިންގެ ފައިދާ ޤައުމަށް ކުރާނެ.

އާދެ، ރާއްޖޭގެ ތަޢުލީމުގެ ބިންގާ ފުޅާކޮށް، އަދި ރާއްޖޭގެ ތަޢުލީމު އެކަށީގެންވާ ގޮތަކަށް ތަރައްޤީ ކުރުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަދާކުރައްވާ ބަޔަކީ، ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ ގޮތުގައި ވަރަށް މުހިންމު ބައެއް. އެހެންކަމާއެކު، އެ މިނިސްޓްރީއިން އެ ކުރައްވާ އިޚްލާޞްތެރި މަތިވެރި ޚިދުމަތްތަކަށްޓަކައި، އެ މިނިސްޓްރީގެ އެންމެ އިސް ވެރިޔާ އާދެ، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެއާއެކުގައި، އެހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން. އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެކިއެކި ސްކޫލް މަދަރުސާފަދަ ތަންތާނގެ ނާޡިރުންނަށާއި، މުދައްރިސުންނަށާއި، އެތަންތާނގެ ހިންގުމާ ޙަވާލުވެ ތިއްބަވާ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ އުފަލެއް. ވަކިން ޚާއްޞަކޮށް، މިއަދުން ފެށިގެން އެ މަޢުހަދުގެ ކަންތައްތައް އެހެން ނިޒާމަކަށް ބަދަލުވެގެންދާނެ. މަޢުހަދު، އާދެ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ މުދީރު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށާއި، އެތަން ހިންގަވަން ތިއްބެވި އެހެން ބޭފުޅުންނަށާއި، އެތާނގެ މުދައްރިސުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. ހަމައެފަދައިން، ދިވެހިރާއްޖޭގެ އެކިއެކި މަދަރުސާތަކުގައި ކިޔަވައިދެއްވުމަށް ވަޑައިގެން ތިއްބެވި ބޭރުގެ މުދައްރިސުންނަށްވެސް ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ އުފަލެއް. މި ދެންނެވި ޝުކުރުގައި، ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވައިދެއްވަން ތިއްބަވާ މުދައްރިސުންނާއި، އަމިއްލަ މަދަރުސާތަކުގައި ކިޔަވައިދެއްވަން ތިއްބަވާ ބޭރުގެ މުދައްރިސުން އަޅުގަނޑު ހިމަނަން. އަދި އިނގިރޭސި ބަހުން ކިޔަވައިދޭ ތަންތާނގައި ކިޔަވައިދެއްވަން ތިއްބެވި މުދައްރިސުންނާއި އަދި ޢަރަބިބަހުން ކިޔަވައިދޭ ތަންތާނގައި، އާދެ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައި، އޭގެފަހުން މިތާނގައި ކިޔަވައިދެއްވަން ތިއްބަވާ އަދި ތިއްބަވާނެ ހުރިހާ މުދައްރިސުންނަށް މި ފުރްޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކު، އަޅުގަނޑުމެންގެ ޢަރަބި އިސްލާމީ ތަޢުލީމު ކުރިއަށް ގެންދިޔުމުގައި، އެކިގޮތްގޮތުން އަޅުގަނޑުމެންނަށް އެހީތެރިކަން ބަހައްޓަވާ ފަރާތްތަކަށްވެސް ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އާދެ، ވަރަށްގިނަ ޤައުމުތަކުން އެކިގޮތްގޮތުން ރާއްޖޭގެ ޢަރަބި އިސްލާމީ ތަޢުލީމަށް އެހީތެރިވެދެއްވަމުން ގެންދަވާ. މުދައްރިސުން ފޮނުވުމުގެ ގޮތުން ނުވަތަ ފޮތް ހަދިޔާ ކުރެއްވުމުގެ ގޮތުން ނުވަތަ ބައެއްފަހަރަށް ފައިސާގެ ގޮތުންވެސް އެހީވެދެއްވާ. މި ދެންނެވި ތަންތާނގެ ތެރޭގައި ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން، ލީބިޔާ، މިޞްރު، ސަޢޫދީ ޢަރަބިޔާ، ޕާކިސްތާނު، ޢިރާޤު، ކުވައިތު، ރާބިޠަތުލް ޢާލަމުލް އިސްލާމީ، އަދި ޢަރަބި ލީގު. އެހެންވީމާ، މި ހުރިހާ ފަރާތްތަކަށްވެސް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު ދެންނެވުމަކީ މިއަދު ޙާޞިލުކުރާ ވަރަށްބޮޑު އުފަލެއް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، މިއަދު މި ހުޅުވޭ އާ މަދަރުސާގެ ސަބަބުން ރާއްޖޭގެ ތަޢުލީމަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔުން. އަދި ރާއްޖޭގެ ދަރިންނަށް މި މަދަރުސާގެ ސަބަބުން އިތުރު ފައިދާތަކެއް ޙާޞިލުވަމުންދިޔުން. ހަމައެއާއެކު، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެންނަށް ދެއްވައި، ރާއްޖޭގެ ހުރިހާ ކަންތައްތައް، އެއް ދުވަހުން އަނެއް ދުވަހަށް އިޞްލާޙުކޮށް، ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމުގައި އެކަލާނގެ ވާގިފުޅު އަބަދުވެސް އަޅުގަނޑުމެންނާ އެކުގައިވުން.

والسّــلام عليكم ورحمـة اللّـه وبركاته.