ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސްބޭފުޅުންގެ ވަފްދާ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައިފިއެވެ. މިވަފްދުގެ އިސްބޭފުޅަކީ، ޗައިނާގެ ޓިއަންޖިންގ މުނިސިޕަލް ކޮމިޓީގެ ސެކްރެޓަރީ އަދި ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ މެންބަރު މިސްޓަރ ޗެންގ ގައޮލީއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ޙިއްޞާއެއް ވެދޭ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށް، ޗައިނާ ސަރުކާރުން މިހާތަނަށް ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވާފައިވާ ކަމާއި، އެއީ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގެ ރައްޔިތުންނަށް ހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ޗައިނާ ސަރުކާރުން ވެދެއްވި ދީލަތި އެހީއަށްޓަކައި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީހުން ބިނާކުރުމުގެ ދާއިރާއިން ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތައް، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ރޮނގުންވެސް ދެޤައުމުގެ ދެމެދުގައިވާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުން އެބަދާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި މިކަމުގެ ނުރައްކަލުން ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގައި ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖޭގެ ރައްޔިތުންނަށް ވަރަށްބޮޑަށް ބޭނުންވާކަމުގައި ވިދާޅުވިއެވެ.

ޓިއަންޖިންގއަކީ ޗައިނާގައި އެންމެ ބާރަށް ތަރައްޤީވަމުން އަންނަ އެއް ސަރަޙައްދު ކަމަށާއި، ޓިއަންޖިންގއަށް އިގްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީ ގެންނެވުމަށް މިސްޓަރ ޗެންގ ގައޮލީ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.

މިސްޓަރ ޗެންގ ގައޮލީ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއަކީ، ޒަމާނުއްސުރެ ވަރަށް ތާރީޚީ ގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށާއި، އަދި ދެޤައުމުގެ ދެމެދުގައި 1972ވަނަ އަހަރު ސިޔާސީ ގުޅުން ޤާއިމު ކުރެވުނުފަހުން، މިދިޔަ އަހަރުތަކުގެ ތެރޭގައި، މިގުޅުން އެތައް ދާއިރާތަކެއްގައި ބަދަހިވެގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު މިއޮންނަނީ، ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި، ކުރިޔަށް އޮތް ތާނގައިވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ޗައިނާ ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ކުރިޔަށް އޮތްތާނގައިވެސް ޗައިނާ ސަރުކާރުން އެހީވެދެއްވާނެ ކަމުގައި މިސްޓަރ ޗެންގ ގައޮލީ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ޗައިނާއިންވެސް ވަރަށްބޮޑަށް ކަންބޮޑުވާކަމެއް ކަމަށާއި، ތިމާވެށްޓާ ރަޙްމަތްތެރި ޓެކްނޮލޮޖީ އުފެއްދުމަށް ޗައިނާއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަމުންގެންދަވާ ކަމުގައި މިސްޓަރ ޗެންގ ގައޮލީ ވިދާޅުވިއެވެ. އަދި މިކަމުގައި ވެދެއްވެން އޮތް ހުރިހާ އެހީއެއް ރާއްޖެއަށް ވެދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.

މިސްޓަރ ޗެންގ ގައޮލީ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުން ބޭއްވުނު އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީތީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ތަރައްޤީއާއި ފާގަތިކަން ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.