ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމު ކުރައްވާފައި ހުރި ޒުވާނުންގެ މަރްކަޒުތައް ހިންގާ ބެލެހެއްޓެވުން، ކަނޑައަޅުއްވާ ވަކި އުޞޫލަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްލައްވާ ގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ހުށަހަޅުއްވާފައިވާ ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، ޓެންޑަރ އުޞޫލުން ބީލަމަށް ލައްވައިގެން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވާ ފަރާތްތަކަށް، މި މަރްކަޒުތައް ހިންގުން ޙަވާލު ކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ. އަދި އެ މަރްކަޒުތަކުން ޒުވާނުން ޚިދްމަތް ހޯދާ ނިސްބަތަށް ބައްލަވައިގެން، އެތަންތަން ހިންގުމަށް ސަރުކާރުން ފައިސާގެ އެހީއެއް ދެއްވުމަށްވެސް ނިންމެވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމު ކުރައްވާފައިވާ ޒުވާނުންގެ މަރްކަޒުތައް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ބަލަހައްޓަވަމުން ގެންދެވުމުގެ ބަދަލުގައި، އެތަންތަނުން ދެއްވަމުން ގެންދަވާ ޚިދްމަތްތައް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ދެއްވަމުން ގެންދެވޭނީ އިޖްތިމާޢީ މަސައްކަތްކުރާ އެކި މަދަނީ ޖަމްޢިއްޔާތަކުން އެތަންތަން ހިންގީމާކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.

ސަރުކާރުން ޤާއިމު ކުރައްވާފައިވާ 12 ޒުވާނުންގެ މަރްކަޒު މިހާރު އަތޮޅުތަކުގައި އެބަހުއްޓެވެ.