އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި ގިނަބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑޮނޭޝިއާގެ ރައީސް ސުސިލޯ ބަމް ބަންގ ޔުދޮޔޮނޯއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ހިތާމައިގެ މިދަނޑިވަޅުގައި ރައީސް ޔުދޮޔޮނޯއަށާއި، އިންޑޮނޭޝިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، މި ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.