بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެހެނިހެން ރޭންކްތަކުގެ އޮފިސަރުން، ދިވެހި ޢަސްކަރިއްޔާގެ އެންމެހައި ސިފައިން، މި ބައްދަލުވުމުގެ އެންމެހައި ބައިވެރިން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހި ދައުލަތުގެ އެންމެ ޝަރަފުވެރި އެއް މުއައްސަސާއާ ގުޅިވަޑައިގަތުމަށްޓަކައި، ދެންމެ ހުވާ ކުރެއްވި އެންމެހައި ސިފައިންނަށް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔައި ތަހުނިޔާ ދަންނަވަން. ދިވެހި ދައުލަތުގެ އެތައް މުއައްސަސާތަކަކާއި އެތައް ވަޒީފާއެއް އޮތްއިރުވެސް، ދިވެހި ޢަސްކަރިއްޔާއާ ތިޔަ ގުޅިވަޑައިގަތީ، ތިޔަ ސިފައިންގެ ހިތްތަކުގައި، މި ޤައުމާއި މި ޤައުމުގެ ރައްޔިތުން ދިފާޢު ކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި ރޫޙެއް އޮތުމުންކަން ކަށަވަރު.


ޢަސްކަރިއްޔާގެ ޚިދުމަތުގައި ތިޔަ ސިފައިން ހޭދަކުރާ ކޮންމެ ހިނދުކޮޅެއްމެ ހޭދަކުރަންވާނީ، އެ މަތިވެރި ޢަޒުމާއި ރޫޙުގައި. މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށްވުރެ، އިސްކަންދެވޭ އެހެން އެއްވެސް ކަމެއް، ތިޔަ ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެ.


ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާޢުކުރުން. އަދި ރާއްޖޭގެ ޤާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުން. ހަމައެފަދައިން، ޤާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށްދިނުން.


ތިޔަ ސިފައިން ޤައުމުގެ ދިފާޢީ ބާރާ ތިޔަ ގުޅިވަޑައިގަތީ، ސަރަޙައްދީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް، ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި.  ޓެރަރިޒަމާއި  ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމާވެސް ކުރިމަތިލާންޖެހިފައިވާ، ދުވަސްވަރެއްގައި.


މިއީ، މިއަދު މުޅި ދުނިޔެވެސް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކެއް. މިކަމުގައި ކުޑަ ޤައުމެއް ބޮޑު ޤައުމެއް ތަފާތެއް ނެތް. އެހެންކަމުން، މިފަދަ ފިކުރީ އޮއިވަރުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމަކީ މުހިންމު ކަމެއް.


މިދެންނެވި ގޮންޖެހުންތަކާ ކުރިމަތިލާއިރު، އެންމެ މުހިންމު ކަމަކީ، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު ޙިއްޞާ ކުރުން. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މަޢުލޫމާތު ޙިއްޞާކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވާނީ ފަށާފައި.


އޭގެ އިތުރުން، އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރުވެސް އެދަނީ ކުރަމުން. އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށްވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެ.


ސިފައިންނަކީ މާތް ﷲ ގަންދީ ހުވާކޮށްގެން، ޤައުމީ ޚިދުމަތުގައި ޤުރުބާންވުމަށް ޢަޒުމް ކަނޑައަޅައިގެން އަބަދުމެ ތައްޔާރުގައި ތިބޭ ބައެއް. އެހެންކަމުން، ޢަސްކަރިއްޔާގެ ޚިދުމަތަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫން. އެއީ ޤައުމީ ޚިދުމަތުގައި ވެވޭ ވަރަށް މަތިވެރި ޤުރުބާނީއެއް. މިދިޔަ ދުވަސްތަކުގައި ތިޔަ ހެއްދެވި ތަމްރީނުތަކަކީ، އެ ޤުރުބާނީއަށްޓަކައި ސިކުނޑިއާއި މުޅި ހަށިގަނޑު ހާނުވައި ތައްޔާރުކުރުވުން.


ސިފައިންގެ މީހެއްގެ ނަން ލިބުމާއެކު، ގަދައަޅައި މަސައްކަތްކުރަންވީ، ސިފަވަންތަ އަޚްލާޤުގެ މަތީގައި ސާބިތުވެ ހުރުމަށް. ސިފަވަންތަ އަޚްލާޤުގެ އެންމެ މަތިވެރި ސިފައަކީ، ކޮށްފައިވާ ހުވައިގެ މަތީގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ދެމިހުރުން. ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި، އޯގާތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމުގެ ރޫޙަކީ މި ދެންނެވި އަޚްލާޤުގެ މައިގަނޑު އެއް އަސާސް.


ސިފައިންގެ ކޮންމެ މީހަކުވެސް އިސްކަންދޭންވާނީ، އެމީހެއްގެ ޢަމަލާއި ބަހުން، ސިފަވަންތަކަމުގެ އަޚްލާޤާއި ސުލޫކު، އޭގެ އެންމެ މަތީ ދަރަޖައިގައި ތަމްސީލުކޮށްދިނުމަށް. މުޖްތަމަޢުގައި ހިނގާ އެންމެހައި ނޭދެވޭ ކަންކަމުން ދުރުހެލިވެ، އަޚްލާޤީ ގޮތުންނާއި ސުލޫކީ ގޮތުން ނަމޫނާ ބަޔަކަށްވުމަކީ، ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މުހިންމު ސިފަތަކެއް.


ދިވެހި ޢަސްކަރިއްޔާގެ ކޮންމެ ޚިދުމަތްތެރިއަކީ، ޤައުމީ ދިފާޢީ ބާރުގެ ހައިބަތާއި ޤަދަރާއި ޝަރަފުގެ މައްޗަށް ހުރި ބެލެހެއްޓުންތެރިއެއް. ޔުނިފޯމް އަޅައިގެން ހުރި ސިފައިންގެ އެންމެ މީހެއްގެ ޢަމަލުތައްވެސް، ސިފަވަންތަ އަޚްލާޤުން ކަސިޔާރުވެއްޖެނަމަ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި، މުޅި ޢަސްކަރިއްޔާގެ އަގު ވެއްޓިގެން ދިޔުމަކީ ދުރު ކަމެއް ނޫން.


ޢަސްކަރިއްޔާގައި ޚިދުމަތް ކުރިޔަސް، ތިޔައީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިން. އެހެންކަމުން، ތިޔަ ސިފައިން ފުރިހަމަކުރެއްވި ތަމްރީނުތަކުގައި، މުދައްރިބުން އެ އުނގަންނަވައިދެއްވި ޢިލްމާއި ދެއްވި ތަރުބިއްޔަތުގެ ބޭނުން ހިފަންވީ، މިއަދު ޤައުމަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތަކުން ޤައުމު ސަލާމަތް ކުރުމަށް.


ތިޔަބޭފުޅުންގެ ފަރާތުން ޤައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިއްބެވުން. އެކަމަށް ތިޔަ ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީއަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ޤާނޫނު. އަދި ސިފައިންގެ ތެރޭގައި ޢަމަލުކުރަމުން އަންނަ އެންމެހައި ޤަވާޢިދުތަކާއި އުޞޫލުތަކާއި ސުލޫކީ މިންގަނޑުތައް.


ތިޔަ ސިފައިންގެ ސިކުނޑިތައް ހާނުވާފައިވަނީ، ޤައުމަށްޓަކައި ޤުރުބާންވާން ޖެހިއްޖެނަމަ، އެއީ ޝަރަފެއް ކަމަށް ދެކި، ކެރިގެން އެކަމާ ކުރިމަތިލުމަށް. ތިޔަ ސިފައިންގެ ހަށިހެޔޮކަން ބިނާކޮށްފައިވަނީ، ޤައުމުގެ ދިފާޢުގައި އުފުލަން ޖެހިއްޖެ ކޮންމެ ބުރައަކާއި، ތަޙައްމަލް ކުރަންޖެހިއްޖެ ކޮންމެ އުނދަގުލެއް ގިރާކޮށް، ޤައުމާއި ރައްޔިތުންނާއިގެން އަމާން އައްސޭރިއެއް ހޯދޭނެ ފެންވަރަށް.


ސިފައިންނަކީ ޢަސްކަރީ ޚިދުމަތެއް ކަމަށްވިޔަސް، ދިވެހި ސިފައިންގެ ދައުރު އެއަށްވުރެ މާ ފުޅާ. ދިވެހި ރައްޔިތުންނަށް ބޭނުންވާ މަދަނީ ކިތަންމެ ޚިދުމަތެއް، ދިވެހި ޢަސްކަރިއްޔާއިން އަންނަނީ ފޯރުކޮށްދެމުން. ޤައުމަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި، އެއީ ޤުދުރަތީ ކާރިސާއެއް ކަމަށްވިޔަސް، ނުވަތަ ނުރައްކާތެރި ހާދިސާއެއް ކަމަށްވިޔަސް، އެފަދަ ކޮންމެ ކަމަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށް، އެންމެ ކުރިން ނުކުންނާނެ ބަޔަކީ ދިވެހި ސިފައިން.


ސިފައިންގެ މީހަކަށް ވުމާއެކު، ދެން މަސައްކަތް ކުރަންވީ، ޤައުމީ ބަޠަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ޚިދުމަތްތަކެއް ދިވެހި ޤައުމަށް ކޮށްދިނުމަށް. އެ ފުރުޞަތު ތިޔައިން ކޮންމެ ސިފައިންގެ މީހަކަށްވެސް އެބައޮތް. ދިވެހި ޢަސްކަރިއްޔާގެ ތެރޭގައި ކުރިއަށް ދެވޭނެ ފުރުޞަތުތައް އެބަހުރި. ބޭނުންވަނީ ހިތްވަރާއި ޢަޒުމާއެކު، ކެރިގެން ކަންކަމާ ކުރިމަތިލުން.


މިއަދު އަޅުގަނޑު ތިޔަ ސިފައިންނަށް މި ގޮވައިލަނީ، ތިޔަ ސިފައިންނަކީ ހިތްވަރާއި ސާބިތުކަމާ އެކުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމު ދިފާޢުކުރުމުގެ މަތިވެރި ވާޖިބު އަދާކުރުމުގައި، ދެމިތިބޭ ބަޔަކު ކަމުގައިވުމަށް. ތިޔަ ސިފައިންނަކީ ޢާއިލާތަކަށާއި ދިވެހި ޤައުމަށް ރީތި ނަން ހޯދައިދޭ ބަޔަކަށްވުމަށް.


މިއަދު ދިވެހި ޢަސްކަރިއްޔާއާ ގުޅިވަޑައިގެންނެވި ހުރިހާ ސިފައިންނަށް، ޢަސްކަރީ ޚިދުމަތުގައި ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރެއްވުން އެދި ދުޢާ ކުރަން. ދިވެހި ސިފައިންގެ ޢާއިލާތަކަށާއި ދިވެހި ސިފައިންނަށް މާތްﷲ ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ހިތްވަރާއި ޤާބިލުކަން ދިވެހި ސިފައިންނަށް މިންވަރު ކުރައްވާށި. ދިވެހިރާއްޖެއަކީ އަބަދުވެސް ފުރިހަމަ މިނިވަންކަން މަތީގައި، ހަމަޖެހުމާއި އަމާންކަމާއި ޞުލްހަ މަސަލަސްކަމާއެކު، ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންދާ ޤައުމެއް ކަމުގައި މާތްﷲ ލައްވާށި. އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.