بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وصحبـه أجمعـين.

އާދެ، މިއަދު މާލޭގައި އަދި މާލޭގައި މިހާރު ހުރި އެންމެ މުހިންމު، އެންމެ ރީތި އެންމެ ފުރިހަމަ ޢިމާރާތުގައި މި ބޭއްވޭ ޤައުމީ ޖަލްސާއަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު އަދި ވަރަށް ތާރީޚީ ޖަލްސާއެއް. މި ޖަލްސާގެ ބޭނުމާއި، ޖަލްސާގެ މަޤްޞަދުތައް ވަރަށް ސާފުކޮށް ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން އަޅުގަނޑުމެންނަށް ކިޔައިދެއްވައިފި. ޝައްކެއްނެތްގޮތުގައި، މި ޖަލްސާ ހިމެނިގެންދާނީ މިހާރު އަޅުގަނޑުމެންގެ ޤައުމީ ކަންތައްތަކުގައި، އެކިއެކި އުޞޫލު ކަނޑައެޅުމުގައި، ސަރުކާރުން ޢަމަލުކުރަމުންދާގޮތެއް ހާމަކޮށްދޭ ޖަލްސާއެއްގެ ގޮތުގައި.

އާދެ، ހަނދުމަފުޅު ހުންނާނެ ފަދައިން، ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި، މިބާވަތުގެ ބައެއް ޖަލްސާ ނުވަތަ މަޝްވަރާކުރުމުގެ ބައްދަލުވުންތައް ބޭއްވިފައިވޭ. އޭގެތެރެއިން، އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލާހިތްއޮތް އެއްކަމަކީ، މަސްވެރިކަމާބެހޭ ސެމިނާރު. އެ ސެމިނާރަކީ ޤައުމީ ފެންވަރުގައި އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ގިނަމީހުން އޭގައި ޙިއްޞާކުރާ މަސައްކަތް ކަމުގައިވާ މަސްވެރިކަމާ ބެހޭގޮތުން ބޭއްވުނު ޤައުމީ ފެންވަރުގެ ބައްދަލުވުމެއް. މަސްވެރިކަން ކުރިއަރުވާނެގޮތާ ދޭތެރޭގައި ޚިޔާލު ބަދަލުކުރުމަށާއި، މަސްވެރިކަމަށް ދިމާވެފައިވާ އެކިއެކި ދަތިތައް، އެއާދޭތެރޭގައި އެންމެން ވާހަކަދައްކައި ބަޙުޘްކޮށް، ޚިޔާލު ބަދަލުކޮށް، އެކިއެކި ޙައްލުތައް ގެނެވޭތޯ މަސައްކަތް ކުރުމަށްޓަކައި. އާދެ، އޭގެފަހުގައި ދާދި މިދާކަށްދުވަހު އާދެ، މިދިޔަ ޑިސެންބަރުމަހުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ތިން އަހަރުގެ ޤައުމީ މަޝްރޫޢާ ބެހޭގޮތުންވެސް ޖަލްސާއެއް ބޭއްވިއްޖެ. މަޝްވަރާގެ ޖަލްސާއެއް.

މި ޖަލްސާތައް އަޅުގަނޑުމެންނަށް މި ހާމަކޮށްދެނީ، އަޅުގަނޑުމެންނަކީ މިހާރު ދުނިޔޭގެ އެހެން ތަންތާނގައިވެސް އެ ގެންގުޅޭ އުޞާލާ އެއްގޮތަށް، އެކިއެކި މުހިންމު ކަންތައްތައް ނިންމުމުގައި، ފުޅާ ދާއިރާތަކެއްގައި މަޝްވަރާކޮށް ޚިޔާލުކުރާ ބައެއްކަން. އާދެ، މިއީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް. ޝައްކެއްނެތްގޮތުގައި، އެކިއެކި މުހިންމު ޤައުމީ ކަންތައްތަކާ ދޭތެރޭގައި، އެކަމާބެހޭ އެންމެންގެ މަޝްވަރާ ނުވަތަ ކަމާބެހޭ އެންމެންގެ މަޝްވަރާ ނުލިބުނު ކަމުގައިވިޔަސް، ކަމާބެހޭ ގިނަބައެއްގެ މަޝްވަރާ ހޯދުމަކީ، ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު އަދި ވަރަށް ބޭނުންތެރިކަމެއް. އާދެ، އިނގިރޭސި މިސާލެއްގައި ބުނާ ފަދައިން، "އެއްބޮލަށްވުރެ ދެބޯ ރަނގަޅުވާނެ." ވާހަކައަކީ އެންމެ މީހެއްގެ ވިސްނުމަށްވުރެ، ދެމީހުންގެ ވިސްނުން ރަނގަޅުވާނެ. އެ އުޞޫލުން ބަލާކަމުގައިވަންޏާ، ދެމީހުންގެ ވިސްނުމަށްވުރެ، އެއަށްވުރެ ގިނަ ޢަދަދެއްގެ މީހުންގެ ވިސްނުން މާރަނގަޅުވާނެ.

ކޮންމެއަކަސް ތަޢުލީމަކީ މުޅި ރާއްޖޭގެ އެންމެން އޭގައި ޝާމިލުވާންޖެހޭ އެއްޗެއް. ޝައްކެއްނެތްގޮތުގައި، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ތަޢުލީމަކީ މި ދެންނެވި ފަދަ ވަސީލަތެއް. އެތަނެއްގެ އެންމެން އޭގައި ކޮންމެވެސް ބައެއް ޙިއްޞާކުރަންޖެހޭ އެއްޗެއް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، އެމީހެއްގެ ދަރިން ކޮންމެވެސް މަދަރުސާއަކަށް ލައިގެން، އެކުދިންނަށް ތަޢުލީމު ޙާޞިލުކޮށްދެވޭތޯ ބަލާ ބައެއް. ކޮންމެ މީހަކީ ހަމަ އެފަދަ މީހެއް. ބައްޕައެއް ނުވަތަ މަންމައެއް. އޭނާގެ ދަރިން، ސަރުކާރުގެ ސްކޫލެއްގައި ނުވަތަ އަމިއްލަ މަދަރުސާއެއްގައި ނުވަތަ އަމިއްލަގޮތުން މީހަކު ހިންގާ ކުލާހެއްގައި ބައިވެރިކޮށްގެން، އެކުދިންނަށް ތަޢުލީމު ދެވޭތޯ ބަލަމުންގެންދޭ. އެހެންވުމާއެކު، ތަޢުލީމާބެހޭ ކަންތައްތަކުގައި، ޤައުމުގެ އެންމެންގެ ޚިޔާލެއް ހޯދަންޖެހޭނެ. އެމީހުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަމެއް، ތަޢުލީމު އެއީ. އެހެންވީމާ، މިގޮތުންވެސް އެންމެ ފުޅާ ދާއިރާއެއްގައި ތަޢުލީމާބެހޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދައި، އަޅުގަނޑުމެންގެ ތަޢުލީމަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިކަން އެންމެންނަށް އޮޅުންފިލަންވާނެ. އަދި އެ ދަތިތައް ފިލުވައިލުމަށްޓަކައި ކުރެވެން އޮތް މަސައްކަތްތަކަކީ ކޮބައިކަން، އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން، މިކަމާ ދޭތެރޭގައިވެސް އެންމެން ޚިޔާލުކޮށް، އެންމެންގެ މަޝްވަރާ އެކަމުގައި ބޭނުންވާނެ.

އާދެ، ޤައުމީ ކަންތައްތަކުގައި މި އުޞޫލު މިއީ، އަޅުގަނޑު މި ދެންނެވި ފަދައިން ވަރަށް މުހިންމު އުޞޫލެއް. ވީހާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން. އެހެން ދެންނެވި ކަމުގައިވިޔަސް، ޤައުމީ ކަންތައްތަކުގެ ތެރޭގައިވެސް ހުރޭ، އެނޫން ގޮތްގޮތަށް ނިންމަންޖެހޭ ކަންތައް. މިސާލަކަށް، ޤާނޫނީގޮތުން ރައީސްކަމުގެ މަޤާމުގައި ހުންނަ މީހަކު ނިންމަން ކަނޑައަޅާފައިވާ ކަންތައްތަކެއް ހުރޭ. ހަމައެފަދައިން، ވަޒީރުންގެ މަޖިލީހުން ނިންމާ ނުވަތަ ވަޒީރުންގެ މަޖިލީހުން ނިންމުމަށް ވަކިގޮތަކަށް ލަފާދެއްވާ ކަންތައްތަކެއް ހުރޭ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންތައްތަކެއް ހުރޭ. ހުށަހަޅަންޖެހޭ ކަންތައްތަކެއް ހުރޭ. ހަމައެފަދައިން، މި ދެންނެވި މަޖިލިސްތަކުގެ އިތުރަށް، މިހާރު ސަރުކާރުގެ ދާއިރާގައި އުފެދިފައިވާ ތަފާތު އެކިއެކި މަޖިލިސްތަކުގައި މަޝްވަރާކުރެވިގެން، އެ މަޖިލިސްތަކުގެ މަޝްވަރާގެމަތިން ސަރުކާރުން ނިންމަންޖެހޭ ކަންތައްތަކެއްވެސް ހުރޭ. އާދެ، މަސްވެރިކަމާބެހޭ މަޖިލީހެއްވެސް އެބައޮތް. ޓޫރިޒަމާބެހޭ މަޖިލީހެއްވެސް އެބައޮތް. އަދި އަތޮޅުތައް ތަރައްޤީ ކުރުމާބެހޭ މަޖިލީހެއްވެސް އެބައޮތް. މިބާވަތުގެ ޚާއްޞަ ރޮނގުރޮނގާބެހޭ، ޚާއްޞަ މަސައްކަތްތަކާބެހޭ މަޖިލިސްތަކެއް ވަނީ ޤާއިމުކުރެވިފައި. އެހެންވީމާ، އެ މަޖިލިސްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން، އޭގެ އަލީގައި ސަރުކާރުން ނިންމަންޖެހޭ ކަންތައްތަކެއްވެސް ހުރޭ. އެހެންނަމަވެސް، ކަމަކީ އަޅުގަނޑުމެންނަށް އާކަމެއް.

އެހެންވީމާ، މިކަމަށް އެންމެންގެ ފަރާތުން ދޭންޖެހޭ އަހަންމިއްޔަތު އަދި މުޅިން ދެވެމުންދެއެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. ކޮންމެ ކަމެއްވެސް ފަށައިގަންނައިރު، އެކަމަކަށް ކުރިމަތިވާ ދަތިތަކެއްވެސް ހުންނާނެ. އެކަމުގެ ބޭނުން، މީހުންނަށް ރަނގަޅަށް އޮޅުންނުފިލާގޮތްވެސް ވެފައި ހުންނާނެ. އެހެންވީމާ، މިކަހަލަ ޤައުމީ ފެންވަރުގައި ބާއްވާ ޖަލްސާތައް ބޭއްވުމާ ދޭތެރޭގައި ކުރީކޮޅުގައި ހިސާބަކަށް ޚިޔާލުތަފާތުވުމެއް އުޅުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، ކުރިއަށްދިޔަދިޔަހެން އަޅުގަނޑުމެން އެންމެންނަށްވެސް މިބާވަތުގެ މަޝްވަރާ ޖަލްސާތަކުގެ މުހިންމުކަން އަޅުގަނޑުހިތުން އިޙްސާސް ކުރެވޭނެ. އިޙްސާސް ކުރެވެމުންދިޔަވަރަކުން އެ ޖަލްސާތައް ކާމިޔާބުވުން، އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާނެ.

އާދެ، މި ފެންވަރުގައި ބާއްވާ މިބާވަތުގެ ޤައުމީ ޖަލްސާތަކާ ދޭތެރޭގައި، ނުވަތަ އެ ޖަލްސާތަކުގައި ބަޙުޘް ކުރެވޭގޮތާ ދޭތެރޭގައި ދަންނަވަން ބޭނުންވާ ދެތިން ނުކުތާއެއް އެބައޮތް. އެހެންނަމަވެސް، އަޅުގަނޑުގެ މި ވާހަކަކޮޅުގެ ތަންކޮޅެއްފަހު ބަޔަކަށް ގެންގޮސްފައި، މިހާރު އޭގެ ބައެއް އެހެން ނުކުތާތަކާ ދޭތެރޭގައި އަލިއަޅުވައިލެވޭތޯ އަޅުގަނޑު ބަލާނަން.

އާދެ، އޭގެތެރެއިން އެއް ނުކުތާއަކީ، ސަރުކާރުން ޢާންމުކޮށް ތަޢުލީމަށް، ޚާއްޞަކޮށް ފަށާތަޢުލީމަށް ދޭ އަހަންމިޔަތު ކޮންމެވެސްވަރަކަށް ބަޔާންކޮށްދިނުން. އާދެ، އަޅުގަނޑު މި ވާހަކަ މިއަދު ދެންނެވުމުގެ ބޭނުމަކީ، ފަހަރެއްގައިވެސް މާ މުހިންމު ކަންތައްތަކެއް ކުރެވިފައި އެބަހުއްޓޭ ދެންނެވުމެއް ނޫން. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ، މިކަންކަމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަން ވަރަށް ސާފުކޮށް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ގޮތަކަށް މަޢުލޫމާތު ދެވޭތޯ ބެލުން. އާދެ، އެހެންބަލާއިރު، ފަށާތަޢުލީމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ބަޔާންކޮށްދޭ ކިތަންމެ ކަމެއް އެބަހުރި. އޭގެތެރެއިން ބައެއް ކަންތައްތަކަށް، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އިޝާރާތް ކުރައްވާފައިވެސްވޭ. އާދެ، އެއްކަމަކީ ރާއްޖޭގެ ފަށާތަޢުލީމުގެ އަތޮޅު މަދަރުސާތަކެއް އުފެއްދުން. އެއީ 1979 ވަނަ އަހަރުގެ ތެރޭގައި، އާދެ، މި ދައުރަށް ފެށުނުތަނާ ހަމަ އެންމެ އަހަރު ދުވަހުގެ ތެރޭގައި، އޭރު ކަންކުރެވެންހުރި ފެންވަރުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ފަރާތުން ފަށާތަޢުލީމުގެ މަދަރުސާއެއް އުފެއްދި. އާދެ، ކޮންމެހެން އުފެއްދިއޭ ދެންނެވުމުގެ ބޭނުމަކީ އިމާރާތެއްކުރި ވާހަކައެއް ނޫން. ވަރަށް ގިނަ ތަންތާނގައި ހުރި މަދަރުސާތަކުގެ އިމާރާތް ބޭނުންކުރީ އެހުރިގޮތަށް ނުވަތަ އެއަށް ބައެއް ބަދަލު ގެނެސްފައި. އަޅުގަނޑު މި ދަންނަވަން އުޅޭ ވާހަކައަކީ އެއީ ސަރުކާރު ތަނެއްގެ ގޮތުގައި ހަމަޖައްސައި، އެތަނަށް ކުރަންޖެހޭ ހުރިހާ ޚަރަދަކީ ސަރުކާރުން ކުރާ ޚަރަދު ކަމުގައި ހަމަޖައްސައި، މުދައްރިސުން ހޯދައިދިނުމާއި، އެނޫންވެސް ކަންތައްތަކުން ސަރުކާރުން އެ ތަންތަނަށް އެކަންތައްތައްކޮށްދީ، އެއީ ސަރުކާރުގެ ފަރާތުން ހިންގާ ފަށާތަޢުލީމުގެ މަދަރުސާއެއް ކަމުގައި ހަދައިދިނޭ ދެންނެވުން.

އާދެ، މިގޮތުން 1979 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަށާތަޢުލީމުގެ މަދަރުސާއެއް ސަރުކާރުގެ ފަރާތުން އުފެއްދި. ދެން އަތޮޅު ތަޢުލީމީ މަރުކަޒުތައް. އޭގެ ވާހަކަވެސް މިނިސްޓަރ އޮފް އެޑިޔުކޭޝަން ވިދާޅުވެއްޖެ. މިހާރު 16 ތަނެއް ހިނގަމުން އެބަދޭ. ވަރަށް ކައިރި މުސްތަޤްބަލެއްގައި 17 ވަނަ ތަން ހުޅުވަން ވަނީ ކައިރިވެފައި. އެއީ، ރާއްޖެތެރޭގައި މިހާރު ހުރި ފަށާތަޢުލީމުގެ އެންމެ މުހިންމު، އެންމެ ކުރިއަށް ގޮސްފައިވާ މަރުކަޒުތައްކަން، ދެންމެ މިނިސްޓަރު ދެއްކެވި ވާހަކަފުޅުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އާދެ، މި އަތޮޅު ތަޢުލީމީ މަރުކަޒުތަކުގެ އިތުރަށް، އެކުވެރި ޤައުމެއްގެ އެހީގައި ރާއްޖޭގެ 11 އަތޮޅެއްގައި މިހާރު މަދަރުސާ ހުޅުވި ހިނގަމުން އެބަދޭ. އާދެ، އަޅުގަނޑުމެން ޢާންމުކޮށް ކިޔާގޮތުންވިއްޔާ، ޖަޕާން ސްކޫލް. އޭގެވެސް 11 ތަން މިހާރުވެސް ހިނގަމުން އެބަދޭ. އަދި 1985 ވަނަ އަހަރު އޭގެ އިތުރު ހަތަރު މަދަރުސާ ހުޅުވުމަށްވެސްވަނީ ހަމަޖެހިފައި.

ތަޢުލީމަށް ސަރުކާރުން ކުރާ ޚަރަދަށް ބަލައިލިޔަސް، ތަޢުލީމަށް ސަރުކާރުންދޭ އަހަންމިއްޔަތު އަޅުގަނޑު ހިތުން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. ވަރަށް މަދު ޢަދަދުތަކެއް ދަންނަވާލައިގެން ފަރުޖެއްސޭތޯ އަޅުގަނޑު ބަލާނަން. އާދެ، 1980 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ތަޢުލީމަށް 4.8 މިލިއަން ރުފިޔާ ޚަރަދު ކުރެވުނު. 48 ލައްކަ ރުފިޔާ. 1981 ވަނަ އަހަރު އެ ބަދަލުވެގެންދިޔައީ 8.9 މިލިއަން ރުފިޔާއަށް. 89 ލައްކަ ރުފިޔާއަށް. 1982، 1983، ކޮންމެހެން ދަންނަވާނުލާ، 1984 ދަންނަވާލާނަން. 1984 އަށް ލަފާކުރެވިފައި އޮތީ 20.3 މިލިއަން ރުފިޔާ ތަޢުލީމަށް ޚަރަދުވާނެކަމަށް. 1985 ގައި 25.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް. އެހެންވީމާ، 1980 ވަނަ އަހަރުން 1985 ވަނަ އަހަރާ ދޭތެރޭ ނިސްބަތް ބައްލަވައިލެއްވިޔަސް، ގާތްގަނޑަކަށް 5 މިލިއަން ރުފިޔާއިން 25 މިލިއަން ރުފިޔާއަށް އޮތީ ބަދަލުވެގެން ގޮސްފައި. އާދެ، ތަޢުލީމަށް ސަރުކާރުން ކުރާ ޚަރަދު 5 ގުނައަށް، އެންމެ 5 އަހަރު ދުވަހުގެ ތެރޭގައި އިތުރުވެގެން އެއޮތީ ގޮސްފައި.

ދެން، ފަށާތަޢުލީމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ބަޔަންކޮށްދޭ އަނެއް ކަމަކީ، 1984 ވަނަ އަހަރު ފަށާތަޢުލީމާއި، މެދުމަދަރުސީ ތަޢުލީމުގެ ޤައުމީ މުޤައްރަރެއް އިޢުލާނު ކުރެވުނުކަން. ގިނަ ދުވަހު މަޝްވަރާ ކުރުމަށްފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަރަށް ގިނަ ފަރާތްތަކުގެވެސް ޚިޔާލާއި ލަފާ ހޯއްދަވައިގެން އެކުލަވައިލެއްވި މުޤައްރަރެއް އެއީ. އެ މުޤައްރަރު ސަރުކާރުން ފާސްކޮށް، 1984 ވަނަ އަހަރުގެ ތެރޭގައިވަނީ އިޢުލާނު ކުރެވިފައި. ހަމައެފަދައިން، ފަށާތަޢުލީމުގެ މުދައްރިސުން ތައްޔާރުކުރުމަށްޓަކައި މުދައްރިސުންގެ ތަޢުލީމީ މަރުކަޒެއްގެ ނަމުގައި ޚާއްޞަ މަރުކަޒެއްވެސް ވަނީ 1984 ވަނަ އަހަރުގެތެރޭގައި ހުޅުވިފައި.

އާދެ، މުސްތަޤްބަލުގައިވެސް ފަށާތަޢުލީމަށް ސަރުކާރުން ވަރަށް މަތީ އަހަންމިއްޔަތެއް ދިނުމަށްވަނީ ހަމަޖެހިފައި. އޭގެސަބަބުތައް އަޅުގަނޑު ހިތުން ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާ ވެގެންނެއްނުވާނެ. އެންމެ ފުރަތަމަ ދަންނަވާލަންޖެހޭ ސަބަބަކީ، ފަށާތަޢުލީމަކީ ރާއްޖޭގައި މީހުން ބިނާކުރުމުގެ އުޞޫލުގެ އެންމެ މުހިންމު ފިޔަވަޅު ކަމަށް. މިހާރު އަޅުގަނޑުމެންގެ ތަރައްޤީއާ އެއްގޮތްވާ ގޮތުގެމަތިން، އެކިއެކި މަސައްކަތްތަކަށާއި، އެކިއެކި މަޝްރޫޢުތަކަށް، ކަމަށް އެކަށީގެންވާ، މަޢުލޫމާތާއި ހުނަރުވެރިކަން ލިބިފައިވާ މީހުންނަށް މުޅި ޤައުމު ވަނީ ވަރަށް ބޮޑަށް ބޭނުންވެފައި. އެފަދަ މީހުން ނެތުމުގެ ސަބަބުން ކިތަންމެ ކަމެއް އަޅުގަނޑުމެންނަށް ނުކުރެވި އެބަހުރި. އަދި، އަޅުގަނޑުމެން ފަށައިގަނެގެން ހިންގާ ކިތަންމެ ކަމެއް ހަލުވިކަމާއެކު ކުރިއަށް ނުގޮސް އެބަހުރި. އެހެންވީމާ، އެންމެ ފުރަތަމަ މިހާރު އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ އެއްކަމަކީ، ކަމަށް އެކަށޭނަ މީހުން ބިނާކުރުން، އިންސާނުން ބިނާކުރުން. އިންސާނުން ބިނާކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޝައްކެއްނެތްގޮތުގައި ފަށާތަޢުލީމު. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށްވެސް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ މިހާރު ފަށާތަޢުލީމޭ ދެންނެވުމަކީ އަޅުގަނޑު ހިތުން ކުށަކަށް ނުވާނެ.

އާދެ، 1977 ވަނަ އަހަރުގެ ބޯހިމެނި ހިސާބު ދައްކާގޮތުން، 5 އަހަރުން މަތީ މީހުންގެ ތެރެއިން ފަށާތަޢުލީމުގެ ފުރުޞަތު ރާއްޖޭގައި އޭރު ލިބިފައި ތިބީ ހަމައެކަނި ސަތޭކައަކުން 20 މީހުން. މިހާރު ފަށާތަޢުލީމު ޙާޞިލުކުރަންޖެހޭ ޢުމުރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ސަތޭކައަކުން 65 ކުދިން ފަށާތަޢުލީމު ޙާޞިލުކުރަމުން ގެންދާކަމަށް ހިސާބުތަކުން ދައްކާ. އާދެ، ފަށާތަޢުލީމަށް އަހަންމިއްޔަތު ދޭންޖެހޭ އަދިވެސް ކިތަންމެ ސަބަބުތަކެއް އެބަހުރި. އޭގެތެރެއިން އެއް ސަބަބަކީ ފަށާތަޢުލީމަކީ، ނުވަތަ ހާމަކޮށް ދަންނަވަންޏާ ތަޢުލީމަކީ އިންސާނީ ޙައްޤުތަކުގެ ތެރެއިން ވާކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ދުނިޔޭގައި އިންސާނީ ޙައްޤުތަކާބެހޭ ބަޔާނެއް ބައިނަލްއަޤްވާމީ ގޮތުން ވަނީ ފާސްކޮށްފައި. އެއީ 1948 ވަނަ އަހަރު އ.ދ. މަޖިލީހުން ފާސްކުރި ފާސްކުރުމެއް "އިންސާނީ ޙައްޤުތައް" އެ ނަންކިޔައި ފާސްކުރީ. އޭގެ 26 ވަނަ މާއްދާގައި މި އޮންނަނީ، ތަޢުލީމަކީ ކޮންމެ މީހެއްގެވެސް ޙައްޤެކޭ. ތަޢުލީމަކީ ކޮންމެ އިންސާނެއްގެވެސް ޙައްޤެކޭ. އަދި އޭގެތެރެއިން، ތަޢުލީމުގެ ފަށާބައި ނުވަތަ އެންމެ ފުރަތަމަ ކުދިންނަށް ދޭންޖެހޭ މަޢުލޫމާތު އެކުލެވިގެންވާ ތަޢުލީމު ދޭންޖެހޭނީ ހިލޭއޭ. އިންސާނީ ޙައްޤުތައް ބަޔާންކުރާ އިޢުލާނުގައި ނުވަތަ ބަޔާނުގައި، 1948 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔެ ގަބޫލުކުރާ އެއްކަމަކީ، ތަޢުލީމަކީ ކޮންމެ އިންސާނެއްގެވެސް ޙައްޤެއްކަން.

އެއާއެކުގައި ދަންނަވަންޖެހެނީ އިންސާނުންގެ ޙައްޤުތަކޭ މިދަންނަވާ (އ.ދ. މަޖިލީހުން ފާސްކޮށްފައިވާ) ޙައްޤުތަކުގެ އިތުރަށް، ކުޑަކުދިންގެ ޙައްޤުތަކޭ ކިޔާ ބަޔާނެއްވެސް ވަނީ އ.ދ. މަޖިލީހުން ފާސްކޮށްފައި. އެ ބަޔާނުގައިވާގޮތުން، ތަޢުލީމަކީ ކުޑަކުދިންގެވެސް ޙައްޤެއް. އާދެ، މި ދަންނަވާ ފާސްކުރުން ފާސްކޮށްފައި އޮތީ، 1959 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ހަމަ އ.ދ. މަޖިލީހުގެ ޢާންމު ޖަލްސާއިން. އެ ފާސްކުރި ފާސްކުރުމުގައި ބުނާގޮތުން، ތަޢުލީމަކީ ކުޑަކުދިންގެ ޙައްޤެއް. ކުޑަކުދިންގެ ޙައްޤުތަކުގެ ތެރެއިން ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ޙައްޤެއް. އަދި އެ ޙައްޤު އެއީ ކޮންމެ ދައުލަތަކުންވެސް، ކޮންމެ ސަރުކާރަކުން އެތަނެއްގައި ދިރިއުޅޭ ކުޑަކުދިންނަށް ރައްކާތެރިކޮށްދޭންޖެހޭނެ، އަދި ލިބިދޭންޖެހޭނެ ޙައްޤެއް. އެ ޙައްޤު ލިބިގަތުމުގައި ކުޑަކުދިންގެ މެދުގައި އެއްވެސްކަހަލަ ތަފާތުކުރުމެއް، އެތަނެއްގެ ސަރުކާރަކުން ގެންގުޅެގެނެއް ނުވާނެ. މިސާލަކަށް، އެއީ އެކުދިންގެ ކުލަޔާ ބެހޭގޮތުން އެއީ ދޮންކުދިން ކަމުގައިވަންޏާ ވަކި ބާވަތެއްގެ ތަޢުލީމު. ކަޅުކުދިން ކަމުގައިވަންޏާ ވަކި ބާވަތެއްގެ ތަޢުލީމު. އަޅުގަނޑު މި ދަންނަވަނީ، ދިވެހިރާއްޖޭގައި މިއުޅޭ ދޮން ކުދިންނާއި ކަޅު ކުދިންގެ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ، ދުނިޔޭގެ ނަސްލީ އިމްތިޔާޒުގެ އުޞޫލުން ކަޅާއި ދޮނުގެ ތަފާތެއް ބައެއް ޤައުމުތަކުގައި ގެންގުޅޭތީ. އެ ތަންތާނގައި އެބަހުރި، މިދެންނެވި އުޞޫލުން ތަފާތުކޮށްފައި. އައްސަވާނެ، ދެކުނު އެފްރިކާގެ ދޮންމީހުންނަށް ހުންނަނީ ވަކި މަދަރުސާތަކެއް. ކަޅުމީހުންނަށް ހުންނަނީ އެއަށްވުރެ މާފެންވަރު ދެރަ މަދަރުސާތަކެއް. ދޮން މީހުންނަށް ހުންނަނީ މާމޮޅު ފައްޅިތަކެއް، އެ މީހުންގެ ދީނަށް އަޅުކަން ކުރުމަށްދާން. ކަޅުމީހުންނަށް ހުންނަނީ އެއަށްވުރެ މާދަށް ފެންވަރެއްގައި ހުރި ފައްޅިތަކެއް. ކުޅިވަރު ކުޅޭ އެކިއެކި ތަންތަންވެސް، އެކިއެކި ދަނޑުތަކާއި އަދި މިނޫންވެސް އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ފަސޭހަތަކާއި ޚިދުމަތްތައް، އެވެސް ހުންނަނީ ބަހާލެވިފައި. ދޮންމީހުންނަށް ވަކި ފެންވަރެއްގައި، މާމަތީ ފެންވަރެއްގައި. ކަޅުމީހުންނަށް އެއަށްވުރެ މާދެރަ، މާދަށް ފެންވަރެއްގައި.

އ.ދ. މަޖިލިސްގެ ޤަރާރުގައި އެ ބުނަނީ އެގޮތަށް ތަފާތުކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނޭ. އިންސާނާގެ ކުލައަށް ނުވަތަ އޭނާގެ އަޞްލަށް ބަލާފައި، ތަޢުލީމު ދިނުމުގައި އެއްވެސް ތަފާތެއް އޮވެގެންނުވާނެއޭ. އެންމެންނަށް އެއްވަރަށް މި ޙައްޤުވާނޭ ސަރުކާރުން ނުވަތަ އެތަނެއްގެ ދައުލަތުން ރައްކާތެރިކޮށްދޭން. އެހެންވީމާ ތަޢުލީމަކީ، ފަށާތަޢުލީމަކީ ޚާއްޞަކޮށް، ކުޑަކުދިންގެވެސް ޙައްޤެއް، އަދި އިންސާނީ ޙައްޤުގެ ތެރެއިންވެސް ޙައްޤެއް. އެހެންނަމަވެސް، އިންސާނީ ޙައްޤުގެ ތެރެއިންވާ ކަމެކޭ ބުނުމާއި އަދި ކުޑަކުދިންގެ ޙައްޤުތަކުގެ ތެރެއިން ޙައްޤެކޭ ބުނުމުގެ މާކުރިން އަދި އަޅުގަނޑުމެން ބުނަންޖެހޭ އެއްޗެއް އެބައޮތް. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި، ތަޢުލީމު އެއީ އެންމެންގެ ޙައްޤެއްކަން އޮތީ ކަނޑައަޅުއްވާފައޭ. އަޅުގަނޑުމެން ނުޖެހޭ ކޮންމެހެން އ.ދ. މަޖިލީހަށް ޤަރާރަކަށް އެންމެ ފުރަތަމަ ދާކަށް، އެއީ އިންސާނީ ޙައްޤުތައް ކަމުގައިވިޔަސް، ނުވަތަ ކުޑަކުދިންގެ ޙައްޤުތައް ކަމުގައިވިޔަސް، އޭގެ މާކުރިން އަޅުގަނޑުމެންގެ އަމިއްލަ ދުސްތޫރުގައި، އަޅުގަނޑުމެންގެ އަމިއްލަ ޤާނޫނުގައި، އިލާހީ ޤާނޫނުގައި ތަޢުލީމަކީ އެންމެންގެ ޙައްޤެއްކަމާއި، ތަޢުލީމަށް އެންމެން ކުރިމަތިލާންޖެހޭނެ ކަމަށް އެއޮތީ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައި. ކީރިތި ޤުރްއާނުގައި އެބައޮތް. ދެންމެ ތިޔަބޭފުޅުން ތިޔަ އެއްސެވި ސޫރަތުގައިވެސް اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ "ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން ކިޔަވައިވިދާޅުވާށޭ. އެ ކަލާނގެއީ ހުރިހާ އިންސާނުން ހެއްދެވި ކަލާނގެއޭ." ކިޔެވުމަށް މާތްވެގެންވާ ޤުރްއާނުގައި ވަރަށް މަތީ އަހަންމިއްޔަތެއް ދެއްވާ. ވަރަށްގިނަފަހަރު ކިޔެވުމަށް، އުނގެނުމަށް ވަރަށްގިނަ ގޮތްގޮތަށް އަންގަވައި، އެކަމަކީ ހުރިހާ މުސްލިމުންގެ ވާޖިބެއްކަމަށްވަނީ ކަނޑައަޅުއްވާފައި.

ހަމައެފަދައިން، ކީރިތި ރަސޫލާ އެއީ މުސްލިމުންނަށް ނުވަތަ އިންސާނުންނަށް، މުޅި އިންސާނިއްޔަތަށް ފޮނުއްވި މުޢައްލިމެއް ކަމުގައިވެސް ވަނީ ޤުރްއާނުގައި ކަނޑައަޅުއްވާފައި. މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތާއި އަދި ޙިކްމަތް، ބުއްދިވެރިކަން، ވިސްނުން، ވިސްނާނެގޮތް މީހުންނަށް ދަސްކޮށްދެއްވުމަށްޓަކައި، މުޅި އިންސާނިއްޔަތަށް ﷲ ފޮނުއްވި ބޭކަލެއްކަން ޤުރްއާނުގައި އޮވޭ އަންގަވާފައި. އާދެ، އެހެންވީމާ، އިންސާނީ ޙައްޤުތަކަށާއި، އަދި ކުޑަކުދިންގެ ޙައްޤުތަކަށް ދިޔުމުގެކުރިން، އަޅުގަނޑުމެންގެ މާތް ދީނުގައިވެސް ކަނޑައަޅުއްވާފައި އޮތްގޮތުން، ތަޢުލީމަކީ އިންސާނުންގެ ޙައްޤެއްކަން އެނގޭ. އަދި އެ ޙައްޤަކީ ހަމައެކަނި ޙައްޤަކަށްވުމުގެ އިތުރަށް، ވަރަށް މަތިވެރި އަހަންމިއްޔަތެއް ދޭންޖެހޭނެ ޙައްޤެއްކަންވެސް ކީރިތި ޤުރްއާނުންނާއި، ރަސޫލާގެ ސުންނަތުން އަދި ދީނުގެ އެހެން މަޤްބޫލު ޝަރުޢީ ދަލީލުތަކުން އެނގެން އެބައޮތް.

ވަރަށް ކުޑަކުޑަ ދަލީލެއް އަޅުގަނޑު ދަންނަވައިލެވޭތޯ ބަލާފާނަން. ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެދިޔަ މާތް ސޫރަތުގެ ފެށުމާއި ނިމުން، އެއާދޭތެރޭގައި ވިސްނަވާލެއްވިޔަސް އެކަން ސާފުވެވަޑައިގަންނަވާނެ. ފެށިފައި އެއޮތީ ކަލޭގެފާނު ކިޔަވައިވިދާޅުވާށޭ، ތިޔަބައިމީހުން ކިޔަވާށޭ. "اقْرَأْ" އެ އާޔަތުން، އެ ލަފްޒުން، އެ ސޫރަތް ފެށިފައި އޮތީ. ނިމިފައި އޮތީ "كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب" ރަސޫލާ އެ އަންގަވަނީ، "ކަލޭގެފާނު އެބައިމީހުންނަށް ކިޔަމަންވެވަޑައިނުގަންނަވާށޭ. ﷲ ނޫން އެހެން ފަރާތަކަށް މީސްތަކުން އެނބުރުމަށް މަސައްކަތްކުރާ، ދަޢުވާކުރާ އަދި އެފަރާތަށް ގޮވާލާ މީހާއަށް ތަބަޢަވެވަޑައިނުގަންނަވާށޭ، އޭގެ ބަދަލުގައި ކަލޭގެފާނު ސަޖިދަ ކުރައްވާށޭ. އަދި ތިމަންރަސްކަލާނގެއަށް ކުއްތަންވެވަޑައިގަންނަވާށޭ." އެހެންވީމާ، އެބަ އެނގޭ، ފެށުމާއި ނިމުމާ ދޭތެރޭގައި ވިސްނާލާއިރު ފެށުމަކީ، ފެށުމުގައި އަންގަވާފައި އޮތީ، ކިޔަވާށޭ. ނިމޭތާނގައި އަންގަވާފައި މިއޮތީ ތިމަންރަސްކަލާނގެއަށް ކުއްތަންވެވަޑައިގަންނަވާށޭ، ކައިރިވެވަޑައިގަންނަވާށޭ. އެހެންވީމާ އެނގޭ، ކިޔެވުމަކީ ﷲ އަށް ކުއްތަންވުމަށް އޮތް ވަސީލަތެއްކަން. މިއިންވެސް މާތްވެގެންވާ އިސްލާމްދީނުގައި ތަޢުލީމަށް ދެއްވާފައިވާ މަތިވެރި އަހަންމިއްޔަތު ވަރަށް ސާފުކޮށް އެނގެން އެބައޮތްކަން ކަށަވަރު.

އާދެ، ދެން އަޅުގަނޑު ދަންނަވާލާހިތްއޮތީ، ތަޢުލީމާބެހޭ ތަފާތު މަސައްކަތްތަކެއް، ސަރުކާރުގެ ކަމާބެހޭ ފަރާތުން ކުރައްވަމުން އެބަގެންދަވައޭ. އެކަންތައް ތިޔަބޭފުޅުންނަށް އަޅުގަނޑު މި ޖަލްސާގައި މިތާހުރެގެން ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ. ތަޢުލީމާބެހޭ ޤައުމީ މަޝްރޫޢެއް އެފަރާތުންވަނީ ތައްޔާރުކުރައްވާފައި. އޭގެ ހަތަރުވަނަ ދެލިކޮޕީ މިހާރުވަނީ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި. އެ މުޤައްރަރާބެހޭ މަޝްވަރާތައް ކުރެވެމުން، އެ ނިމޭ ހިސާބަށް ވަރަށް އަވަހަށްދާނެ. އަދި ފަށާތަޢުލީމާއި، މެދުމަދްރަސީ ތަޢުލީމުގެ މުޤައްރަރެއްވެސް ވަނީ މިހާރު ޤައުމީގޮތުގައި އިޢުލާނު ކުރެވި، އެއަށް ޢަމަލުކުރަން ފެށިފައި. ހަމަ އެއާއެކުގައި، އަޅުގަނޑުމެން ކުރިއަށް އޮތް ތިން އަހަރުގެ ތަޢުލީމުގެ ކަންތައްތައް ގެންދާނެ ގޮތެއްވެސްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްވަވައި، އަދި ޤައުމީ މަޝްރޫޢުގެ، މި ދެންނެވި ތިން އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަޢުލީމާބެހޭ ބައިގައި ހިމެނިފައި. އޭގެ އިތުރުން، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ކަންތައް ގެންދަވާނެގޮތާ ދޭތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ވަރަށް ބޮޑަށް ވިސްނަވައި، ޚިޔާލުކުރައްވާ ގޮތްތަކެއް ރާއްވަވައި، އެކަންކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާފައި.

މި ދެންނެވި ކަންތައްތަކުގެ ތެރޭގައި، ވަރަށް މުހިންމު އިތުރު ކަމެއްވެސް އަޅުގަނޑު ހިތުން ކުރިއަށް ގެންދެވޭނެ. އެކަމަކީ ވަރަށް ބޭނުންތެރި ކަމެއް. އާދެ، އަޅުގަނޑު މި އިޝާރާތްކުރަނީ ތަޢުލީމާބެހޭ ޤާނޫނެއް ހެދުމުގެ ޚިޔާލަށް. އާދެ، ތަޢުލީމާބެހޭ ޤާނޫނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ހަމައެފަދައިން، އަޅުގަނޑު ހިތުން މިނިސްޓަރ އޮފް އެޑިޔުކޭޝަންވެސް ދެކެވަޑައިގަންނަވާ. އާދެ، ތަޢުލީމާބެހޭ ޤާނޫނެއް ހެދުމުގެ ބޭނުމަކީ ކުރިންވެސް އަޅުގަނޑު މި ދެންނެވިހެން ތަޢުލީމަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި އެއީ އަޅުގަނޑުމެން ކޮންމެ އިންސާނަކުވެސް، އޭގެ ޚިދުމަތް ނުވަތަ އޭގެ ފައިދާ ލިބިގަންނަންޖެހޭ އެއްޗެއް ކަމުގައި އަންގަވާފައިވާތީއާއި، އަދި ތަޢުލީމަކީ އިންސާނީ ޙައްޤަކަށްވެސްވާތީ. އަދި ކުޑަކުދިންގެވެސް ޙައްޤަކަށްވާތީއާއި، ތަޢުލީމާބެހޭ ކަންތައްތައް، ހަމަޖެހޭ އުޞޫލެއްގެމަތިން އިންތިޒާމުކުރެވި، އެންމެންނަށް ސާފުކޮށް އެކަން އެނގެން އޮތުމަކީ، ޤައުމީ ފެންވަރުގައި ވަރަށް ބޭނުންތެރި ކަމަކަށްވާތީ، ތަޢުލީމާބެހޭ ޤާނޫނެއް އޮންނަންޖެހެނީ.

އެއްވެސް ކަމަކާ ބެހޭގޮތުން ޤާނޫނެއް ހަދާއިރު ވިސްނާލަން ރަނގަޅު ނުކުތާއެއް އެބައޮތް. އެއީ، ޤާނޫނު ހެދުމުގެ ބޭނުމަކީ، ފަހަރެއްގައިވެސް ބަޔަކު ކުށްވެރި ކުރުމެއް ނޫންކަން. ޙަޤީޤަތުގައި ޤާނޫނެއް މި ހަދަނީ މީހުން ރައްކާތެރިކޮށްދޭން. ކޮންމެ ކަމެއްވެސް ގެންދަންވީ އުޞޫލަކީ ކޮބައިކަން ހާމަކޮށްދޭން. ތަނުގެ އާދަކާދައާއި ޢަޤީދާއާއި އަދި ތަނުގެ މަޞްލަޙަތާ އެއްގޮތްވާ ގޮތުގެމަތިން ކަންތައްތައް ކުރިއަށް ގެންދާނީ ކިހިނެއްތޯ ބަޔާންކޮށްދޭން ހަދާ އެއްޗެއް ޤާނޫނު އެއީ. އެހެންވީމާ، ޤާނޫނަކީ މީހުންނަށް މަގުދައްކައިދޭ އެއްޗެއް. މީހުން ކުށްވެރިކުރާ އެއްޗެއް ނޫން. މީހުން، ޤާނޫނުގެ ދަށުން ކުށްވެރިވާތަން އަންނަނީ، އެ ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރެވޭތީ. ޤާނޫނުގައި މި އޮންނަނީ ޖަމާޢަތުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބާރުއަޅާފައި. އެހެން އޮއްވައި، ތިމާގެ އަމިއްލަ ޒާތީ މަޞްލަޙަތު، ޖަމާޢަތުގެ މަޞްލަޙަތަށްވުރެ އިސްކޮށް، ތިމާއަށް ކުރެވޭ ހުއްދަނޫން ކަމެއްގެ ސަބަބުން ކުށްވެރިވާތަން އަންނަނީ.

އެހެންވީމާ، އެއީ ޤާނޫނު ހެދީމާ ދިމާވާ ކަމެއްނޫން. އެ ޤާނޫނަށް މީހުންނަށް ތަބަޢަށްނުވެވޭތީ، ޙުރްމަތްތެރިކޮށްނުހިތޭތީ ވާގޮތެއް. ކޮންމެއަކަސް ޤާނޫނު ހެދުމުގެ ބޭނުމަކީ މީހުންނަށް މަގުދައްކައިދީ، އެކަންތައް ފަސޭހަކޮށްދީ، ހަމަޖެހިފައިވާ އުޞޫލުތައް މީހުންނަށް އަންގައިދިނުން. އެގޮތުގެމަތިން ތަޢުލީމާބެހޭ ޤާނޫނެއް ހެދިފައި އޮތުމަކީ، އަޅުގަނޑު ހިތުން ރާއްޖޭގައި މިހާރު ތަޢުލީމު ފެތުރެމުންމިދާ މިންވަރަށް ބަލާއިރު، މިވަގުތު ވަރަށް ބޭނުންވެފައިވާ ކަމެއް.

އާދެ، ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް ތަޢުލީމާ ބެހޭގޮތުން އެއް ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެއީ، ގިނަ މީހުންނަށް ހީވެފައި އޮންނަނީ ތަޢުލީމަކީ ނުވަތަ ރަސްމީ ތަޢުލީމަކީ ހަމައެކަނި، މަދަރުސާއަށް ގޮސް ކުލާހުގައި ތިބޭއިރު، މުދައްރިސުން އެ ކިޔައިދޭ އެއްޗިއްސޭ، ނުވަތަ ފޮތްތަކުގައި ލިޔެވިފައި ހުންނަ މަޢުލޫމާތޭ. ކުދިންގެ އަތްތަކުގައި ނުވަތަ އަތްމަތީގައި ހުންނަ ފޮތްތަކުގައި އެ ހުންނަ މަޢުލޫމާތު ދަސްކޮށްލީމާ، އަދި އެ މަޢުލޫމާތާ ބެހޭގޮތުން މުދައްރިސުންދޭ އިތުރު އިރުޝާދު އޮޅުންފިލުވައިދޭ އިތުރު ކަންތައްތައް އެނގުނީމާ، އެ ތަޢުލީމު ޙާޞިލު ކުރެވުނީ ކަމަށް ވަރަށްގިނަ ކުދިންވެސް ދެކޭ. އަދި އަޅުގަނޑު ހިތުން ޢާންމުންގެ ތެރެއިންވެސް ވަރަށްގިނަ މީހުން ދެކޭ. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަން ޖެހެނީ، ތަޢުލީމަކީ އެއަށްވުރެ ފުޅާ އެއްޗެކޭ. މިގޮތުން ދަންނަވަންޖެހޭ އެންމެ ވާހަކައެއް ދަންނަވާލާނަމޭހިތާ އަޅުގަނޑު މި ވާހަކަ މި ފެށީ.

އާދެ، އެއީ ތަޢުލީމު ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، ކުދިންގެ ވިސްނުން ތަރައްޤީ ކުރެވޭތޯ މަސައްކަތް ކުރުން. ކުދިންނަށް އިތުރު ހޭލުންތެރިކަމެއް ގެނެވޭތޯ ބެލުން. އެ ކުދިން މިހާރު މި ދިރިއުޅެނީ ކޮން ދުނިޔެއެއްގައިކަން، ދުނިޔޭގައި ކަންކަން ހިނގަނީ ކިހިނެއްކަން، މިއުޅެވެނީ ކޮން ޒަމާނެއްގައިކަން، އަޅުގަނޑުމެންގެ ތިމާވެށީގައި ވަނީ ކޮންކޮން ކަންތައްތަކެއްކަން، މި ހުރިހާ ކަންތައްތަކެއް، އެ ކުދިންނަށް އެނގެން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ހިތުން މުދައްރިސުންވެސް ކުރައްވަންޖެހޭނެ ވަރަށްބޮޑު ކަމެއް އެބައޮތް. އެއީ، މުދައްރިސުން ކުދިންނަށް މި ނުކުތާ ސާފުކޮށްދެއްވަންޖެހޭނެ. އަދި، ކުދިންގެ ވިސްނުމާއި، އެކުދިންގެ ކަންތައް މިގޮތަށް ގެންދެވޭތޯ ބައްލަވަންޖެހޭނެ. ކުލާސްރޫމުގައި ފަޞްލުގައި ކުއްޖާ އިންދާ، އެ ކުއްޖާއަށް އެ ދެއްވާ މަޢުލޫމާތުގެ އިތުރަށް، ދުނިޔެއާބެހޭ ކަންތައްތަކާ ދޭތެރޭގައި މަޢުލޫމާތު ހޯދައި، ޚަބަރުއަހައި، ވިސްނައި ހެދުމަށް ބާރުއަޅުއްވަންޖެހޭނެ. އެކަމުގެ ޝައުޤުވެރިކަން ކުދިންގައި އުފައްދަވަންޖެހޭނެ.

އަޅުގަނޑުމެންނަށް މިހާރު ދުނިޔޭގެ އެތަން މިތާނގައި ވަމުންދާ ކަންތައްތައް ވަރަށް ފަސޭހައިން ފެނޭ. ޓެލެވިޜަންގެ ޒަރީޢާއިން، ރޭޑިޔޯގެ ޚަބަރުތަކުން އެނގޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިންނަށްވެސް، ދުނިޔޭގެ ކަންތައްތައް ހިނގަނީ ކިހިނެއްކަން، ކޮބައިކަން މިކަންކަން މިހެން ހިނގާ ސަބަބަކީ، މިއީ ކޮން ދުނިޔެއެއްކަން، މިއީ ކޮން ޒަމާނެއްކަން ވަރަށް ރަނގަޅަށް އެނގެންޖެހޭނެ. އެހެންނޫނިއްޔާ ވާގޮތަކީ، ކުދިން ބޮޑުވާއިރު ނުވަތަ ތަޢުލީމީ ދައުރު ނިމޭއިރު، އެކުދިން ތިބެނީ ދުނިޔެއަށް ހޭނުލެވި. ވަރަށްބޮޑު އޮޅުމެއްގެތެރޭގައިވެސް ތިބޭ.

ދުނިޔޭގެ ކަންތައްތައް ހުންނަ ގޮތަކީ، އެނގިވަޑައިގަންނަވާނެ ފަދައިން، ހަމައެކަނި ފާޅުގައި އެކަންތައް އޮންނަ ގޮތެއްނޫން. އަޑީގައި ވަރަށްގިނަ ކަންތައްތައް ހިނގާ. ޚާއްޞަކޮށް، ސިޔާސީ ކަންތައްތަކުގެ ތެރޭގައި، ދުނިޔޭގެ ސިޔާސީ މަސްރަޙުތަކުގައި ކަންތައްތައް ވަމުންދާގޮތަށް ވިސްނަވައިފިއްޔާ އެނގިވަޑައިގަންނަވާނެ. ހަމައެކަނި، ބޭރުފުށުން ފެންނަގޮތް އެއީކީ ނޫންކަން ޙަޤީޤަތަކީ. އޭގެ އަޑީގައި ފޮރުވިފައި ކިތަންމެ ކަންތައްތަކެއް ހުންނަކަން. މިސާލެއް ދަންނަވަންޏާ، ތިޔަބޭފުޅުން ވަރަށް ގިނައިން ނޫސްތަކުންނާއި، ޓީ.ވީ، ރޭޑިޔޯއިން އެކި ޤައުމުތަކާބެހޭ ޚަބަރު އައްސަވާނެ. އައްސަވާއިރު، އެ އިވިވަޑައިގަންނަވާ ޚަބަރެއް އެއީ ތެދު ޚަބަރެއްކަން ނުވަތަ އެ ލިބިވަޑައިގަންނަވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތެއް ކަމަށް ގަބޫލުކުރެއްވުން އޮންނާނީ ވަރަށް ކައިރީގައި. ގިނަފަހަރަށް އެވާނީވެސް އަޅުގަނޑު ހިތުން ތެދު މަޢުލޫމާތަށް، ނުވަތަ ތެދު ޚަބަރަށް. އެހެންނަމަވެސް، ބަޔަކުމީހުން ރާވައިގެން، ބައެއްކަހަލަ ޚަބަރު އެބަދޭ. މިހާރު ދުނިޔޭގައި އެބަހުރި، އެކިއެކި ސަރުކާރުތަކަށް، އެކިއެކި ޤައުމުތަކަށް، އެކިއެކި ޒަޢީމުންނަށް އެމީހުން ބޭނުންވާގޮތަށް ޚަބަރު އުފައްދައިދޭ އެކިއެކި ޖަމާޢަތްތައް. ޚަބަރު އުފައްދައިދެއޭ ދެންނެވީމާ އެނގިވަޑައިގަންނަވާނެ، އެއީ ދޮގު ޚަބަރުކަން. ތެދު ޚަބަރެއް ނޫން. ދޮގު ޚަބަރު އުފައްދައިދީގެން އެއީ ތެދުޚަބަރެއް ކަމުގައި ހަދައިގެން ނޫސްތަކުގައި ޖަހާފާނެ. ރޭޑިޔޯއިން އެ ޚަބަރު ކިޔާފާނެ. ޓީ.ވީ އިން އޭގެ މަންޒަރުތައް ދައްކަފާނެ. އެހެންނަމަވެސް، އެއީކީ ޙަޤީޤަތެއްނޫން. އެއީ ސިޔާސީ އެކިއެކި ބޭނުމުގައި، ބައެއް ތަންތަނުން ކުރަމުން ގެންދާކަމެއް. އަޅުގަނޑުމެންގެ މާދުރު ހިސާބެއްގައި ނުވާ ޤައުމެއްގެ ސަރުކާރުން އެކަން އެހެން ކުރަމުން ގެންދާކަން މިހާރު އެނގޭ. އެމީހުން އެކަން ޙަވާލުކޮށްފައި އޮތީ، ޔަހޫދީންގެ ބަޔަކާ. ޔަހޫދީންގެ ވަރަށް މަޝްހޫރު ޖަމާޢަތެއް، ޚަބަރު ހަދައިދޭ، ދުނިޔޭގައި އެބައޮތް. އެމީހުންގެ ބޭނުމަކީ އެމީހުންނަށް އެ ފައިސާ ދޭބަޔަކު، އެ މީހުންގެ ޚިދުމަތް އެ ހޯދާ ބަޔަކު ބޭނުންވާގޮތަށް ޚަބަރު ހަދައިދިނުން. އަދި އެ ޤައުމަކަށް ރީތި ނަމެއް ލިބޭނެ ގޮތަކަށް މަޢުލޫމާތު ކިޔައިދިނުން. އެކިއެކި ކަންކަމުގެ ޕަސެންޓޭޖް. މިސާލަކަށް، ތަޢުލީމުގެ ޕަސެންޓޭޖް، މިވެނި ޤައުމެއްގައި މިހާ މައްޗޭ، އިޤްތިޞާދީ ކުރިއެރުން މިހާ މައްޗޭ، މިވެނި ޚިދުމަތްތަކެއް މިހާ ރަނގަޅު ފެންވަރަކަށް ލިބެން އެބަހުއްޓޭ. ސަރުކާރުން ރައްޔިތުންނަށްޓަކައި މިހާ މަތިވެރި ޚިދުމަތްތަކެއް ކޮށްދެމުން އެބަ ގެންދެއޭ. މިހެން ކިޔާފައި، ދޮގު ޚަބަރު ހަދައިގެން، މި ދެންނެވި ޔަހޫދީ އޮގަނައިޒޭޝަންގެ ފަރާތުން ފަތުރަމުން އެބަގެންދޭ. އެ ޚަބަރުތައް ވަރަށް ގިނަގިނައިން ނޫހުން ފެނިވަޑައިގަންނަވާނެ. އެއީ، ޔަހޫދީންނަކީ ދުނިޔޭގެ ވަރަށްގިނަ ކަންތައްތަކުގައި، އެމީހުންގެ ވަރަށް ވަރުގަދަ ނުފޫޒެއް ހިންގާ ބައެއް. ޚާއްޞަކޮށް، ހުޅަނގުގެ ޤައުމުތަކުގައި. ހުޅަނގުގެ ބޮޑެތި، ދަންނަވާނީ ކީކޭތޯ، ނެޓްވަރކްސް އެއީ، ޓީ.ވީ.އާއި، އެކިއެކި ޚަބަރު ފޮނުވާ ބޮޑެތި ޖަމާޢަތްތަކުގައި ޔަހޫދީންގެ ނުފޫޒު އޮންނަނީ ވަރަށް މަތީ ދަރަޖައަކަށް ފެތުރިފައި. އެހެންވީމާ، މި ދަންނަވާ ހުޅަނގުގެ ޤައުމުތަކުގައި ހުންނަ ނޫސްފަތުރާ، ޚަބަރު ފަތުރާ ބޮޑެތި ޖަމާޢަތްތަކުން ފަތުރާ ޚަބަރު އެއީ ދުނިޔޭގެ ގިނަ މީހުން ދެކޭގޮތުގައި ތެދު ޚަބަރު. އެ ޚަބަރުތަކުގެ ތެރޭގައި، މި ދެންނެވި ކަހަލަ ޚަބަރު މިހާރު ހުރޭ. މިކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ސާފުކޮށްފިލަންވާނެ. އަޅުގަނޑުމެންގެ ތެރެއިން ބޮޑުވަމުން އަންނަ ކުޑަކުދިންނަށްވެސް މިކަންތައްތައް އެނގެންޖެހޭނެ. އޭރުން އެނގޭނީ އެމީހުން އެކިޔާ ޚަބަރުގައި ހުރި ތެދުކަމާއި ނުވަތަ ދޮގުކަން.

އާދެ، ތަޢުލީމާ ބެހޭގޮތުން އަޅުގަނޑު މި ދައްކާ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ފަށާތަޢުލީމު ނުވަތަ ރާއްޖޭގެ ތަޢުލީމުގެ މަޤްޞަދުތަކާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ، އެ މަޤްޞަދުތައް އެއީ މިހާރު ރާއްޖޭގެ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނިފައިވާ މަޤްޞަދުތަކެއް. މަޤްޞަދުތައް ތަފްޞީލުކޮށް ނުދެންނެވި ކަމުގައިވިޔަސް، އެ މަޤްޞަދުގައި ބެލިފައިވަނީ ތިން ދިމާއަކަށްކަން ދަންނަވާލީމާ އަޅުގަނޑު ހިތުން ފުދޭނެ.

އާދެ، ތަޢުލީމުގެ އެންމެ ފުރަތަމަ މަޤްޞަދަކީ، ތިމާގެ ނަފްސު ތަރައްޤީކުރުން. ތިމާގެ ވިސްނުން ތަރައްޤީކުރުން. ތިމާގެ މަޢުލޫމާތު މުއްސަނދިކުރުން. ތިމާގެ ޞިއްޙަތާއި، ތިމާގެ ދިރިއުޅުން ކުރިއަށް ގެންދާނެ މަގުތައް ތިމާ ދެނެގަތުން. ނަފްސު ތަރައްޤީކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތާއި، ބޭނުންވާ ހުނަރުވެރިކަން ކުދިންނަށް ލިއްބައިދިނުން. ދެވަނަ ކަމަކީ، ތިމާ މިއުޅޭ މާޙައުލު ދަސްކުރުން. މިއުޅެނީ ކޮން ތަނެއްގައިކަން، ތިމާގެ އަޞްލަކީ ކޮބައިކަން، ތިމާގެ ޢަޤީދާ އެއީ ކޮން އެއްޗެއްކަން. ޢަޤީދާއާއި ދިރިއުޅުމާ ގުޅިފައިވާ ގުޅުން. އަޅުގަނޑުމެންގެ ޢަޤީދާއަކީ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާ. އެހެންވީމާ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ވަރަށްބޮޑު ބައެއް، އިސްލާމްދީނުގެ ޢަޤީދާ އެއީ، ކޮން އެއްޗެއްކަން، ކުދިންނަށް އަންގައިދިނުން. އެކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖެއްސުން. އިސްލާމްދީނުގެ އުޞޫލުތަކަށް ކުދިން ލެންބުވުން. އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފުވާގޮތަށް، ކުދިން ނޫޅުމަށް އެކުދިން ހާނުވައި ތަމްރީނުކޮށް ހެދުން.

ހަމައެއާއެކުގައި އަޅުގަނޑުމެންގެ ޤައުމަކީ ކޮން ތަނެއްކަން، އަޅުގަނޑުމެންގެ ޤައުމީ ކަންތައްތަކަކީ ކޮބައިކަން ކުދިންނަށް އެނގި، އެ ޤައުމީ ކަންތައްތަކުގެ ލޯބިވެސް، ކުދިންގެ ހިތްތަކުގައި ޖެއްސުން. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންގެ ބަހަކީ ދިވެހިބަސް. ދިވެހިވަޠަންދެކެ، ދިވެހި ޤައުމުދެކެ އަޅުގަނޑުމެންގެ ކުދިން ލޯބިވާންޖެހޭނެ. ލޯބިނުވާ ކަމުގައިވަންޏާ މުސްތަޤްބަލުގައި ދިވެހިރާއްޖެއީ މިނިވަން މުސްތަޤިއްލު ތަނެއް ކަމުގައި ނޯންނާނެކަން ކަށަވަރު. އެ ލޯބި، ކުދިންގެ ހިތްތަކުގައި ޖެއްސުން އެއީވެސް ތަޢުލީމުގެ ލަނޑުދަނޑިތަކުގެ ތެރެއިން ވާންޖެހޭނެކަމެއް. އަޅުގަނޑުމެންގެ ޤައުމުދެކެ ލޯބިވުން. އަޅުގަނޑުމެންގެ ބަސްދެކެ ލޯބިވުން. ދިވެހިބަހަކީ އަޅުގަނޑުމެންގެ ބަސް. އަޅުގަނޑުމެން ތަޢުލީމު ޙާޞިލުކުރާ ބަސްތަކުގެ ތެރޭގައި، ދިވެހިބަސް ނޫން އެހެން ބަސްތައް ހުރިކަމުގައިވިޔަސް. އާދެ، އެންމެ ޢާންމު ގޮތެއްގައި ޚާއްޞަކޮށް، މާލޭގައި އިނގިރޭސިބަހުގެ ބޭނުންކުރެވޭ. އެއީ ކޮންމެހެން ބޭނުންކުރަންޖެހިގެން ކުރަނީ. އަދި މިހާރު ޢަރަބިބަސްވެސް އެބަ ކިޔަވައިދެމުން ގެންދެވޭ. ޢަރަބިބަސް ކިޔެވުމަކީވެސް އެގޮތުން ކުރަންޖެހޭ ކަމެއް. ޝައްކެއްނެތްގޮތުގައި، ބޭރުބަހެއް ދަސްވުމަކީ ކުއްޖާއަށް ލިބޭ ވަރަށްބޮޑު ތަރައްޤީއެއް. ކޮންމެ އިންސާނަކަށްވެސް އިތުރު ބަސް ދަސްވުމަކީ އެމީހާއަށް މަގުފަހިކޮށްދޭ ވަރަށްބޮޑު ކަމެއް. އެގޮތަށް ބޭރުގެ ބަސްބަސް ދަސްކުރުން އެއީ ވަރަށްމޮޅު ކަމެއް ކަމުގައިވިޔަސް، އެންމެ ފުރަތަމަ އަޅުގަނޑުމެން އަހަންމިއްޔަތު ދޭންޖެހޭނީ އަޅުގަނޑުމެންގެ އަމިއްލަބަހަށް. އަމިއްލަބަހަކީ ދިވެހިބަސް. ކުދިންގެ ހިތްތަކުގައި ދިވެހިބަހަށްވެސް ލޯބިޖައްސުވަންޖެހޭނެ. އެކިއެކި ޤައުމީ ކަންތައްތަކަށް ލޯބިޖައްސުވަންޖެހޭނެ.

ހަމައެއާއެކުގައި އަޅުގަނޑުމެންނަކީ، މި ކުޑަކުޑަ ރާއްޖޭގެ ސަރަޙައްދުން ބޭރަށް ވިސްނާލައިފިނަމަ، އިސްލާމީ އުންމަތުގެ ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެހެންވީމާ، އަޅުގަނޑުމެންނަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ ބައެއްކަމާއި، އިސްލާމީ އުންމަތަށް ނިސްބަތްވާ ބައެއްކަން އަންގައިދިނުން، އެކަން އިޙްސާސްކޮށްދިނުން، އެކަން ކުދިންނަށް ގަބޫލުކުރުވުން އެއީވެސް އަޅުގަނޑުމެންގެ ތަޢުލީމުގެ މަޤްޞަދުތަކުގެ ތެރެއިން ވާންޖެހޭނެކަމެއް. އެހެންވީމާ، މި ތިން ދިމާއަށް ތަޢުލީމުގެ މަޤްޞަދުތައްވަނީ މިޞްރާބު ކުރެވިފައި. އެ ތިން ކަންތައް ފުރިހަމަވެގެންނޫނީ، ޤައުމަށް ފައިދާހުރި ތަޢުލީމެއް ނުދެވޭނެކަން ކަށަވަރު. ތަޢުލީމު ލިބުމުން ތިމާގެ ނަފްސު، ތިމާގެ ވިސްނުން، ތިމާގެ ހުނަރުވެރިކަން ކުރިޔަށްދިޔުމުގެ ސަބަބުން، އެ ކުރިއަށްދާ ކުރިޔަށްދިޔުމުގެ ބޭނުންކޮށްގެން ދިރިއުޅުމަށް މަސައްކަތެއް ކުރެވިދާނެ. އެކުރާ މަސައްކަތަކީ ޤައުމުގައި ކުރާ ތަފާތު މަސައްކަތްތަކުގެ ތެރެއިން، ކޮންމެ މަސައްކަތެއް ކަމުގައިވިޔަސް އެންމެ ރަނގަޅު. ވާހަކައަކީ، މަސައްކަތްކޮށްގެން، މަސައްކަތްތެރިކަން އިތުރުކޮށްގެން ދިރިއުޅުން ކުރިއަށްގެންދާ މީހުންނަށް، އެކުދިން ބޮޑެތިވީމާ ވާންޖެހޭނެ. ހަމައެއާއެކުގައި، އެކުދިންނަކީ ޤައުމުދެކެ ލޯބިވާ، ދީނަށް ޙުރްމަތްތެރިކޮށްހިތާ އަދި އެކުދިންނަކީ ކޮން ޤައުމެއްގެ، ކޮން ދީނެއްގެ، ކޮން އުންމަތަކަށް ނިސްބަތްވާ ކުދިންކަންވެސް އެކުދިންނަށް އެނގެންޖެހޭނެ.

އާދެ، މި ކަންތައްތައް ސާފުކޮށް ބަޔާންކޮށްދީފައި އޮންނަ އެއްޗެއް، ތަޢުލީމުގެ މަޤްޞަދުތަކަކީ. އެހެންވީމާ، އެ މަޤްޞަދުތައް ދެނެގަތުމާއި، އެ މަޤްޞަދުތަކާ އެއްގޮތަށް ޢަމަލުކުރެވޭތޯ މަސައްކަތްކުރުން އެއީ ތަޢުލީމު ދޭންތިބި ފަރާތްތަކުގެ ވަރަށްބޮޑު ވާޖިބެއްކަން ކަށަވަރު.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ފެށިއިރު ދަންނަވާލިން، މި ބާވަތުގެ ޤައުމީ ޖަލްސާތަކުގައި ވާހަކަދައްކާއިރު ވިސްނާލަންޖެހޭ ދެތިން ނުކުތާއެއް އެބައޮތޭ. އޭގެތެރެއިން ދެ ވާހަކައެއް އަޅުގަނޑު ދަންނަވާލާފައި ނިންމާލަން ޤަޞްދުކުރަނީ. ކުރިންވެސް ދެންނެވި ފަދައިން، މިބާވަތުގެ މަޝްވަރާގެ ޖަލްސާތައް ބޭއްވުމަކީ ވަރަށް ބޭނުންތެރިކަމެއް. އެ މަޝްވަރާގެ ޖަލްސާތަކުގެ ބޭނުން އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް ހިފޭނީ، ވަކިގޮތަކަށް އަޅުގަނޑުމެން މި ޖަލްސާތަކުގައި ޚިޔާލުފާޅުކުރުން ގެންގުޅޭ ކަމުގައިވަންޏާ. އެހެން މި ދަންނަވަން ޖެހެނީ ވަރަށް ފަސޭހައިން އަޅުގަނޑުމެންނަށް މައުޟޫޢުން ބޭރުވެވޭގޮތްވޭ. ކޮންމެ ކަމަކާ ދޭތެރޭގައި ވާހަކަދެއްކިޔަސް، އަޞްލު އެ ވާހަކަދައްކާ ކަންތަކުގެ ބޭރުން ކޮންމެވެސް އެހެން ވާހަކައެއް ދެކެވޭތަން އާދޭ. އެހެންދިމާވީމާ ވާގޮތަކީ، އެހެން ބޭފުޅުންގެ ވަގުތުވެސް ގެއްލެނީ. ކަމަށް ބޭނުންނުވާ އިތުރު ވާހަކަތަކެއް ދެކެވި، ނޭދެވޭ އަސަރުތަކެއް ކުރަން ފަށަނީ. އެހެންވީމާ، އެއީ އަޅުގަނޑުމެން މި ޖަލްސާގައިވެސް އަދި މިނޫންވެސް ބޭއްވޭ މިކަހަލަ ޖަލްސާތަކުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ނުކުތާއެއް. ކޮންމެ ބޭފުޅަކުވެސް، އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅު ކިތަންމެ މިނިވަންކޮށް ފާޅުކުރެއްވިޔަސް އެންމެ ރަނގަޅު. އެއްވެސް މައްސަލައެއް ނެތް. ބޭނުމަކީވެސް، ވީހާ މިނިވަންކޮށް، ވީހާ ޞަރީޙަކޮށް ޚިޔާލުފާޅުކުރުން. އެހެންނަމަވެސް، މިނިވަންކަމާއި ޞަރީޙަކަމާއެކު އެ ފާޅުކުރައްވާ ޚިޔާލު ވާންޖެހޭނެ، ހުށަހެޅިފައިވާ މައްސަލައަކާ ދޭތެރޭގައި ފާޅުކުރައްވާ ޚިޔާލަކަށް. އެ މައްސަލައިން ކުރި ފަޅައިގެން އެހެން މައްސަލައާ ނުގުޅޭ ކަންތައްތަކާ ދޭތެރޭގައި ޚިޔާލުފާޅުކުރެއްވުމަކީ އަޅުގަނޑު ހިތުން ވަގުތުވެސް ގެއްލޭނެ ކަމެއް. އަދި ނޭދެވޭ ކަންތައްތަކެއްވެސް އޭގެ ސަބަބުން އުފެދިދާނެ ކަމެއް.

ދެވަނަ ކަމަކަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޚިޔާލުފާޅުކުރަން އެދޭ ފަދައިން، އަދި އަމިއްލަ ޚިޔާލަށް އެހެން މީހުން ތަންދޭންޖެހޭނެ ކަމަށް ތިމާ ގަބޫލުކުރާފަދައިން، އެހެން މީހުންގެ ޚިޔާލަށްވެސް އަޅުގަނޑުމެން ތަންދޭންޖެހޭނެއޭ. އޭގެ މާނައަކީ، އަޅުގަނޑު މިހާރު މި ދަންނަވާ ވާހަކައާ އިދިކޮޅަށް، އެހެން ބޭފުޅަކު ވާހަކައެއް ވިދާޅުވިޔަސް، އެކަމާ ދޭތެރޭގައި އަޅުގަނޑު އެއްވެސްކަހަލަ ނޭދެވޭ ޝުޢޫރެއް އަޅުގަނޑުގެ ހިތުގައި ބާއްވާކަށްނުވާނެއޭ، ބާއްވައިގެންނުވާނެއޭ. އެކަމަށް މަރުޙަބާ ކިޔަންޖެހޭނެ. އަޅުގަނޑު މި ބުނާ އެއްޗެއްގެ ދިމާއިދިކޮޅަށް އެހެން މީހަކު ތެދުވެފައި، ހަމަ ވަގުތުން ވާހަކަ ދެއްކިޔަސް، އެއަށް އަޅުގަނޑު ދޭންޖެހޭނީ ތަރުޙީބު. އެއްގޮތަކަށްވެސް، އެ ވިދާޅުވީ ހަމަޖެހޭ ޚިޔާލެއްނޫނޭ ކިޔައިގެން، ދެވަނަފަހަރަށް އަޅުގަނޑު ތެދުވެ ވާހަކަދައްކަންވީކީ ނޫން. އަޅުގަނޑުމެންގެ އަމިއްލަ ޚިޔާލުފާޅުކުރަން އެދޭ ފަދައިން، އެހެން މީހުން އަޅުގަނޑުމެންގެ ޚިޔާލަށް ތަރުޙީބުދޭން އަޅުގަނޑުމެން އެދޭ ފަދައިން، އެހެން މީހުން ފާޅުކުރާ ޚިޔާލަށްވެސް އަޅުގަނޑުމެން ތަރުޙީބު ދޭންޖެހޭނެ. އެ ޚިޔާލަކީ އަޅުގަނޑުމެންގެ ޚިޔާލާ އެއްގޮތް ޚިޔާލެއް ކަމުގައިވިޔަސް އަދި ނުވިޔަސް. އެހެންވީމާ، އެ ނުކުތާއަށްވެސް ވަރަށްބޮޑަށް ވިސްނެވުން އެދެން. އެހެންނޫނީ ވާގޮތަކީ، މާ ފަސޭހައިން މައްސަލަ ހޫނުވެގެންދަނީ. އެއް ބޭފުޅަކު ވިދާޅުވާ ޚިޔާލާ ތަފާތުކޮށް، އެހެން ބޭފުޅަކު ޚިޔާލުފާޅުކުރައްވާއިރަށް، ފުރަތަމަ ޚިޔާލުފާޅުކުރެއްވި ބޭފުޅަކު ފުންމައިގެން ތެދުވެވަޑައިގަންނަވަނީ. ޖަވާބުދެއްވާނެ. އަނެއް ބޭފުޅަކު ތެދުވެވަޑައިގެން ޖަވާބުދެއްވާނެ. ދެން އެ ދެ ބޭފުޅުންގެ ދޭތެރޭގައި އޮންނަ އަމިއްލަ މައްސަލައަކަށް ވަރަށް ފަސޭހައިން އޮންނަނީ ވެފައި. އެހެންވީމާ، މިކަހަލަ ކަންތައްތަކަށްވެސް އަޅުގަނޑު ހިތުން ވިސްނަންޖެހޭނެ. އަޅުގަނޑުމެންގެ ޚިޔާލުފާޅުކުރާއިރު ވީހާވެސް ޞަރީޙަކޮށް ފާޅުކުރުން. އަދި، އެހެން މީހުންނަށްވެސް އެ ޙައްޤުދޭން. އެއީ، އެހެން މީހުންގެވެސް ޙައްޤެއް.

އާދެ، ކޮންމެއަކަސް އަޅުގަނޑު މިއަދު ވާހަކަދައްކަން ޤަޞްދުކުރި ނުކުތާތަކަށް ކޮންމެވެސްވަރަކަށް ވާހަކަދެކެވިއްޖެ ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. އެކަމަކު ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ވަރަށްގިނަ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި. އެ ޝުކުރުގައި ނުހިމެނޭ ދެ ފަރާތެއް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އާދެ، އޭގެތެރެއިން އެއް ފަރާތަކީ ހަމަ ޚުދު މިނިސްޓަރ އޮފް އެޑިޔުކޭޝަން، އޭނާ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި ރެޔާއި ދުވާލު އެ ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ބުރަ މަސައްކަތްތަކަށް ސަރުކާރުގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި އަޅުގަނޑު ހިތުން ތިޔަހުރިހާ ބޭފުޅުންގެ ނަމުގައި ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ދެވަނަ ފަރާތަކީ މި ދައުރުގެ ކުރިންވެސް ތަޢުލީމުގެ ކަންތައްތަކާ ބެހޭގޮތުން ވަރަށް ބޭނުންތެރި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ފަރާތްތަކެއް. އޭގެތެރެއިން އެއް ބޭފުޅަކު އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް އެބައިންނެވި. މިހާރު އޭނާ ޙަވާލުވެވަޑައިގެން ހުންނަވަނީ އެހެން މިނިސްޓްރީއަކާ. އަޅުގަނޑު މި ދަންނަވަނީ އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީގެ ވާހަކަ. އެ މަނިކުފާނަކީ މީގެކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކަންތައްތައް ކުޑަދުވަސްކޮޅަކު ހިންގެވި ބޭފުޅެއް. އެހެންވީމާ، އޭނާވެސް އޭނާގެ ދައުރުގައި އެ މިނިސްޓްރީ ހިންގެވި ދުވަސްވަރު، ރާއްޖޭގެ ތަޢުލީމަށް ވަރަށް މަތިވެރި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށް، އެ މަނިކުފާނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ތަޢުލީމަށް އެއްދުވަހުން އަނެއް ދުވަހަށް އިތުރު ތަރައްޤީ ލިބެމުންދިޔުން. މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅުގަނޑުމެންގެ ޤައުމީ ކަންތައްތަކަށް ރައްކާތެރިވެ ތިބެގެން، އަޅުގަނޑުމެންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ބާއްޖަވެރިވެ ތަނަވަސްވެގެންދާނެ ގޮތުގެމަތިން އަދި ރާއްޖެއަށް އަމަންއަމާންކަމާއި ހަމަޖެހުމާއި ކުރިއެރުން ލިބެމުންދާނެ ގޮތެއްގެމަތިން، އަޅުގަނޑުމެންގެ ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ތަޢުލީމުގެ ކަންތައްތައް ހިންގަން ތިބޭ އެންމެހައި ފަރާތްތަކަށް اللّـه سبحـانـه وتعـالى ތައުފީޤު ދެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.