ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުއްވައި ދެއްވުމަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެކަށީގެންވާ ކާމިޔާބުތަކެއް ލިބެމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކާއި، ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު މިގެންދަވާ ތަރުތީބުން އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެދޮރު އަޅަން ފެށޭނެ ކަމުގައި ވިދާޅުވިއެވެ.

ގެދޮރު އެޅުމުގެ ޕްރޮގްރާމްގެ އިތުރުން، ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި ސަރުކާރުން ކުރެއްވި އިޢްލާނަށް އިޖާބަދީފައިވާ ފަރާތުގެ ހުށަހެޅުން މިހާރު ދިރާސާކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިހުރިހާ މަސައްކަތްތަކެއްވެސް ގެންދަވާ މިންވަރާއި މަސައްކަތް ގެންދެވޭ ބާރުމިނާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޒުވާނުން ޑްރަގަށް ދެވިހިފާފައިވާ މިންވަރު ކުޑަކުރެއްވުމަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު ކަމަށާއި، ރާއްޖެއަށް ޑްރަގް ވަންނަ މިންވަރު ވަރަށްބޮޑު ތަނުން ދަށްވެއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުތެރޭގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ބާރުގަދަ ޑްރަގް ހުރި މިންވަރު މަދުކަމަށްލަފާކުރެއްވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކީގައި، ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް އެކަމުން ޝިފާއެއް ހޯއްދަވައި ދެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިތުރު ޑިޓޮކްސް ސެންޓަރުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުޅުއްވަމުން ގެންދެވުމަށް ގަސްދުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުގެ މުޅި ސިޔާސަތުގެ ތެރޭގައި މާލީގޮތުން ތަނަވަސްކަން މަދު ޢާއިލާތަކަށް އެހީތެރިކަން ފޯރުވައިދޭނެ ޕްރޮގްރާމެއް ރޭއްވެވުމަކީ، ވަރަށް އިސްކަމެއް ދެއްވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ކާޑުގެ ބާވަތްތައް ގަތުން ދަތި ޢާއިލާތަކަށް އެކަމުގެ އެހީތެރިކަން ފޯރުއްވައި ދެއްވުމާއި، ދަރިންނަށް ތަޢްލީމު ހޯދައިދިނުމުގައި ދަތިތައް ދިމާވެފައިވާ ޢާއިލާތަކަށް އެކަން ކޮށްދެއްވުން އެއީވެސް އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުއްވައި ދެއްވުމަކީވެސް، ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ވަރަށް މުހިންމު އަމާޒެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރީގެ ރައީސުންނަށް ދެވޭ އިޚްތިޔާރާއި ބާރާއި ޢިއްޒަތާއި ޤަދަރު ދެވެންޖެހޭނެ ކަމަށާއި، އެހެންނަމަވެސް އެކަންކަން ކުރުމުގައި ޙުދޫދުތަކެއް ގެންގުޅެން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުންފުޅަކީ، ކުރީގެ ރައީސަކަށް ދެއްވެން ހުރި ހުރިހާ ތަނަވަސްކަމަކާއި އެހީތެރިކަމެއް ދެއްވުން ކަމަށާއި، އެހެންނަމަވެސް ކުރީގެ ރައީސަކަށްވެސް ޝަރީޢަތަށް ހާޒިރުވެވަޑައިގެން، އެބޭފުޅެއްގެ މައްޗަށްވެސް އެކުރެވޭ ކުށެއްގެ ތުހުމަތުން ބަރީޢަވެވަޑައިގެންނެވޭނެ ފުރުސަތު ލިބިވަޑައިނުގަންނަވާނަމަ އެއީ ވަރަށްބޮޑު ބޭއިންސާފެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ހަލާކުކޮށް ނުލެއްވުމަށާއި، އެމަނިކުފާނަށް ހުރިހާ ބާރެއް ނުދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.