بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އޮމަދޫ ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ، ކައުންސިލަރުން، ރައްޔިތުންގެ މަޖިލީހުގައި އޮމަދޫ ތަމްސީލު ކުރައްވާ ކިނބިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނާޝިޒް، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި އޮމަދޫގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން އަޅުގަނޑު މި ރަށަށް ޒިޔާރަތް ކުރިން. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި. އެ ދަތުރުގައި ރަށުގެ ކައުންސިލާއި، ބައެއް ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިގެންދިޔަ. ރައްޔިތުންގެ ފަރާތުންނާއި، ކައުންސިލްގެ ފަރާތުން އެދުނު އެންމެ މުހިންމު އެންމެބޮޑު އެދުމަކީ، މި ރަށުގެ ބަނދަރު ހަދައިދިނުމުގެ ވާހަކަ. ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިރަށުގެ ތާރީޚުގައިވެސް، ލަފާފުރުމުގައި އޮތް ދަތިކަން ޙައްލުކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތް ކަމުގެ ވާހަކަ، އެ ދުވަހު ރައްޔިތުން ދެއްކި. އަދި ރަށުގެ އެކިއެކި ކަންތައްތަކުގައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގައި، އެކިއެކި ސަރުކާރުތަކުން މާބޮޑު އެހީތެރިކަމެއް ވަމުން ގޮސްފައި ނެތްކަމުގެ ވާހަކަ ދެއްކެވި. ރަށުގައި ސްކޫލެއްވިޔަސް އަދި މިސްކިތެއް ކަމަށްވިޔަސް އަޅާފައި ހުރީ މި ރަށަށް ހެޔޮއެދޭ އަދި ޚާއްޞަކޮށް، މި ރަށަށް ނިސްބަތްވާ ކޮންމެވެސް ދަރިންތަކެއްގެ ފަރާތުންކަން ފާހަގަކުރަން. އެ ދުވަހު އެ ބަނދަރުގެ ވާހަކަ ދެއްކެވިއިރުގައި، އޭގެއިތުރުންވެސް ތަރައްޤީއަށްޓަކައި ބޭނުންޖެހިފައި ހުރި ވަރަށްގިނަ ވާހަކަތަކެއް ދެއްކެވި. ކަރަންޓުގެ ޚިދުމަތުގެ ދަތިކަމުގެ ވާހަކަ ދެއްކެވި.

މިއަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އައިސް މިތިބީ މި ރަށުގެ ރައްޔިތުން އެ ދުވަހު އެދުނު އެންމެ މުހިންމު ކަންތައް ނިންމައި، އެ ކަންތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް. އޮމަދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އޮމަދޫގެ ކައުންސިލަށާއި އަދި ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

މި މަސައްކަތް މިހާ ފުރިހަމަޔަށް ކޮށް ނިންމާލެވިފައި މިއޮތީ، މި މަސައްކަތް ޙަވާލުކުރި ހެވީ ފޯސްގެ ވެރިންނާއި، ހީވާގި ޓީމުގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންކަން ފާހަގަކޮށް، ހެވީ ފޯސްގެ ވެރިންނަށާއި ޓީމަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން. އަދި މި މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުމުގައި، ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެން ތިއްބެވި މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރުން ކުރެއްވި މަސައްކަތްވެސް އަޅުގަނޑު މިއަދު ފާހަގަކުރަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެ ދުވަހު ރައްޔިތުން އެދުނު އަނެއް ކަމަކީ، ކަރަންޓުގެ ދަތިކަމުގެ ވާހަކަ. ފެނަކައިގެ ފަރާތުން މިހާރުވަނީ މި ރަށުގެ ކަރަންޓުގެ ނެޓްވަރކް އަޕްގްރޭޑްކޮށް، އިންޖީނުގެ އެހެން ތަނަކަށް ރިލޮކޭޓްކޮށް، އަދި އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓް ދިނުމުގެ މަސައްކަތްވެސް ފަށާފައި. އަޅުގަނޑު ހިތުން މިއީ މި ރަށަށް އޭރު ބޭނުންވެގެން އެދުނު ކަންތައްތަކުގެ ތެރެއިން މުހިންމު ކަންތައްތަކެއް.

ދެންމެ މީގެކުރިން ވާހަކަ ދެއްކެވި ކައުންސިލަރު ވިދާޅުވިފަދައިން، މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމާއި، އަދިވެސް ސްކޫލަށް ބޭނުންވެފައި ހުރި މަލްޓި-ޕަރޕަސް ހޯލުގެ ކަންތައްވެސް އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނަން.

އާދެ، މި ސަރުކާރު ވެރިކަމަށް އައުމާ އެކީގައި، އަޅުގަނޑުމެން ނިންމި ނިންމުމަކީ، ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެއީ ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅުނު ކަމުގައިވިޔަސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދޭން. އެއީ ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަން ނިންމި ކަންތައް. ވީ ވަޢުދު. އެއީ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދިނުން. ލަފާފުރުމުގެ ދަތިކަން ހުރި ރަށް ރަށަށް އެކަން ޙައްލުކޮށްދިނުން. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން. ރަނގަޅު ފެންވަރުގެ ތަޢުލީމީ ނިޒާމެއް ރަށުގައި ޤާއިމުކުރުން. ޞިއްޙީ ޚިދުމަތް އެ ރަށަކުން ލިބޭގޮތް ހަދައިދިނުން. އިރާދަކުރެއްވިއްޔާ، އެ ޕްލޭނާ އެއްގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ.

ދެންމެ މިނިސްޓަރ އަސްލަމް ވިދާޅުވިފަދައިން، މިވޭތުވެދިޔަ ދޮޅު އަހަރު ދުވަހަކީ، ވަރަށްދަތި އުނދަގުލުގައި އަޅުގަނޑުމެން ހޭދަކުރި ދުވަސްތަކެއް. ފަށާފައި ހުރި ވަރަށްގިނަ ޕްރޮޖެކްޓްތަކެއް މަޑުޖައްސާލަން ޖެހުނު. ވަރަށްގިނަ ޕްރޮޖެކްޓްތަކެއް ނުފަށްޓާވެސް ފަހަތަށް ޖައްސާލަން ޖެހުނު. މުޅި ދުނިޔެއަށް ކުރިމަތިވި އެ ދަތި އުނދަގުލުގައި، ރާއްޖެއަށް އެ އައުމާ އެކީގައި، ވެގެންދާނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަޅުގަނޑުމެންނަކަށް އޭރަކު އިޙްސާސެއް ނުކުރެވުނު. އެ ސަބަބަށްޓަކައި ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރުން، ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ފިޔަވައި، އެހެން ހުރިހާ ކަމެއް އަޅުގަނޑުމެން މަޑުޖައްސާލީ. އެހެންނަމަވެސް، ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރޭގައި، މި ރަށުގެ ބަނދަރުގެ މަސައްކަތް ހިމެނިގެންދިޔައީ.

އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިފަދަ ކުދިކުދި އާބާދީތަކަށް، ކުރިން އަޅައިނުލެވި ދޫކޮށްލެވިފައި އޮތުމުން، އެކަހެރިވެގެން ގޮސް، ރަށް ތަރައްޤީވުމަށްޓަކައި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުން. އެގޮތުން، އޮމަދޫގެ ބަނދަރުގެ މަސައްކަތް ކުރެވި، އިރާދަކުރެއްވިއްޔާ މިއަދު ވަނީ ނިމިފައި.

އަޅުގަނޑު މިއައީ މި އަތޮޅުގެ އިތުރު ދެ ރަށަކަށްވެސް ގޮސްފައި. ތިމަރަފުށްޓާއި ކިނބިދުއަށްވެސް ގޮސްފައި. އެ ރަށުގެ ރައްޔިތުންނާވެސް އަޅުގަނޑާ ބައްދަލުވުމުގެ ފުރުޞަތު ލިބުނު. އެއިން ކޮންމެ ރަށެއްގައިވެސް ބޭނުންވެފައި ހުރި ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ކުރުމުގެ މަޝްވަރާ ކުރެވި، އޭގެ ޕްލޭންތަކާ އެއްޗެހި ރާވައިގެން. އިރާދަކުރެއްވިއްޔާ، މި އަތޮޅުގެ އެހެން ރަށް ރަށުގައިވެސް އަޅުގަނޑުމެން ވެފައިވާ ވަޢުދުތަކާ އެއްގޮތަށް އެ މަސައްކަތްތައް ކުރިއަށްދާނެ.

އެގޮތުން، ތ. ބުރުނީގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް އަޅުގަނޑުމެން ވާނީ މިހާރު ބަޔަކާ ޙަވާލުކޮށްފައި. އަދި އެ ރަށުގެ 6 ކްލާސްރޫމްގެ ޢިމާރާތުގެ މަސައްކަތް މިވަނީވެސް ބަޔަކާ ޙަވާލުކުރެވިފައި. މި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ބުރުނީގައި އެ މަސައްކަތް ފެށިގެންދާނެ. ފުޓްސެލް ދަނޑެއް އެ ރަށުގައި ތަރައްޤީ ކުރެވި، ޒުވާނުންގެ މަރުކަޒެއްވެސް މިހާރުވަނީ ބުރުނީގައި ތަރައްޤީ ކުރެވިފައި.

މަޑިފުށީގެ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް މިހާރުވަނީ ނިމިފައި. ސޯލަރ ޕީ.ވީ ނިޒާމު ޤާއިމުކުރުމުގެ އިތުރުން، ކުނި މެނޭޖް ކުރުމުގެ މަރުކަޒު ޤާއިމުކުރުމަށް މިހާރުވަނީ ޓެންޑަރވެސް ކޮށްފައި. އަދި ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ބަޔަކާ ޙަވާލުކުރެވިފައިވާއިރު، މި މަސައްކަތް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ، މަޑިފުށީގައިވެސް ފެށިގެންދާނެ. އަދި އޭގެއިތުރުން، އެ ރަށުގައި އަޅުގަނޑުމެން ނިންމި ވޮލީކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ބަޔަކާ ވަރަށް އަވަހަށް ޙަވާލުކުރެވިގެންދާނެ.

ވިލުފުށީގައި އޮތް އެންމެބޮޑު އެއް ޝަކުވާއަކީ، އެ ރަށަށް ބޭނުންވެފައިވާ އިތުރު ބޯހިޔާވަހިކަމުގެ މައްސަލަ. އިރާދަކުރެއްވިއްޔާ، ވިލުފުށީގައި އެޅުމަށް ހަމަޖެހިފައި އޮތް 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ އެގްރީމަންޓްގައި މާދަމާ ސޮއިކުރެވި، ބަޔަކާ ޙަވާލުކުރެވިގެންދާނެ.

މި ރަށުގައި، މި އަތޮޅުގައި ބިން ދަތިވެފައި އޮތް، ބިން ހިއްކަން ބޭނުންވެފައި، ފާހަގަކުރެވިފައި ހުރި ރަށްތަކެއް އެބަހުރި. އެއީ ތ. ހިރިލަންދުއާއި، އަޅުގަނޑުމެން ދެންމެ މިއައި ކިނބިދޫ. މިހާރު އެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާގޮތުން، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، މި އަތޮޅުގެ އެ ދެ ރަށް ހިއްކުމަށްޓަކައި އެމް.ޓީ.ސީ.ސީ. އަށް އާދެވޭވަރުވާނެ.

މިހާރު އެއޮތީ ހއ. އިހަވަންދޫގައި. އެ ނިންމުމަށްފަހުގައި، އަޅުގަނޑުމެން އަމާޒު ހިފައިގެން މިތިބީ މ. އަތޮޅު ދިއްގަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް. އެއަށްފަހުގައި، ދެން ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނީ، މި އަތޮޅުގައި ބިން ހިއްކުމަށް ބޭނުންވެފައިވާ ރަށްތަކުގައި. މިކަންވެސް އަޅުގަނޑު ފާހަގަކޮށްލާނަން މިއަދު.

އާދެ، ތަރައްޤީގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތަކާ ދޭތެރޭގައިވެސް. ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަ. ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން އެބަދޭ. މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔަކާ، އަޅުގަނޑު މި ދެންނެވި ދެ ކަންތަކަށް ޙައްލެއް ލިބޭނެ ކަމަކަށެއް އަޅުގަނޑެއް ގަބޫލެއްނުކުރަން.

ސަރުކާރުން މިހާރުވަނީ މިއަދާ ހިސާބަށް އައިއިރުގައި، މި ދެކަމަށްވެސް ރަނގަޅު ޕްލޭނެއް އެކުލަވައިލެވިފައި. ހަރުކަށި ފިކުރާ އިދިކޮޅަށް، އެކަން ހުއްޓުވުމަށްޓަކައި ކުރަންހުރި ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ރާވައި، އެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ޕްލޭން، އިރާދަކުރެއްވިއްޔާ މިހާރުވަނީ ނިމިފައި. ހަމައެގޮތަށް މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އޭގެ ޕްލޭނެއްވެސް އެކުލަވައިލެވި، ޢަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި.

މި ދެކަންތަކަށްވެސް އޮތް އެންމެބޮޑު ޙައްލަކީ، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުން. ކުޑައިރުއްސުރެ ފަށައިގެން، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ދަރިވަރުންނަށް ތަޢުލީމުދީ، މުޖުތަމަޢުގެ ތެރޭގައި ހުރި މިފަދަ ކަންތައްތަކުން ދުރުކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކަށް ބާރުއަޅައިދީގެން.

އަޅުގަނޑު މިއަދު އޮމަދޫގެ ރައްޔިތުންގެ ފަރާތުންވެސް މި އެދެނީ، ސަރުކާރުން މި އިސްނަގައިގެން ކުރިއަށް މިގެންދާ ދެ ކަންތަކުގައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މިކަމުން މުޅި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވާށޭ.

އާދެ، ކޯވިޑުގެ މުޞީބާތުގެ ވާހަކަ، އަސްލަމް ވަރަށް ތަފްޞީލުކޮށް ދައްކަވައިފި. މިއަދު އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން މިވަނީ ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވިފައި. އަޅުގަނޑުމެން އެންމެން އެކުގައި ދެން މަސައްކަތް ކުރަންވީ، މިހިސާބުން ފަހަތަށް ނުގޮސް، މި ލިބުނު ކާމިޔާބުގައި ހިފަހައްޓައިގެން ކުރިއަށް ދިޔުމަށް. ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު އަސަރެއް ކޮށްފި. ވަރަށްބޮޑު ގެއްލުންތަކެއް ލިބިއްޖެ.

އަޅުގަނޑުމެން 2020 ވަނަ އަހަރު އަންދާޒާކުރި އާމްދަނީގެ 23 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކުރި އަންދާޒާ ނިމުނުއިރުގައި، އަޅުގަނޑުމެންނަށް ލިބުނީ 10 ބިލިއަން ރުފިޔާ. ބަޖެޓުގެ ވަރަށްބޮޑު ފަރަޤެއް އޮތް. އެ ތަފާތު ފޫބެއްދުމަށްޓަކައި ގިނަ ލޯނުތަކެއް އަޅުގަނޑުމެންނަށް ނަގަންޖެހުނު. އަޅުގަނޑުމެން އެކަން ކުރީ ރައްޔިތުންގެ ފުދުންތެރިކަން ދެމެހެއްޓުމަށާއި، ރާއްޖޭގެ ޙާލަތު، ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި.

އެއާއެކީގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ބައެއް ޕްރޮޖެކްޓްތައް ހުއްޓާލަންޖެހުނު. ފަހަތަށްޖައްސާލަން ޖެހުނު. އެހެންނަމަވެސް، އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް މިހާރު މި އާދެވިފައި އޮތް ހިސާބުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވާން ފަށައިފި. ޓޫރިސްޓުން ރާއްޖެއަށް އަންނަން ފަށައިފި. އެކަމަކު މިކަން ހިފެހެއްޓޭނީ، މިގޮތުގައި ކުރިއަށް ގެންދެވޭނީ، ވަރަށް ވިސްނުންތެރިކަމާ އެކީގައި އަދިވެސް މަސައްކަތްތަކެއް ކޮށްގެން.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކީގައި، ރާއްޖެއަށް ޓޫރިސްޓުން އަންނައިރުގައި، އަޅުގަނޑުމެންގެ ބައެއް ޤައުމުތަކުން ޓްރާންސިޓް ސްޕޮޓެއްގެ ގޮތުގައި ރާއްޖެ އެބަ ބޭނުންކުރޭ. އެއީ، ރާއްޖެއިން އެނބުރި ބޭރަށްދާއިރުގައި، ވަރަށް ފަސޭހައިން ބައެއް ޤައުމުތަކަށް އެބަދެވޭ، އެއްވެސް ކަރަންޓީނެއް ނެތި. އެހެންވީމާ، އެ ޤައުމުތަކަށް ދިޔުމަށްޓަކައި ބައެއް ޤައުމުތަކުން ރާއްޖެއަށް އެބައާދޭ. އޭގެތެރެއިން ވަރަށްގިނަ ބަޔަކު ގެސްޓްހައުސްތަކުގައި، އެކި ރަށްރަށުގައި އެބަތިބޭ. ރަނގަޅު ކަމެއް. އާމްދަނީ ލިބޭނެ އޭގެ ސަބަބުން. އެހެން ނަމަވެސް، މިކަން ދެމެހެއްޓޭނީ، އަޅުގަނޑުމެން އެ ކަނޑައަޅާފައި އޮތް އުޞޫލުގެ ތެރޭގައި، ވިސްނުންތެރިކަމާ އެކީގައި އެއަށް ޢަމަލުކޮށްގެން. އެހެން ނޫންނަމަ، އަނެއްކާވެސް ރާއްޖޭގައި ކޯވިޑުގެ އިތުރު ސްޕްރެޑެއް އަތުވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ވަރަށްދަތިވާނެ އެކަން ކޮންޓްރޯލް ކުރުމަށް.

އެހެންވީމާ، ރާއްޖޭގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށާއި އަދި ޓުއަރ އޮޕަރޭޓަރުންނަށާއި، ޓުއަރ އޭޖެންޓުންނަށް އަޅުގަނޑު މިއަދު ގޮވާލަން ބޭނުންވަނީ، ތިޔަބޭފުޅުންވެސް ކޯވިޑާ ގުޅިގެން ސަރުކާރުން ނިންމާފައި އެހުރި އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވާށޭ. އަޅުގަނޑުމެން މިއަދުން ފެށިގެން އިންސްޕެކްޝަނެއް އެބަ ފަށްޓަން، ރާއްޖޭގެ ގެސްޓްހައުސްތަކުގައި. މީހުން ތިބީ ރަނގަޅަތޯ ބަލަން. އަދި ޓުއަރ އޭޖެންޓުން މީހުން ގެނެސްފައި ތިބީ ރަނގަޅަށް ބުކިންގ ހަދައިގެންތޯ. އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ވަކިވަކި ގެސްޓްހައުސްތަކަށް ބުކިންގ ހަދައިގެން ގެނެސް، އެކިއެކި އަމިއްލަ ގޭގޭގައި މީހުން ބައިތިއްބާ ވާހަކަވެސް. އެއީކީއެއް އެކަން ކޮށްގެންވާނެ ގޮތެއް ނޫން. އެކަން އަޅުގަނޑުމެން ހުއްޓުވާނަން. މިކަން މުގުރާލައި، މިއާ އިދިކޮޅަށް ކަންތައްކުރާ ފަރާތްތަކާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުވެސް އަޅާނަން. އެހެން ނޫންނަމަ، އެނބުރި ކުރީގައި އޮތް ތަނަށް، ކޯވިޑުގެ އެ ދަތި އުނދަގުލުގެ ތެރެއަށް އަޅުގަނޑުމެންނަށް ދެވިއްޖިއްޔާ، މިއިން އަރައިގަތުމަކީ އަނެއްކާވެސް ވަރަށް ވަރަށް ބޮޑު އުނދަގުލަކަށް އަޅުގަނޑުމެންނަށް ވެގެންދާނެ.

އާދެ، އަދިވެސް އެއްފަހަރު، އޮމަދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން. މި ނިމިގެންދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުން އަޅުގަނޑަށް ވަރަށްބޮޑު އަޣްލަބިއްޔަތެއް މި ރަށުން ދެއްވި. އެކަން އަޅުގަނޑު ހަނދާން އެބަހުރި. އެ ދުވަހު ތިޔަބޭފުޅުން އަޅުގަނޑަށް އެހާބޮޑު މެޖޯރިޓީއެއް ދެއްވީ، ތިޔަބޭފުޅުން ރަށަށް ބޭނުންވެފައި ހުރި ވަޢުދުތައް ފުއްދުމުގައި، އެ ކަންތައްތައް ޙާޞިލު ކުރުމަށް ބޭނުންވާތީ. އިރާދަކުރެއްވިއްޔާ،

އަޅުގަނޑު އެ ދުވަހު އެ ވަޢުދުވީގޮތަށް، މި ރަށުގެ ތަރައްޤީއަށްޓަކައި އަދި މި އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރަމުން ގެންދާނަން.
އަޅުގަނޑުގެ ދުޢާއަކީ، މި ރަށަށާއި މި ރަށުގެ ރައްޔިތުންނަށް މިއަށްވުރެ އުފާވެރި، ފާގަތި މާދަމާއެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.