‎ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު މެންދުރުފަހު އެ ރަށުގައިިި ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިއަދު އޮމަދޫގައި ހުޅުވިގެންދިޔަ ބަދަރާއިއެކު ތަރައްޤީގެ ކަންކަން ފުޅާކުރުމަށް ފުރުޞަތު ފަހިވެއްޖެކަމަށާއި ރައްޔިތުންގެ އުންމީދުތައް އާ ވެއްޖެކަމުގައި އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެެވެ.

‎އޮމަދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލް އާބާތުރަ ފިލުވުމާއި، ބޭނުންވާ ބައެއް ވަޞީލަތްތައް މަދުކަން ވަނީ ފާހަގަކުރައްވާފައެެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ މަސްވެރިކަމާގުޅޭ މަސައްކަތްކުރުމަށާއި، ދަނޑުވެރިކަމަށް ދޫކުރާ ބިން ދޫކުރުމުގައި ހުރި ކަންބޮޑުވުންތަކާއި، ކުޅިވަރު އިންފްރާސްޓްރަކްޗަރ އަދި އިޖްތިމާޢީ ޙަރަކާތްތައް ހިންގުމަށް ޒުވާނުންގެ މަރުކަޒެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ރަށަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި، އެ ރަށު ޞިއްޙީ މަރުކަޒަށް ބޭނުންވާ ވަޞީލަތްތަކާއި، ކަންކަން ކުރުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ހިމެނެއެވެ.

‎އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރިކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ދާއިމީ ގޮތެއްގައި އަންހެނުންނަށް އާމްދަނީ ލިބޭނެ ގޮތަށް އަންހެނުން ބާރުވެރިކުރުމަށް އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަދި، އޮމަދޫގައި މަތީ ޘާނަވީ ތަޢުލީމު ހާސިލުކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް ވެސް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

‎މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްްޔާ ވަނީ އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. މި ބަނދަރަކީ 32،217،980.66 ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ.

‎ރައީސުލްޖުމްހޫރިއްޔާ މިހާރު އޮމަދޫޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.