ޖަސްޓިސް ސޮސައިޓީ އޮފް މޯލްޑިވްސް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ. ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ޙަފްލާގައި މި ޖަމްޢިއްޔާ އިފްތިތާޙުކޮށްދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޢަދުލު އިންޞާފު ޤާއިމު ކުރުމުގައާއި، ޢަދުލުވެރި މުޖްތަމަޢެއް އުފެއްދުމުގައި، އެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ހަމައެކަނި ޤާނޫނު ތަންފީޒު ކުރާ ފަރާތެއް ނޫން ކަމަށާއި، އެކަމުގެ މަސްއޫލިއްޔަތު ވަރަށްގިނަ ފަރާތްތަކެއްގެ ބޮލުގައި އެޅިފައިވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި މަސައްކަތް ކުރުމަކީ ދައުލަތުގެ، ސަރުކާރުގެ، ރައްޔިތުންގެ މަޖިލީހުގެ އަދި ކޯޓުތަކުގެވެސް ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވީމާ، އެކަންކަން ފަހިކޮށްދިނުމަށްޓަކައި މިހުރިހާ ފަރާތްތަކަކުން މިއަދު މަސައްކަތް ކުރެއްވުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި، މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ޢަދުލު އިންޞާފާ ގުޅިފައިވާ ކިތަންމެ ކަމެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުންގެ މުދަލަކީ، އެއީ އެންމެންނަށްވެސް އޭގެ ޙައްޤު އޮތް އެއްޗެއްކަން ބަޔާންކުރައްވަމުން، އެމުދަލުން ފައިދާ ހޯދުމުގެ ފުރްޞަތު ހުރިހާ އެންމެންނަށްވެސް ހަމަހަމަ ގޮތެއްގައި ހުޅުވިފައި އޮންނަންވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެންމެންނަށްވެސް ޢަދުލުވެރި ގޮތެއްގައި ކަންކަން ފަހިކޮށްދިނުމަށް ޤާނޫނީ ގޮތުންނާއި ޝަރްޢީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ.

ޤައުމީ އިޤްތިޞާދީ ސިޔާސަތަށް މިހާރު ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ބަޔާންކުރައްވަމުން، އޭގެ އަސާސަކީ ޢަދުލު އިންޞާފު ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑެތި އިޤްތިޞާދީ ސިޔާސީ ބަދަލުތަކެއް އަންނަމުންދާނެ ކަމަށާއި، އެބަދަލުތަކަކީ ޤައުމުގައި ޢަދުލު އިންޞާފު ޤާއިމު ކުރައްވައި ކުރިއެރުއްވުމަށްޓަކައި ދައުލަތުގެ ފަރާތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިންޞާފު ޤާއިމު ކުރުމަށް މުއައްސަސާތައް އުފެއްދުމަކުން ޢަދުލު އިންޞާފު އަދި ޤާއިމެއް ނުވާނެކަން ހާމަކުރެއްވިއެވެ. އިންޞާފުވެރި މުޖްތަމަޢެއް އެއީ އަނިޔާވެރިކަމުންނާއި، މަސްތުވާތަކެތިންނާއި ބިރުވެރިކަމުން މީހުން ސަލާމަތްވެފައިވާ މުޖްތަމަޢަކަށްވާން އެބަޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖަސްޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އިފްތިތާޙުކޮށްދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި މި ޖަމްޢިއްޔާއަކީ ގިނަބަޔަކަށް ޢަދުލު އިންޞާފު ނުލިބުމުގެ ޝަކުވާއަށް ޙައްލެއް ހޯއްދަވައިދެއްވާނެ ޖަމްޢިއްޔާއަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އަދި ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމު ކުރެއްވުމުގައި، ބޮޑެތި ޚިދްމަތްތަކެއް ކޮށްދެއްވާނެ ޖަމްޢިއްޔާއަކަށް މިޖަމްޢިއްޔާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.