މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު އުވާލައްވައި، އެތަނުން ކުރައްވަމުން ގެންދެވި މަސައްކަތްތައް، އެމިނިސްޓްރީއިން ކުރައްވަމުން ގެންދަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލް އުވާލެއްވީ، އެއޮފީހަކީ ރާއްޖޭގެ ޖަމްޢިއްޔާތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާފައިވާ އޮފީހެއް ކަމުގައިވެފައި، ޤާނޫނު ނަންބަރު 2003/1 ”ޖަމްޢިއްޔާތަކާބެހޭ ޤާނޫނު“ ގައިވާ ގޮތުގެ މަތިން، ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކާއި، ކްލަބްފަދަ ތަންތަން ރަޖިސްޓްރީކޮށް، އެފަރާތްތައް ރާއްޖޭގެ ތަރައްޤީއަށް ފައިދާހުރި ގޮތެއްގައި ޙަރަކާތްތެރިވުމަށް އެހީތެރިވެދިނުމާއި، ރާއްޖޭގެ ޖަމާޢަތްތައް އަތޮޅު ފެންވަރުގައާއި ރަށުފެންވަރުގައި ތަރައްޤީ ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސައްކަތްތަކުގައި ހިމެނޭތީ، ޖަމްޢިއްޔާތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރެއްވުމަށް ވަކި އޮފީހެއް ބެހެއްޓެވުމުގެ ބޭނުމެއް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިނުގަންނަވާތީއެވެ.