بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وصحبـه أجمـعـين.

އިސްލާމީ އެހީތެރިކަމުގެ ގުޅުމުގެ ފަރާތުން މާފުށީގައި އިމާރާތް ކުރެއްވި މިސްކިތް ހުޅުވައިދިނުމަށްޓަކައި މިއަދު މި ރަށަށް އައުމަށް މި ލިބުނު ފުރްޞަތަކީ، ވަރަށްވެސް އުފާވެރި ފުރްޞަތެއް. މި ފުރްޞަތުގެ ބޭނުން އަޅުގަނޑު ހިފަން ޤަޞްދުކުރާ އެއްކަމަކީ، މާފުށީގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރުން.

އާދެ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަދި އިސްލާމީ އެހީތެރިކަމުގެ ގުޅުން ހިންގަވަން ހުންނެވި ވެރިޔާ އެ ވިދާޅުވިފަދައިން، މާފުށްޓަކީ މި ރަށުގައި ސަރުކާރުގެ ފަރާތުން ތަފާތު މުހިންމު މަސައްކަތްތަކެއް ހިންގަމުންގެންދާ ރަށެއް. އެ މަސައްކަތްތަކުން މި ރަށަށް ލިބޭ ފައިދާ، މި ރަށަށް ލިބޭ ކުރިއެރުން އަޅުގަނޑު ހިތުން އަޅުގަނޑަށްވުރެ ބޮޑަށް މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އިޙްސާސް ކުރެއްވޭނެ.

އާދެ، ކޮންމެއަކަސް މިއަދު މިރަށަށް އައުމަށް މި ލިބުނު ފުރްޞަތަކީ، އަޅުގަނޑު ވަރަށްވެސް އުފަލާއެކު ޤަބޫލުކުރި ފުރްޞަތެއް. އެހެންވީމާ، މި މުނާސަބަތުގައި ސަރުކާރުގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ފަރާތުން މާފުށީގެ ވެރިންނަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފާޅުކުރަން. އާދެ، މި މިސްކިތަކީ އިސްލާމީ އެހީތެރިކަމުގެ ގުޅުމުގެ ފަރާތުން މި ރަށުގައި ބިނާކޮށްދެއްވި މިސްކިތެއް. މި މިސްކިތް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު ކަމަށްޓަކައި ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. ހަމައެފަދައިން، އިސްލާމީ އެހީތެރިކަމުގެ ގުޅުން ހިންގަވަން ތިއްބެވި ވެރިންނަށް ޝުކުރު ދަންނަވަން.

މިސްކިތަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ ތަނެއް. އަޅުގަނޑުމެންގެ މައްޗަށް މާތްﷲ ފަރުޟު ކުރައްވާފައިވާ އެންމެ އިސް އަޅުކަން، އާދެ، ފަރުޟު ފަސްނަމާދު. ފަރުޟު ފަސްނަމާދު ޤާއިމުކުރުމަށް އެންމެ ހެޔޮކަން ބޮޑީ މިސްކިތް. މިސްކިތުގައި އެ ނަމާދު އަދާކުރުމުން، އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ޘަވާބާއި ރަޙްމަތާއި ދަރުމަ ގިނަގުނަ. މިސްކިތަކީ ނަމާދު ޤާއިމުކުރުމަށް އަޅުގަނޑުމެން މުސްލިމުން ތައްޔާރުކުރާ ތަނެއް. މިސްކިތަށް ގިނަގިނައިން ގޮސް، މިސްކިތްތަކުގައި ނަމާދުކުރުމުގެ ސަބަބުން އެ މިސްކިތްތައް ފަޅުފިލުވައިލާ މީހުންނަކީ، އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުން ކަމުގައި ﷲ ވަނީ ކީރިތި ޤުރްއާނުގައި އަންގަވާފައި. އާދެ، އެއްވެސް އިންސާނަކަށް ﷲ އަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުމަށްވުރެ، އެމީހަކަށް ފައިދާއާއި މަންފާ ލިބޭނެ އެހެން ކަމެއް ނޯންނާނެ. އެހެންވީމާ، މިކަމަށް ރަމްޒުކޮށްދޭ ތަނަކީ މިސްކިތް. އިސްލާމީ މުޖުތަމަޢުތަކުގައި މިސްކިތްތައް ގިނަވެގެން ދިޔުމަކީ ވަރަށް އެދެވޭ ކަމެއް. މިސްކިތުގެ ފަރާތުން މުޖުތަމަޢަށް ލިބެންޖެހޭ ރޫޙާނީ އެހީތަކާއި، ދީނީ ޚިދުމަތްތަކާއި އަދި އިޖުތިމާޢީ ޚިދުމަތްތައް މިގޮތުން ފާހަގަކޮށްލަންޖެހޭ.

ކުރިންވެސް ދެންނެވި ފަދައިން، މިސްކިތަކީ ނުވަތަ މިސްކިތެއް ޢިމާރާތް ކުރުމުގެ އެންމެ ފުރަތަމަ ބޭނުމަކީ، އެ މިސްކިތެއްގައި ނަމާދު ޤާއިމުކުރުން. އެކަން އަޅުގަނޑުމެން އެންމެންވެސް ދަންނަންވާނެ. މިފަދަ މިސްކިތެއް އަޅުގަނޑުމެންގެ ރަށުގައި އާދެ، މާފުށީގައި ޢިމާރާތްވެގެން ހުޅުވިގެންދާ ދިޔުމަކީ، މިރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށް މަތިވެރި ޚިދުމަތެއްކަން އަޅުގަނޑުމެން ހަނދާންކުރަންވާނެ. އެ ޚިދުމަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަކީ، އެ މިސްކިތް ފަޅުފިލުވައިލުން. އާދެ، ކޮންމެ ވަގުތެއްގައިވެސް، މިސްކިތަށް ނަމާދަށް އައިސް، ނަމާދުކުރުމުގެ ގޮތުން މިސްކިތް ފަޅުފިލުވައި ހެދުން. އެއީ އަޅުގަނޑުމެން މިއަދުން ފެށިގެން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ. ހަމައެއާއެކުގައި މިސްކިތް ބެލެހެއްޓުމާއި، މިސްކިތުގެ ހުރިހާ ކަމަކާ ޙަވާލުވުން، އެއީވެސް އަޅުގަނޑުމެން ރައްޔިތުން ކުރަންޖެހޭނެ ކަމެއް. އާދެ، މި ރަށުގެ ރައްޔިތުން ކުރެއްވި އެއްވެސް ޚަރަދަކާނުލައި، އެހެން ފަރާތަކުން މިފަދަ މިސްކިތެއް ޢިމާރާތް ކޮށްދެއްވާފައި، އެ މިސްކިތް އަޅުގަނޑުމެންނަށް، މިރަށުގެ ރައްޔިތުންނަށް ހަދިޔާކޮށްދެއްވިކަން އެއީ އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭނެ ކަމެއް.

އާދެ، ކޮންމެއަކަސް އިސްލާމީ އެހީތެރިކަމުގެ ގުޅުމަކީ، ކިތަންމެ ޅަޢުމުރެއްގެ ޖަމުޢިއްޔާއެއް ކަމުގައިވިޔަސް، އެ ޖަމުޢިއްޔާގެ ފަރާތުން މިހާރު އެދެވޭ ޚިދުމަތްތަކެއް ލިބެމުން އެބަދޭ. އާދެ، އެއިން އެއް ޚިދުމަތެއް، އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ. މިއަދުގެ ތަންކޮޅެއް ކުރީގެ ވަގުތެއްގައި، އާދެ، ޢަޞްރު ނަމާދުގެ ވަގުތުގައި، ގުރައިދޫގައި އެ ޖަމުޢިއްޔާގެ ފަރާތުން ޢިމާރާތްކޮށްދެއްވި މިސްކިތް ހުޅުވިއްޖެ. މިހާރު އިރާދަކުރެއްވިއްޔާ، ކުޑައިރުކޮޅެއްގެ ތެރޭގައި މި މިސްކިތް މި ހުޅުވެނީ. އަދި އެ ޖަމުޢިއްޔާއިން ޤަޞްދުކުރައްވާ ގޮތުގައި ރާއްޖޭގެ އުތުރުގައިވެސް އަދި ދެކުނުގައިވެސް އިތުރު މިސްކިތް ހައްދަވާނެ. އަދި މާލޭގައިވެސް މިސްކިތެއް ޢިމާރާތް ކުރެއްވުމުގެ މަޝްރޫޢު، އެ ޖަމުޢިއްޔާއިން ކުރިއަށް އެބަ ގެންދަވާ. އެ ޖަމުޢިއްޔާއިން ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި، ރައްޔިތުންނަށް ހިލޭސާބަހަށް ޚިދްމަތްކޮށްދެއްވުން ހިމެނޭ. އެކިއެކި ބޭނުން ބޮޑު ޚިދުމަތްތައް، އާދެ، ބަލިމީހުންނަށް ހިލޭސާބަހަށް ބޭސްކޮށްދެއްވުން. މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ޤުރްއާން ދަސްކޮށްދެއްވުން. އަދި މިނޫންވެސް އިޖުތިމާޢީ ގޮތުން ދޭން ބޭނުންވާ އެކިއެކި ޚިދުމަތްތައް ދެއްވުން އެއީ އެ ޖަމުޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް. އެކަންތައްތައް އެބޭފުޅުން އެކުރައްވަނީ ވަރަށް މާތް ބޭނުމެއްގައި. އާދެ، އެއީ ދެންމެ ޒާހިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަކީ، ހެޔޮ ކަންތައްތަކުގައި މީސްތަކުން އެކަކު އަނެކަކަށް އެހީތެރިވެދީ، ބާރުދީ ހެދުމަށް ގޮވާލައްވާފައިވާ ދީނަކަށްވާތީ. އަދި މުޖުތަމަޢު އިޞްލާޙުވެ ތަރައްޤީވާނީ، މުޖުތަމަޢުގެ އެންމެން އެކަމަށްޓަކައި މަސައްކަތްކޮށްގެން ކަމަށްވާތީ.

އާދެ، މި ހުރިހާ ކަމެއް މިހެން ހުރުމާއެކު، މިއަދަކީ އަޅުގަނޑު ހިތުން މާފުށީގެ ރައްޔިތުން ވަރަށް އުފަލާއެކު ފާހަގަކުރައްވާނެ ދުވަހެއް. މިއަދު މި ހުޅުވޭ މިސްކިތުގެ ސަބަބުން މިރަށުގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަމާއި، އިޖުތިމާޢީ ހޭލުންތެރިކަން އިތުރުވެގެންދާނެކަމާމެދަކު ޝައްކެއްނެތް. އަޅުގަނޑުމެން ދަސްކުރަންވީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، އެހެން މީހުންނަށް އެމީހަކަށް ވެވެން އޮތް ވަރަކުން އެހީތެރިވެދިނުން. އެއީ އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅަކީ. ކޮންމެ އިންސާނަކީވެސް، އެމީހަކީ ކިތަންމެ ނިކަމެތި މީހެއް ކަމުގައިވިޔަސް، އަދި ކިތަންމެ ފަޤީރަކު ކަމުގައިވިޔަސް، އެހެން މީހުންނަށް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ. އެހެންވީމާ، އެހެން މީހުންނަށް އެހީތެރިވުމަކީ ހަމައެކަނި މުއްސަނދިންގެ ވާޖިބެއް ނޫން. ހަމައެކަނި ތަނަވަސްކަމުގެ އަހުލުވެރިންގެ ވާޖިބެއް ނޫން. އަޅުގަނޑުވެސް އެއްބަސް، ތަނަވަސްކަމުގެ އަހުލުވެރިންނަށް، މުއްސަނދިންނަށް، އާދައިގެ މީހުންނަށް ކުޅަދާނަވެގެންވާ ވަރަށްވުރެ މާބޮޑަށް ކަންކަމުގައި އެހީތެރިވުމަށް، އެހީތެރިވުމުގެ ޤާބިލިއްޔަތު ނުވަތަ ކުޅަދާނަކަން އެމީހުންނަށް ލިބިގެންވާނެ. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވަން އުޅޭ އެއްޗަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް، އެހެން މީހުންނަށް، އެމީހަކަށް ކޮށްދެވޭނެ ކިތަންމެ ކުޑަ ނަމަވެސް ކަންތައްތަކެއް ހުންނާނެއޭ. އެފަދަ ކަންތައްތައް ކުރުމަށް ބާރު ލިބިގަތުން، އެއީއޭ އަޅުގަނޑުމެން މިފަދަ މުނާސަބަތުތަކުން ދަސްކުރަންވީ ފިލާވަޅަކީ. އާދެ، މި ވާހަކަ މާ ދިގުކޮށް ނުދެއްކިޔަސް، ތިޔަބޭފުޅުންނަށް މިކަމުގެ ބޭނުންތެރިކަން އިޙްސާސް ކުރެއްވޭނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، މިއަދު މިކަންތައް ދިމާވިގޮތުން މިގަޑީގައި ފަރްޟު ނަމާދެއް ކުރެވޭކަށެއް ނެތް. އެހެން މި ދެންނެވީ، ގުރައިދޫގައި އެ ހުޅުވުނު މިސްކިތް ހުޅުވުނީ ޢަޞްރު ނަމާދުގެ ވަގުތުގައި. އެހެންވީމާ، އެ މިސްކިތް ހުޅުވައިދިނުމާ އެކުގައި، އެތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން އެ މިސްކިތުގައި ޢަޞްރު ނަމާދު ކުރެއްވި. މިއަދުގެ ޢަޞްރު ނަމާދު މިހާރުކޮށް ނިމިއްޖެ. އަޅުގަނޑު ހިތުން މިތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންވެސް ނުވަތަ ގިނަ ބޭފުޅުން މިހާރުވާނީ ޢަޞްރު ނަމާދު ކުރައްވައި ނިމިފައި. އެހެންކަމަށްވާތީ، މިއަދު މިސްކިތް ހުޅުވުމާ ގުޅިގެން މިތާނގައި ފަރްޟު ނަމާދެއް ޤާއިމުނުކުރެވުނު ކަމުގައިވިޔަސް، ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކްޢަތް އަޅުގަނޑުމެން ކޮށްލުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. އެކަށީގެންވާ ބޭނުންތެރި ކަމެއް. އެފަދަ ނަމާދެއްގެ ބަރަކާތް އަޅުގަނޑުމެން ލިބިގަތުމަކީ، މިފަދަ މުނާސަބަތެއްގައިވިއްޔާ އަޅުގަނޑު ހިތުން ބޭނުންތެރި ކަމެއް. އާދެ، ބައެއް ބޭފުޅުން ޚިޔާލުކުރެއްވުން އެކަށީގެންވޭ، ޢަޞްރު ނަމާދަށްފަހުގައި އެހެން ނަމާދެއް ކުރުން އެއީ ކޮންކަހަލަ ކަމެއްހޭ؟ އާދެ، އޭގެ ޖަވާބުގައި ދަންނަވަން އޮތީ، ޢަޞްރު ނަމާދުގެ ފަހުގައިވެސް، ސަބަބެއް އޮތް ނަމާދެއް ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކޭ. ޚާއްޞަކޮށް، އަލް އިމާމުއްޝާފިޢީ ވިދާޅުވެފައިވާ ގޮތުގައި، އެފަދަ ސަބަބެއް އޮވެއްޖެ ކަމަށްވަންޏާ، ޢަޞްރު ނަމާދަށްފަހުގައިވެސް ނަމާދުކުރެވޭނެ. އެއީ އެއްވެސް ކަހަލަ ހުރަހެއް އޮތް ކަމެއް ނޫން. މަކުރޫހަ ކަމެއްވެސް ނޫން.

އާދެ، ތަޙިއްޔަތުލް މަސްޖިދަކީ، ނުވަތަ މިސްކިތަށް ވަންނަ ވަނުމުގައި، އެ މިސްކިތަށް އެމީހާ އަދާކުރާ ޙުރްމަތްތެރިކަމުގެ ގޮތުން ކުރާ ނަމާދަކީ ސަބަބެއް އޮތް ނަމާދެއް. އެހެންވީމާ، އެ ސަބަބު މިއަދު މެދުވެރިވެފައި އޮތުމާ އެކުގައި ޢަޞްރު ނަމާދުގެ ފަހުންވެސް، މި ދެންނެވި ނަމާދު، ތަޙިއްޔަތުލް މަސްޖިދުގެ ނަމާދު ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. އެހެންވީމާ، އަޅުގަނޑު ހިތުން، އާދެ، މިރަށަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެގޮތަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން ކުރެއްވެން އޮންނާނެ.

އާދެ، މިވާހަކަކޮޅާ އެކުގައި، މާތްގެ ޙަޟްރަތުން ވާގިއެދެމުން، އެކަލާނގެ ރުއްސަވާވޮޑިގެންވާ މަގުގައި އަޅުގަނޑުމެން އެންމެން ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރަމުން، އިސްލާމީ އެހީތެރިކަމުގެ ގުޅުމުގެ ފަރާތުން މާފުށީގައި ޢިމާރާތްކޮށްދެއްވި މިސްކިތް، އާދެ، މަސްޖިދުލް ފާރޫޤް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.