އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލުން ދެނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި، އިތުރު ނަންތަކެއް ހޯއްދެވުމުގެ ގޮތުން އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރްޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މާދަމާ އަލުން ހުޅުއްވާލައްވާނެއެވެ. މި ފުރްޞަތު ހުޅުއްވާލައްވާނީ، މާދަމާއިން ފެށިގެން މި ސެޕްޓެމްބަރ މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1.00ގެ ނިޔަލަށެވެ. އެނގިވަޑައިގަންނަވާނެފަދައިން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ 3 ނަމެއް ފާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މާދަމާ މިކުރައްވާ އިޢްލާނުގައި، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގައި ހުންނަންވީ ސިފަތައްވެސް ބަޔާންކުރައްވާފައިވާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު ދޫކުރެއްވުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 9.00 ން މެންދުރުފަހު 1.00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މިފޯމާއި އިޤްރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ ޑަބްލިޔޫ ޑަބްލިޔޫ ޑަބްލިޔޫ ޑޮޓް ޕްރެޒިޑެންސީ މޯލްޑިވްސް ޑޮޓް ގަވް ޑޮޓް އެމްވީ (www.presidencymaldives.gov.mv) އެވެ.