1 ސެޕްޓެމްބަރ 2009ން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި، ބުރާސްފަތި ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓު ނެރުއްވާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އެ އުސޫލުގެ ދަށުން ގެޒެޓު ނެރުއްވަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފަށްޓަވައިފިއެވެ. ހަފްތާއަކު ދެ ދުވަހު ގެޒެޓް ނެރުއްވަން މި ފެށްޓެވީ، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ރާއްޖޭގައި ނުކުންނަ ދުވަހު ނޫސްތަކުގައި ޝާއިޢު ކުރެއްވުން، 1 ސެޕްޓެމްބަރ 2009ން ފެށިގެން ހުއްޓަވާލައްވައި، އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ހަމައެކަނި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެންނެވެ. މިއަދު މި ނެރުއްވި ގެޒެޓުގައި ސަރުކާރުގެ ވަރަށް ގިނަ އިޢްލާންތައް ޝާއިޢު ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚަބަރު ދެއްވައެވެ.

ދިވެހި ސަރުކާރުގެ ގެޒެޓު ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، މާލޭގެ އަވަށު އޮފީސްތަކުންނާއި، ޢާންމު ރައްޔިތުންނަށް ޚިދްމަތް ދެއްވާ ސަރުކާރުގެ ބައެއް އޮފީސްތަކުންނާއި، މާލޭގެ ބައެއް ބުކްޝޮޕްތަކުން ގެޒެޓު މިހާރު ލިބިވަޑައިގަންނަވާނެއެވެ. އަދި ގެޒެޓުގެ ވެބްސައިޓު ކަމަށްވާ "ޑަބްލިޔޫ ޑަބްލިޔޫ ޑަބްލިޔޫ ޑޮޓް ގެޒެޓް ޑޮޓް ގަވް ޑޮޓް އެމްވީ" އިންވެސް ގެޒެޓު ފެނިވަޑައިގަންނަވާނެއެވެ.

އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ހަމައެކަނި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާ ގޮތަށް މިހަމަޖެއްސެވީ، ސަރުކާރުގެ އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ދުވަހު ނޫސްތަކުގައި ޝާއިޢު ކުރެއްވުމަކީ، ސަރުކާރުގެ ބަޖެޓުން ވަރަށްބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީއާއި، ސަރުކާރުގެ ޚަރަދުތައް މިހާރު ވަރަށް ކުޑަކުރައްވަން ޖެހިވަޑައިގެންފައިވާތީއެވެ. އަދި ހަމައެކަނި ދިވެހި ސަރުކާރުގެ ގެޒެޓްގައި މިފަދަ ލިޔުންތައް ޝާއިޢު ކުރެއްވުމަކީ، ޢާންމު ރައްޔިތުންނަށްވެސް އެކަމުން ވަރަށްގިނަ ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

އިޢްލާނާއި ނޫސްބަޔާނާއި ދެންނެވުން، އަދި އެންގެވުން، ދުވަހު ނޫސްތަކަށް ފޮނުއްވުން ހުއްޓާލެއްވި ކަމުގައިވިޔަސް، މުޅި ރާއްޖެއަށް ޢާންމުކޮށް އެނގެންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ އިޢްލާނުތަކާއި، ނޫސްބަޔާންތަކާއި، ދެންނެވުންތައް، އެތަނަކުން ކަނޑައަޅުއްވާ އުޞޫލަކުން ދިވެހިރާއްޖޭގެ އަޑަށާއި ޓެލެވިޜަން މޯލްޑިވްސްއަށް ފޮނުއްވަމުން ގެންދެވުމަށްވަނީ ހަމަޖައްސަވާފައެވެ.