ރާއްޖޭގައި ރަޖިސްޓްރީނުކޮށް ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން، އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުއްވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަން އުޅޭ ބިދޭސީންނާމެދު ޢަމަލުކުރާނެ ގޮތަކާމެދު މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއް މިއަހަރުގެ ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ ހިންގަވާފައެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަން އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރައްވަމުން ގެންދެވިއިރު، އެ ބިދޭސީން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައްވެސް ވަނީ ރަޖިސްޓްރީ ކުރައްވާފައެވެ. އެހެންކަމުން، މިހާރު ރަޖިސްޓްރީވެފައި ތިބި ބިދޭސީންގެ ތެރެއިން ވަޒީފާ ބޭނުންވާ މީހުން، އެމީހުން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުގެ ވަޒީފާއަށް ގުޅުވުމުގެ މަސައްކަތް، އެފަރާތްތަކާ ވާހަކަ ދައްކަވައިގެން ގެންދެވުމަށް ނިންމެވިއެވެ. އަދި ރަޖިސްޓްރީވެ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ ޒިންމާ އުފުލާނެ ދިވެއްސަކު ހުރިނަމަ، އެ ބިދޭސީއަކާ ގުޅޭގޮތުން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް، އެ ދިވެއްސަކު ދެއްކުމަށްފަހު، އެ ބިދޭސީއެއް ދިވެއްސަކާ ޙަވާލުކުރެއްވުމަށްވެސް ނިންމެވިއެވެ. އަދި މިކަން އެއްމަސް ދުވަހުގެ ތެރޭގައި ކުރައްވައި ނިންމެވުމަށް ކަނޑައެޅުއްވިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަށްވެސް އެރަށްރަށުގެ ރަށުއޮފީސްތަކުގައި ރަޖިސްޓްރީވެގެން ނޫނީ މަސައްކަތް ނުކުރެވޭގޮތަށް ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. މިގޮތަށް ހަމަޖެއްސެވީ، ރަށްރަށުގެ އެކި ވަޒީފާތަކުގައި ތިބޭ ބިދޭސީންގެ މަޢްލޫމާތު ރަށުއޮފީސްތަކަށް އެނގިފައި ނެތުމުން، ދިމާވާ އެކިއެކި މައްސަލަތައް ޙައްލު ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީއެވެ.