މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ މެޑިކަލް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ.

މި މެޑިކަލްސެންޓަރު ހުޅުވައިދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ސެންޓަރު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމުގައި ވިދާޅުވެފައެވެ. އެގޮތުން މި ހުޅުވި މެޑިކަލް ސެންޓަރާއެކު ގައިދީންނަށް ރަނގަޅުފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމުގެ މަގުފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި މިތަނުގައި ޤާއިމުކޮށްފައިވާ ޓެލެ މެޑިސިންގެ ޚިދުމަތާއެކު ބޭސްފަރުވާއަށް ޤައިދީން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރިހިބިލިޓޭޝަންގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ޖަލުތަކާއި ރިހިބިލިޓޭޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ވެސް އަމާޒަކަށް ވާންވާނީ އަނބުރާ މުޖްތަމައަށް ނިކުންނަ ފަރާތްތަކަކީ އަމިއްލަދިރި އުޅުމައިގެން ކުރިޔަށްދެވޭނެ ފަދަ މަސައްކަތެއް ދަސްވެފައިވާ ހަރުދަނާ މީހަކަށް ހެދުމަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ މި މެޑިކަލް ސެންޓަރުން ޖެނެރަލް އޯޕިޑީ،އެމެޖެންސީގައި ބަލިމީހުންނަށް ފަރުވާދިނުން، އެކްސްރޭގެ ޚިދުމަތާއި ފިޒިއޯތެރެޕީ އަދި މައިނަރ ސާރަޖަރީގެ ޚިދުމަތްފަދަ ޚިދުމަތްތައްވެސް ފޯރުކޮށްދެއެވެ. މީގެ އިތުރުން މި ސެންޓަރުގައި ދިހަ މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ޔުނިޓެއްވެސް ޤާއިމުކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ވަނީ މާފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ބައްލަވައިލެއްވުމުގެ އިތުރުން ސްކޫލުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ އިސްވެރިން ވަނީ ސްކޫލުގެ ހިންގުންހަރުދަނާކޮށް ތައުލީމު ކުރިއެރުވުމަށް އިތުރަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޫލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މާފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާފުށީ ޞިއްޙީ މަރުކަޒަށް ވެސް ޒިޔާރަތްކުރައްވައި އެމަރުކަޒުގެ ޙާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން މާފުށީ ފުޓްބޯޅަ ދަނޑަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސުލްޖުމްހުރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.