ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު ހެނދުނު އެ ރަށުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވަންދޫގެ ތަރައްޤީއަށް ސަރުކާރުން މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކާމެދު ރައްޔިތުން ހިތްހަމަޖެހޭކަމުގައި ކައުންސިލުން ވިދާޅުވެއްޖެއެެވެ.

މި ބައްދަލުކުރެއްވުމުގައި ވަންދޫގައި ކުރިޔަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢާއި، މިސްކިތުގެ މަޝްރޫޢު އަދި ފެނަކަ އާ އިމާރާތް އެޅުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި އުފަލާއިއެކު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ވަންދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ބޭނުންވާ ކަމަށާ، ފުޓްސަލް ދަނޑު އަދި އައުޓްޑޯ ޖިމް ފަދަ ކުޅިވަރު އިންފްރާސްޓްރަކްޗަރ ބޭނުންވާކަން ހިމެނެއެވެ. އަދި ކައުންސިލް އިދާރާ ހިންގާ އިމާރާތް ބާވެފައިވުމުން އާ އިމާރާތެއް ބޭނުންވާކަމަށާއި، ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށާއި ފުލުހުންގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ އަންހެނުން ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އެފަދަ ވަޞީލަތްތައް ޤާއިމުކުރުމަށް ޖާގަ ނެތްކަން ފާހަގަކުރައްވާފައެވެ. އަދި، އެބޭފުޅުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް މިހާރު ދެއްވާ މުސާރަޔާއި ޢިނާޔަތްތައް ކުޑަކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫގައި ކުރިޔަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި މިސްކިތުގެ މަސައްކަތް ޓެންޑެރ އިވޭލުއޭޝަން މަރުޙަލާގައި ކުރިޔަށްދާކަމަށާއި އަދި ކުރިޔަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ލިބޭނެގޮތް މަގުފަހިކުރުމަށް މަސައްކަތްކުރައްވަމުންދާކަމުގައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް ދެ ގުނަޔަށް އިތުރުކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.