بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް، އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، އަލިފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދު، އަލިފުށީ ކައުންސިލްގެ ރައީސް އާދަމް ޢިމްރާން، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސާ، އަދި ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އަލިފުށީގައި މިވަގުތު މި ބޭއްވޭ މި ރަސްމިއްޔާތަކީ، ސަރުކާރުން ހިންގާ ވަރަށް މުހިންމު މަސައްކަތެއްގެ ފެށުން މި ރަށުގައި ފާހަގަކުރުން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ވަޒީފާ ބޭނުންވާ ވަރަށްގިނަ ޒުވާނުން އެބަތިބި. ހަމައެއާއެކީގައި، ވަޒީފާ ހުރެ، ވަޒީފާއަށް މީހުން ނެތިހުރި ވަރަށްގިނަ ވަޒީފާތައް އެބަހުރި. މިއީ ސުވާލުތަކެއް އުފެދޭ ކަމެއް.

މިރޭ އަލިފުށީގައި މި ހުޅުވޭ ޖޮބް ސެންޓަރަކީ، ދެންމެ ތަޢާރުފްގައި އެ ވިދާޅުވިފަދައިން، ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމުގެ ބޭނުމުގައި ސަރުކާރުން ފަށާ ޕްރޮގްރާމެއް. މީގެ ޤައުމީ ޖޮބް ސެންޓަރުގެ ނަމުގައި އެ ޚިދުމަތް މި އަހަރުގެ އެޕްރީލް މަހުގައި މާލޭގައި ވަނީ ފެށިފައި. މިރޭ އަލިފުށީގައި މި ފެށެނީ އޭގެތެރެއިން ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތައް.

އަޅުގަނޑުމެންގެ އަމާޒަކީ، ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ކޮންމެ ރަށެއްގެ ކައުންސިލާ ގުޅިގެން، ކޮންމެ ރަށެއްގައި އޭގެ ޑެސްކެއް ބެހެއްޓުން. އަދި މޯބައިލްކޮށް އެ މަސައްކަތް ކުރިއަށް ފަށައިގަތުން. އަޅުގަނޑު މި ދެންނެވި ފަދައިން، މި ޖޮބް ސެންޓަރުގެ ބޭނުމަކަށް ވެގެންދާނީ، ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރަޖިސްޓްރީ ކުރުން. ހަމައެއާއެކީގައި، ވަޒީފާއަށް މީހުން ބޭނުންވާ ފަރާތްތައް، ކުންފުނިތަކުންވެސް ވަޒީފާ ހުރިކަން މީގައި ރަޖިސްޓްރީ ކުރުން. އޭރުން ވަޒީފާ ބޭނުންވާ ފަރާތަށް، ހުރީ ކޮން ވަޒީފާތަކެއްކަން، ހުހަށްހުރީ ކޮން ވަޒީފާތަކެއްކަން އެނގިގެންދާނެ. މީގައި ރަޖިސްޓްރީ ކުރުމާ އެކީގައި، ދެންމެ ތަޢާރުފްގައި އެ ވިދާޅުވި ފަދައިން، ޝޯޓްލިސްޓްކޮށް، އިންޓަރވިޔުކޮށް، ވަޒީފާތަކަށް ފުރުޞަތު ފަހިވެގެންދާނެ.
ސަރުކާރުން މި ފަށާ މަސައްކަތުގައި، މި ދެމެދުގައި އޮތް ގެޕެއް، ހުސްކަމެއް އޮތްކަން އަޅުގަނޑު ފާހަގަކުރަން. ކުރިންވެސް ދެންނެވި ފަދައިން، ވަޒީފާހުރެ ވަޒީފާ ނުލިބުމާއި، ވަޒީފާ ބޭނުންވެ ވަޒީފާ ނުލިބުމާ އެބައުޅޭ. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އަނެއް ފަޅީގައި މިއޮތީ ވަޒީފާތަކަށް މީހުން ތަމްރީނު ކުރުން. އެގޮތުން، މި ފަށާ މަސައްކަތުގައި، ރާއްޖޭގެ އެކި ކަންކޮޅުގައި ޓިވެޓް ސެންޓަރުތައް ޤާއިމުކުރެވިގެންވެސްދާނެ. އެގޮތުން، އެއް ސެންޓަރަކީ، އަލިފުށީގައި އަޅުގަނޑުމެން ފަށްޓާނެ މަސައްކަތެއް. މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން ގެންނަ މީހުން މަދުކުރުން. ރާއްޖޭގައި ތިބި ވަޒީފާ ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހޯދައިދިނުން.

މި މަސައްކަތް ފެށިގެންދާއިރުގައި، އަޅުގަނޑު މި ދެންނެވިހެން ވަޒީފާއަކަށް އެދި ރަޖިސްޓްރީކޮށް، ވަޒީފާ ބޭނުންވެފައި، ކަމަށް އެކަށީގެންވާ މީހަކު ހުރެއްޖެ ކަމަށްވަންޏާ، އެ މީހަކަށް ވަޒީފާނުދީ ބޭރު މީހަކު ގެނައުމުގެ ފުރުޞަތެއް، އެމް.އީ.ޑީ. އަކުންނެއް ނުދޭނެ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިހާތަނަށް އާދެވުނުއިރުގައި، ކުރިންވެސް ދެންނެވި ފަދައިން، ބޭރު މީހުން ރާއްޖެއަށް ގެނައުން މަދުކުރުމަށްޓަކައި މިކުރާ މަސައްކަތުގައި، ކުރިއަށް ފިޔަވަޅުތަކެއް އެޅިފައި އެބަހުރި. މިސާލަކަށް ދަންނަވާނަމަ، 2018 ވަނަ އަހަރު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރުގައި އެބައޮތް ވަރކް ޕަރމިޓް ދޫކުރެވިފައި 56000 މީހުންނަށް. ބޭރުން މީހުން ގެނައުމަށް. އަހަރު ނިމުނުއިރުގައި 51000 މީހުން ރާއްޖެއަށް ވަޒީފާއަށް އެތެރެކޮށްފައި އެބައޮތް. މިއީ 2021 ވަނަ އަހަރު. މި އަހަރުގެ 7 މަސް ނިމިގެންދިޔައިރުގައި، ސަރުކާރުން ވަރކް ޕަރމިޓް ހުއްދަ ދީފައި މިވަނީ 8900 މީހުންނަށް. އަދި މިހާތަނަށް ރާއްޖެއިން ބޭރުން ވަޒީފާއަށް ގެނެވިފައި މިވަނީ 6900 މީހުން. ބާކީ މިއޮތް މުއްދަތުގައި އަދި އިތުރަށް މީހުން ގެނައި ކަމަށްވިޔަސް، އަޅުގަނޑު މި ދެންނެވިހެން، ކުރީގެ އަހަރުތަކާ ބަލާއިރުގައި ވަރަށްބޮޑުތަން މިއޮތީ ކޮންޓްރޯލް ކުރެވިފައި. އަޅުގަނޑުމެން މި ކުރަން ފެށި މަސައްކަތް ކާމިޔާބު ވެގެންދާކަމުގެ ނިޝާނެއް މިއިން ފެނިގެން މިދަނީ.

އާދެ، ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަކީ، ކޮންމެހެން މިއަދު ކުރަން ޖެހިފައި އޮތް ކަމެއް. އެގޮތުން، އަޅުގަނޑުމެން އޭގެ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދަން. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މި އަހަރުގެ ތެރޭގައި ފަށައިގެން އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. އެގޮތުން، ސަރުކާރުގެ ކުންފުނިތަކުން މިހާތަނަށް 213 ފަރާތަކަށް ފުރުޞަތު ހޯދައިދީފައި ވާނީ. އަދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން 38 ފުރުޞަތެއް މިހާރުވަނީ މިހާތަނަށް ހޯދައިދެވިފައި. މިކަމަށް އެދި 555 ފަރާތެއް، އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އަދި އެބައޮތް ކުރިމަތިލާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މިހެން ވަޒީފާ ބޭނުންވެފައި ތިބި، މަސައްކަތް ބޭނުންވެފައި ތިބި ފަރާތްތަކަށް، ކުރިއަށް އޮތް ތަނުގައި އެކަން ކޮށްދޭނަން.

މީގެއިތުރުން، ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރަށް އަމާޒުކޮށްގެން 2400 މީހުން، ކުދިން ޓްރެއިން ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރު ފަށައިގެން އެބަގެންދަން. މިއަދު މިހާތަނަށް އައިއިރު، މި އަހަރުގެ ތެރޭގައި 600 ފަރާތެއް ޓްރެއިން ކުރެއްވުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސްކޫލްތަކަށް ވަނީ ޙަވާލުކުރެވިފައި. އަދި އެ މަސައްކަތް ކުރަމުންދާއިރުގައި، އެއިން ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީގެ ގޮތުގައި 2500 ރުފިޔާވެސް އަޅުގަނޑުމެން ދެމުން އެބަގެންދަން.

އަޅުގަނޑުމެންގެ ބޭނުމަކީ، ވަޒީފާތަކަށް މި ނުކުންނަ ޒުވާނުންނަށް ބޭކާރުވެ ނުގޮސް، އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ޒުވާނުންނަށް ހޯދައިދިނުން. ރާއްޖޭގައި، ކުރިންވެސް ދެންނެވި ފަދައިން ވަޒީފާ އެބަހުރި. ވަޒީފާ ބޭނުންވާ މީހުން އެބަތިބި. މި ދޭތެރޭގައި މިއުޅޭ މައްސަލަ ޙައްލުކޮށްގެން ނޫނިއްޔަކާ މިކަމަށް ޙައްލެއް އަންނާނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން ކުރިއަށް މިގެންދަނީ.

އަޅުގަނޑު އުންމީދު ކުރަނީ، މި ފެށި މަސައްކަތުގެ ސަބަބުން މި ރަށަށާއި އަދި މި އަތޮޅަށާއި އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ވަޒީފާ ބޭނުންވެފައި ތިބި ޒުވާނުންނަށް ރަނގަޅު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް. ކައުންސިލްގެ ދައުރު މިކަމުގައި ވަރަށްބޮޑު. އަޅުގަނޑުމެންގެ މި ޖޮބް ސެންޓަރު މިތާ ހުޅުވުމާ އެކީގައި، މި ރަށުގައި ތިބި ވަޒީފާ ބޭނުންވާ ފަރާތްތައް ހޯދައި ދެނެގަނެ، އެ ކުދިންނަށް ހަމަ މި ފުރުޞަތު އޮތްކަން ހާމަކޮށްދީ، މިކަމަށް އަހުލުވެރި ކުރުވުން އެއީ ވަރަށް މުހިންމު ކަމެއް.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ވަޒީފާތަކަށް މީހުން އަހުލުވެރިކުރުމަށްޓަކައި، ޓްރެއިން ކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި އަންނަ އަހަރުގެ ތެރޭގައި، ޓިވެޓް ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެ. އަދި އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައިވާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމާއި، މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ފަރާތްތަކަށް ލޯނުގެ އެހީ ފޯރުކޮށްދިނުން އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްދާނެ. އަދި އެ މަސައްކަތް ކުރިއަށްދާއިރުގައި، ހަމަ މި އަންނަ އަހަރު އަޅުގަނޑުމެން އަމާޒު މި ހިފަނީ، ވަޒީފާ ބޭނުންވެފައި ހުރި، މީހުން ބޭނުންވެފައި ހުރި ދިމަދިމާ ޚާއްޞަކޮށް ބަލައިގެން، އެ ތަންތަނަށް ވަޒީފާއަށް ޓްރެއިން ކުރުމަށްޓަކައި، ޑިގްރީއަށް ކިޔެވުމަށްޓަކައި މީހުން ފޮނުވުމަށް. އަދި އެއާއެކުގައި، ޚާއްޞަކޮށް އެކި ދާއިރާތަކަށް، އެކި ސަރަޙައްދުތަކަށްވެސް އަމާޒުކޮށްގެން، އެކި ރަށްރަށަށް އަމާޒުކޮށްގެންވެސް މި ޕްރޮގްރާމް ފުޅާކުރަން އަޅުގަނޑުމެން ޤަޞްދުކުރަން.

އަޅުގަނޑުގެ މި ވާހަކަކޮޅު ނިންމާލާނީ، ތިޔަ ހުރިހާ ބޭފުޅުންނަށް، މިތަނަށް ވަޑައިގެން ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރަމުން. އަޅުގަނޑު އެދެނީ، އަލިފުށްޓަށާއި މި ދާއިރާއަށް މިހާރަށްވުރެ އުފާވެރި، ފާގަތި ދުވަސްތަކެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާނެ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.