ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2020/12)ގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް، މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް ބެޗްލަރ އޮފް ލޯ ހާޞިލުކުރައްވާފައި ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިންނެވެ. ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޝަމްޢާ ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމުގައެވެ. އޭގެ ކުރިން ހިއުމަންރައިޓް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމާއި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމު ފުރުއްވާފައިވެއެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ. އަދި ޤާނޫނުގެ ދަށުން ކަނޑައަޅާ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި މި ޤާނޫނާއި ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމާއި ޤާނޫނާއި ޚިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުން ހިމެނެއެވެ.