މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނުގެންނެވިނަމަވެސް، ސަރުކާރުގެ މުވައްޒަފުންނަށް ދެއްވާ އިތުރު ޢިނާޔަތްތަކަށް ބައެއް ބާވަތުގެ ބަދަލު ގެންނަވައިގެން ސަތޭކަ މިލިއަން ރުފިޔާގެ އުނިކުރުމެއް ގެންނެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މިއަދު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައި، މުސާރައަށް ކުރައްވާ ޚަރަދު ކުޑަކުރެއްވުމުގައި ސަރުކާރުން މިހާރު ގެންގުޅުއްވާ ވިސްނެވުން ހާމަކުރައްވަމުންނެވެ.

ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިއަހަރުގެ ކުރިއަށް މިއޮތް ދުވަސްކޮޅު ކޮންމެ މަހަކުމެ ސަތޭކަ މިލިއަނެއްހާ ރުފިޔާ، ސަރުކާރުގެ މުސާރައިގެ ޚަރަދުން ކުޑަކުރެއްވޭތޯ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަންކަން ކުރެއްވުމުގައި ކިތަންމެ ދަތިތަކަކާ ދިމާވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ މުވައްޒަފުންނަށް ތަފާތު އެކި ޢިނާޔަތްތައް އެބަ ދެވޭ ކަމަށާއި، މިދެންނެވި އެލަވަންސްތަކުން ކޮންމެވެސް މިންވަރަކަށް މަދުކުރީމާ، ސަރުކާރުން މަދުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ނުވަދިހަ ދެމިލިއަން ނުވަތަ ސަތޭކަ މިލިއަން ރުފިޔާ ސަލާމަތް ކުރެއްވުމުގެ މަގު ފަހިވެގެން އެބަދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި އެމަނިކުފާނުގެ 13 ވަނަ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުގެ ހެލްތް އިންޝުއަރެންސް ސްކީމް ”މަދަނަ“އިގައި ބައިވެރިވުމުގެ ފުރްޞަތު ހުރިހާ ރައްޔިތުންނަށް ހުޅުއްވާލެއްވުމާ ގުޅިގެން، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ މި މުހިންމު ވަޢުދު ފުއްދަވައިދެއްވުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށް ވިދާޅުވެ، 18 މަސް ދުވަހުގެ ތެރޭގައި މިކަން ކުރެއްވޭނެ ކަމަށް އޭރު ބެއްލެވި ނަމަވެސް، އެއަށްވުރެ އަވަހަށް މި ޚިދްމަތް ޤާއިމު ކުރެވިގެންދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދަތީގައި ދިރިއުޅެމުން ގެންދަން މިޖެހޭ ޖެހުމަށް ލުއެއް ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން ހިންގަވާ ކަންތައްތަކެއް އެބަހުރި ކަމަށާއި، އުންމީދަކީ އަދި އަމާޒަކީ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް އުޅެވޭނެ މަގު ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ”ފޯން ބިލް ނުދެއްކި، ފެން ބިލް ނުދެއްކި، ކަރަންޓް ބިލް ނުދެއްކި، ގޭގެ ކުލި ނުދެއްކި، ދަރިންނަށް ކިޔަވައިދޭނެ ފައިސާ އަތުގައި ނެތި، ބޭސްފަރުވާ ނުކުރެވި، މި ޙާލުގައި ދިރިއުޅެން ނުޖެހޭނެ ގޮތްތަކެއް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެކަން ޙަޤީޤަތަކަށް ހެދުމަށް. އަޅުގަނޑުމެންނަށް ވަރަށް ޔަޤީން، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ޙަޤީޤަތަކަށް ހަދައިދެވޭނެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ބައްލަވާލައްވަމުން، އެ ދައުރު ނިމިގެން އެދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވި ކަމުގައި ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ ޤާނޫނު ހެދުން ކަމަށްވިޔަސް، މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެއްވެސް ޤާނޫނެއް ހެދިފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވާދަވެރި ޑީ.އާރު.ޕީ.ގެ އަމާޒަކަށްވެފައި އޮތީ، މުޅި މަޖިލިސް ބޭނުންކުރައްވައިގެން، އެބޭފުޅުން ބޭނުންފުޅުވާ ހަމަ އެންމެ ކަމަކާ ގުޅޭ ބިލެއް، އުޞޫލެއް ކަނޑައަޅުއްވައި ނިންމެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރީގެ ރައީސުންނަށް ޙިމާޔަތް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެބޭފުޅުންގެ ޤަދަރާއި ޢިއްޒަތް އަޅުގަނޑުމެން ހިފަހައްޓަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ކުރީގެ ރައީސުންނަށް ކުށުގެ ތުހުމަތުން ބަރީޢަވެވޭނެ މަގުތައްވެސް އޮންނަންޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން، ޝަރީޢަތުގެ މަޖިލީހަށް ވަޑައިނުގެންނެވޭ ގޮތަކަށް ޤާނޫނެއް އޮތުން އެއީ، އެމަނިކުފާނަށް އޮތް ޙިމާޔަތެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޙުޘް ހިނގަމުންދާ ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބިލްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އަތޮޅު ކައުންސިލް އެއީ ޕްރޮވިންސް ކައުންސިލްގެ ގޮތުގައި މާނަކުރުމަކީ އޮޅުވާލުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް، އަތޮޅު ކައުންސިލަކީ ޕްރޮވިންސް ކައުންސިލެއްގެ ގޮތުގައި މާނަކުރެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި 21 ސަރަޙައްދީ ސަރުކާރު ނުވަތަ ކުދި ސަރުކާރު އުފައްދައިގެން ހިންގުން އެއީ ވަރަށް އަގުބޮޑު ކަމަކަށްވާނެ ކަމަށާއި، އަޅުގަނޑުމެންގެ މާލިއްޔަތަށް ވަރަށް ނުކަތާވަރުގެ ކަމަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ގުޅޭ ޤާނޫނު އޮތަސް ނުވަތަ ނެތަސް އަޅުގަނޑުމެންނަށް ޕްރޮވިންސްތައް ހިންގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.