ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު، މިމަހުގެ 15ވާ އަންގާރަ ދުވަހަށް ހަމަވާނެއެވެ. ފޯމް ފޮނުއްވުމުގެ އެންމެފަހު ވަގުތަކީ އެދުވަހުގެ މެންދުރުފަހު 1.00 އެވެ. މިފުރްޞަތު ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވާލައްވާފައިވަނީ، މި ހުސްވި އޯގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި މިދެއްވާ ޤައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. ފައިސާގެ އިނާމެއް ނުދެއްވާނެއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެކިފަރާތްތަކުން މިހާރު ފޯމް ހުށަހަޅުއްވަމުން އެބަ ގެންދަވައެވެ. މިއަދު ބޭއްވެވި ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޖަލްސާގައިވެސް މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ ފޯމްތައް ވަޒަން ކުރެއްވުމުގައި ބައްލަވާނެ މައިގަނޑު ކަންތައްތަކާބެހޭ ގޮތުންނެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނަށްވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކުރައްވައި ނަން ހުށަހެޅުއްވޭ ގޮތަށްވެސްވަނީ ހަމަޖައްސަވާފައެވެ.