ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އަލިފުށީ ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ފުލުހުންގެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާއި ދަތިތައް އޮޅުންފިލުއްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އަލިފުށީ ޕޮލިސް ސްޓޭޝަނުގައެވެ.


މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފުލުހުންގެ އިސްވެރިންވަނީ ފުލުހުންގެ މަސައްކަތްތައް ކުރިޔަށްދާގޮތާއި ޚިދުމަތް ތަރައްޤީ ކުރުމަށް ބޭނުންވާކަންކަމާއި ޚިދުމަތްދިނުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފުލުހުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްގަމާއި ކަނޑުގެ އުޅަނދުތައް މަދުކަމުގެ ދަތިކަމާއި އިންސާނީ ވަޞީލަތްތަކުގެ ދަތިކަމާއި ބައެއް ޕޮލިސް ސްޓޭޝަންތަކުގެ މަރާމާތަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރު އައިސް ފުލުހުންގެ ޚިދުމަތް ރިފޯމުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު ފުލުހުންގެ ޚިދުމަތަށް މީހުން ކުރާ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ އެންމެ މުހިންމު އެއްބަޔަކަށްވާއިރު އެއްވެސް ފަރުދަކަށް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޒުކުރުމުގައި ކުރިޔަށްދިއުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ޑިސެންޓަރަލައިޒްކޮށް ޚިދުމަތް ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމުގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް ލިބިގެންދާނެ ކުރިއެރުންތަކާއި ފައިދާތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުން އެދިވަޑައިގެންނެވި ކަންކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރިޔަށްރޭވިހުރިގޮތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އަދި މިހާރުން މިހާރަށް ހައްލުކުރަންޖެހޭ ކަންކަމަށް ޙައްލެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީގެ ބޯޓްޔާޑްތައް ހިމެނޭ ސަރަޙައްދަށް ޒިޔާރަތްކުރައްވައި 4 ބޯޓުޔާޑެއް ބައްލަވާލައްވައި އެތަންތަނުން މަސައްކަތްތައް ކުރިޔަށްދާގޮތާ ބެހޭގޮތުންނާއި ދިމާވާ ދަތިތަކާބެހޭގޮތުން އެތަންތަނުގެ އިސްފަރާތްތަކާ ހިޔާލުބަދަލުކޮށްލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީ ފުޓުބޯޅަ ދަނޑަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަލިފުށީ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާނިމި މިހާރުކުރިޔަށްދަނީ އެތަން ނިންމުމުގެ ގޮތުންކުރާ އެންމެފަހުގެ މަސައްކަތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. އަލިފުއްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.