ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މި ސަރުކާރުން ކެނދިކުޅުދޫގެ ތަރައްޤީއަށް ޚާއްޞަ ސަމާލުކަމެއްދެއްވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ކައުންސިލަރުން ޝުކުރު އަދާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ކެނދިކުޅުދޫގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ.

އެގޮތުން، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް އަދި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢު ލަސްވަމުންދާތީ އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވައި ކުރިއަށްގެންގޮސްދެއްވުމަށް ދެންނެވިއެވެ. ހަމަ އެއާއެކު ހުޅަނގު މޫސުމުގައި ބަނދަރުގެ އެއްބައި ބޭނުންކުރަންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލްގެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކެނދިކުޅުދޫއަކީ ގިނަ ކުޅިތަކެއް އެކުލެވިގެންވާ ރަށަކަށްވާތީ މިހާރު ރަށުގެ ބައެއް ކުޅިތައް ހިކުމުގެ ބިރުވެރިކަން އޮތްކަމުގައި ފާހަގަކުރައްވައި އެކަމަށް ޙައްލެއް ހޯދަންޖެހިފައި އޮތް ކަމަށް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައިވަނީ ދަންނަވާފައެވެ. އަދި ނަރުދަމާގެ މަޝްރޫޢު މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލުންވަނީ ދަންނަވާފައެވެ. މީގެ އިތުރުން ރަށުގައި ސީ އެމްބިއުލާންސެއް ނެތުމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް އެމަނިކުފާނުގެ އަރިހުގައި ކައުންސިލަރުން ޙިއްޞާކުރެއްވެވިއެވެ. އަދި ކައުންސިލުގެ ފަރާތުންވަނީ ރަށުގައި ބޭންކުގެ ޚިދުމަތް ފުޅާކޮށްދިނުމަށާއި، ބޯހިޔާވަހިކަން އިތުރަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން އިތުރު ހައުސިންގ ޔުނިޓް އަދި ގެވަޅުތަކުގައި ގެ އެޅުމަށް މަގުފަހިވާނެގޮތެއް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވަވަމުން ކައުންސިލުންވަނީ ރަށުގެ ސްކޫލަށް އެކަށީގެންވާ ޖާގައިގެ ބަހެއް ނެތުމުގެ ސަބަބުން ސްކޫލަށް ދިމާވާ ދަތިތަކާއި، ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙިއްޞާކުރައްވާފައެވެ. އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ މުހިންމު ވަޞީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނދިކުޅުދޫ ފެންނަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނެ ޤާބިލުކަންހުރި ރަށެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވެވި ކަންތައްތައް އެކަމާއި ގުޅޭ އިދާރާއަކާއި ވާހަކަފުޅު ދެއްކެވުމަށްފަހު އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫ ދާއިރާގެ މަޖިލީހުގެ މެންބަރު އަޙްމަދު އީސާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީ، އަޙްމަދު ޙަމްދާން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރުކާރުން ކެނދިކުޅުދޫގައި ހިންގަން އަދި ޕްލޭން ކުރެވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމާއި، ސްލިޕްވޭ ހެދުމާއި، ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތާއި، ސްކޫލް 4 ކްލާސްރޫމާއި އޮފީސް އިމާރާތްކުރުމުގެ މަޝްރޫޢާއި، ޖޫނިއަރ ކޮލެޖް ޤާއިމުކުރުމުގެ މަސައްކަތާއި، ގޭދޮށު މަސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތާއި، ފެނަކަ އޮފީސް އިމާރާތާއި ވަށާފާރު ރޭނުމުގެ މަޝްރޫޢު އަދި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ހިމެނެއެވެ. އަދި މިހާތަނަށް މި ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ސޯލާ ހައިބްރިޑް ސިސްޓަމް ޤާއިމްކުރުމާއި، ނ.ކެނދިކުޅުދޫ ސްކޫލް 2 ކްލާސްރޫމާއި ހޯލްގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.