އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ މިސްޓަރ ވައި.އެސް. ރާޖަސޭކަރާ ރެޑީ، ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާ ސަރުކާރަށާއި، ރައްޔިތުންނަށާއި، އަދި ވަކިން ޚާއްޞަކޮށް އަންދްރަ ޕްރަދޭޝްގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ޗީފް މިނިސްޓަރ ރާޖަސޭކަރާ ރެޑީގެ ޢާއިލާއަށާއި، ކޮންގްރެސް ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.