ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑޫދޫގެ ދަނޑުވެރިންނާ ބައްދަލުކުރައްވައި ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިންނަށް ދިމާވާ ދަތިތަކާއި އެދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހަވީރު ކަނޑޫދޫގެ ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުޞަތު އޮތްކަމަށާއި، އެކަމަށް ޑިމާންޑް ވެސް އެބައޮތްކަމުގައެވެ. އަދި އެމަނިކުފާނު ވަނީ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިގޮތުން ދަނޑުވެރިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލް އިން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލިނަމަވެސް އޭގެ ފައިދާއެއް ދަނޑުވެރިންނަށް ނުކުރާކަމަށާއި، އޭގެ ފައިދާ ކުރަނީ ވިޔަފާރިވެރިންނަށްކަން ފާހަގަކުރިއެވެ. އަދި، ކަނޑުދޫގެ ދަނޑުވެރިން ވަނީ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ދަނޑުވެރިން ވަނީ ދަނޑުވެރިކަން ކޮށްގެން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް މާކެޓްގައި ހަމައަގުލިބޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ. މީގެ އިތުރުން ވެސް ދަނޑުވެރިިން ވަނީ ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ޢާލާތްތަކާއި ސާމާނު އަދި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދަންންވާފައެވެ.. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަނޑޫދޫގެ ދަނޑުތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރާކަން ހާމަކުރަމުން ދަނޑުވެރިން ވަނީ އެމީހުން ފަސޭހަގޮތަކަށް އަލުން އަނބުރާ ރެގިއުލަރައިޒް ކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެމަނިކފާނު ވަނީ ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމަށާ، ދެން ދަނޑުވެރިން ހުށަހަޅައިފައިވާ ކަންކަމުގައި މަޝްވަރާކޮށްގެން ރަނގަޅު ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުނ ވެސް އެމަނިކުފާނު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.