ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ކާށިދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކާށިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ.
އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކުރެއްވެވިއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން ރަށުގައި އިތުރު ބަނދަރެއް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ރަށުގައި ވަޒީފާގެ ފުރުޞަތު ފަހިކޮށް ރަށުގެ އިޤްތިޞާދު ތަނަވަސްކުރުމަށް ޓުއަރިޒަމް ސިނާއަތް ފުޅާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ އެކަމުގައި ސަރުކާރުން އެހީތެރިވެދިނުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަރިހުގައި ދަންނަވާފައެވެ. ހަމަ އެއާއެކު ރަށުގެ ޞިއްޙީމަރުކަޒަށް އެމްބިއުލާންސެއް ބޭނުންވާކަމަށާއި، ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމާއި، ވަޞީލަތްތައް މަދުކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް ޝައުޤުވެރިވާކަން ފާޅުކުރައްވާކަން ފާހަގަކުރައްވާ ރަށާ މާދުރުނޫން ހިސާބެއްގައި ކަނދުފައްޗެއް ބާއްވައިދިނުމަށް ކައުންސިލުން ވަނީ އެމަނިކުފާނު އަރިހުގައި ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކާށިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި، ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި އެކަމާއި ގުޅޭ އިދާރާތަކާއި އިތުރަށް ވާހަކަދެއްކެވުމަށް ވިދާޅުވެފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުޖުތަމަޢުގެ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކައުންސިލުގެ ފަރާތުން މަސައްކަތްކުރެއްވުމަށް ވިދާޅުވެފައެވެ. އެގޮތުން ރަށުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. މީގެ އިތުރުން އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ކުދިންނަކީ ހުނަރުވެރި ކުދިންނަށް ހެދުމަށް އެކި ޕްރޮގްރާމުތައް ހިންގުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. އަދި އޭގެ ސަބަބުން ހަމަޖެހޭ މުޖުމަތަމަޢެއް އުފެދިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާ ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި އެކުދިންނަށް ދެވޭ ފޯނު ފަދަ އާލާތްތައް ރަނގަޅަށް މޮނިޓަރކުރުމަށް ބާރުއަޅުއްވާފައެވެ.