މޮރިޝަސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން ރެޒިޑެންޓް ސަފީރު ހަރ އެކްސެލެންސީ ސާންތީ ބާއީ ހަނޫމާންޖީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، މޮރިޝަސްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޮރިޝަސްގެ އައު ސަފީރު ވަނީ މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސްގެ ހެޔޮއެދުންތައް ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާކަމުގައި ވިދާޅުވެފައެވެ. އަދި، މޮރިޝަސް އިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަން ލިބިވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ފަޚުރެއްކަމަށާއި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ސަފީރު ވަނީ ދެޤައުމުގެ ވެސް ކޮވިިޑްގެ ޙާލަތު ކޮންޓްރޯލްކުރުމަށް ދެޤައުމުގެ ސަރުކާރުން ނަގާފައިވާ ފިޔަވަޅުތަކާއި، ވެކްސިން ދިނުމުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ދެޤައުމަކީވެސް ކުދި ޖަޒީރާ ދެޤައުމަށް ވުމާއެކު ރައީސުލްޖުމްހޫރިއްޔާއާއި، މޮރިޝަސްގެ ސަފީރު ވަނީ ދެޤައުމުން ޝައުޤުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ ވިޔަފާރިއާއި ޢިޤްތިޞާދީ ދާއިރާއިންނާއި، އިމްޕޯޓް އެކްސްޕޯޓް އިތުރުކުރުމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.