ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު މާފުށީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މީގެ ކުރިން ސަރުކާރުތަކުން ނުދޭހާ ސަމާލުކަން މި ސަރުކާރުން މާފުށީގެ ތަރައްޤީއަށް ދެއްވާކަމުގައި މާފުށީ ކައުންސިލުން ފާހަގަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ކ.މާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މާފުށީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މާފުށީ ޞިއްޙީ މަރުކަޒުގެ ހޯލުގައެވެ. މި ބައްދަލުކުރެއްވުމުގައި މާފުށީ ކައުންސިލުގެ މެންބަރުންގެ އިތުރުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއާ ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވިއެވެ.

މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ މާފުށީގެ ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ. އެގޮތުން މާފުށީގައި ކުނިމެނޭޖުކުރުމުގައި ހުރި ދަތިތަކާއި ބަނދަރުގެ ދަތިކަމާއި އަދި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ މުހިންމުކަމާއި އަދި މި ނޫންވެސް މާފުށީގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ޚިދުމަތް ތަރައްޤީވެފައިވާ ރަށެއްކަން ފާހަގަކުރައްވައި، މާފުއްޓަކީ ޒިންމާދާރު، މަސައްކަތެރި ރައްޔިތުންތަކެއް ދިރިއުޅޭ މުޖުތަމައެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލާއި ރަށުގެ މުވައްސަސާތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.