بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކޯގެ އެންމެހައި ބޭފުޅުން، އަލްމަރްޙޫމް އަލްއުސްތާޛު ފަޠުޙުﷲ ޖަމީލުގެ ޢާއިލާގެ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދަކީ ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާނެ ދުވަހެއް. ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ ޢިމާރާތް، އެ މިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް، އާދެ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޢިމާރާތުގެ ނަން، އަލްމަރްޙޫމް އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ނަންފުޅަށް ނިސްބަތްކޮށްގެން ހުޅުވޭކަމީ، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި، އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭ ކަމެއް.

ފޮރިން މިނިސްޓްރީގެ މި ޢިމާރާތް، އެމަނިކުފާނުގެ ނަންފުޅަށް ޚާއްޞަކުރުމުގެ ވަރަށް މުހިންމު ދެ ބޭނުމެއް އެބައޮތް. އެންމެ ފުރަތަމަ ކަމަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީ ކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން.

ދެވަނަ ކަމަކީ، މި ޢިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުން. މި ޢިމާރާތަކީ، ވެރިރަށް މާލޭގެ މަލަމަތިން، ދިވެހިންގެ ޤައުމީވަންތަކަމާއި، ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަޤްޞަދުގައި، އަލްމަރްޙޫމް އަލްއުސްތާޛު ފަތުޙުﷲ ޖަމީލުގެ ވިސްނުންފުޅާއި ޚިޔާލުފުޅާ އެއްގޮތަށް، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްފައިވާ ޢިމާރާތެއް.

އެހެންކަމުން، އަޅުގަނޑަށް ޤަބޫލުކުރެވުނީ، މި ޢިމާރާތުން، އެމަނިކުފާނުގެ އެ ހުވަފެންފުޅަށް ދިރުން ގެނެސްދިނުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމުގައި. މީގެ 43 އަހަރު ކުރިން، 1978 ވަނަ އަހަރުން ފެށިގެން 27 އަހަރު ވަންދެން އެމަނިކުފާނު ޚާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ނަން، ބައިނަލްއަޤްވާމީ މަސްރަޙުގެ އެންމެ އުހަށް އުފުއްލަވައިދެއްވި.

މި ބިމުގައި ފޮރިން މިނިސްޓްރީ ކުރިން ހިންގި މުސްކުޅި ޢިމާރާތް ތަޅާލައި، 2005 ވަނަ އަހަރު ހުޅުވި މި ރީތި ޢިމާރާތް ބިނާކޮށްދެއްވާފައިވަނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން. އޭގެ ފަހުން، 2019 ވަނަ އަހަރުން ފެށިގެން، މި ޢިމާރާތް މަރާމާތު ކޮށްދެއްވީވެސް، ޗައިނާ ސަރުކާރުގެ ވަރަށް ދީލަތި އެހީތެރިކަމާ އެކުގައި. އެކަމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިން ޕިންގްއަށާއި، ޗައިނާގެ އެކުވެރި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

މިހާރު ކުރިމަތިވެފައިމިވާ ކޯވިޑް-19ގެ އެންމެ ދަތި ދުވަސްތަކުގެ ތެރޭގައިވެސް، މި ޢިމާރާތުގެ މަސައްކަތް މެދުކެނޑުނަނުދީ ފުރިހަމަކުރުމަށް، ރާއްޖޭގައި ހުންނެވި ޗައިނާގެ ސަފީރު ވަރަށް ބޮޑު މަސައްކަތްތަކެއް ކުރައްވައި ސަމާލުކަމެއް ދެއްވި. އެކަމަށްޓަކައި، އެ މަޤާމުގައި އޭރު ހުންނެވި، ސަފީރު ޖަންގް ލީ ޖޮންގްއަށާއި، އެމްބަސީގެ ހުރިހާ މުވައްޒަފުންނަށް، އަދި ޗައިނާގެ ޝަންހައި ކޮންސްޓްރަކްޝަން ގްރޫޕަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މި ހޭދަވި 56 އަހަރުގެ ތެރޭގައިވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާއެކު، މިނިވަންކަމާއި، ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުން. ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ބިނާވެފައިވަނީ، މި ދެންނެވި އަސާސްތަކުގެ މަތީގައި.

މަރްޙޫމް އަލްއުސްތާޛު ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރު ކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މި ދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށް. މިއަދު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި މަގާމާއި، ރާއްޖެއާމެދު އުފެދިފައިވާ އިތުބާރާއި ޤަދަރުގެ ޙަޤީޤީ ސިއްރަކީ، ޙިކްމަތްތެރިކަމާއެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތައް.

މިއަދުވެސް ސަރުކާރުން ދަމަހައްޓަމުން މި އަންނަނީ ހަމަ އެ ސިޔާސަތު. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް. ރާއްޖެއިން އަބަދުވެސް އަޑުއުފުލާނީ، މޫސުމީ ބަދަލުތަކުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް. ރާއްޖެއިން އަބަދުވެސް ދަމަހައްޓާނީ، ޑިމޮކްރެސީގެ ހަމަތަކާއި، ޞުލްޙަޔަށް އިސްކަން ދިނުމުގެ ސިޔާސަތު.

ރާއްޖެއިން ގެންގުޅޭ މި ހަމަތަކާއި ސިޔާސަތުތައް، މުޅި ދުނިޔެ މިއަދު ބަލައިގެންފި. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ބޮޑު ތާއީދާއެކު، އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެގެން އެދިޔައީ، މި ދެންނެވި ސިޔާސަތުތައް ރާއްޖެއިން ނަގަހައްޓާކަން ދުނިޔެއަށް ސާބިތުކޮށްދެއްވުމަށް، އެމަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުގެ ސަބަބުންކަން ޔަޤީން.

އެކަމަށްޓަކައި މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ވަރަށް ހޫނު މަރުޙަބާއެއް އަޅުގަނޑު ދަންނަވަން. އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ ދަރަޖަ މަތިވެރިކޮށް، ރާއްޖޭގެ ނަން އުފުލައިދިނުމަށް، ތިޔަ ކުރައްވާ ޙިކްމަތްތެރި މަސައްކަތްޕުޅުތަކަށްޓަކައި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވިއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ރާއްޖެ އެކަހެރިވެފައި އޮންނަތާ ފަސް އަހަރުވެއްޖެ. އެއީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އެހެންކަމުން، މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް އަޅުގަނޑުމެން ހެދީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން.

މިއަދުގެ ބައިނަލްއަޤްވާމީ މުޖުތަމަޢު ޤަބޫލުކުރަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަން، އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރުމުގެ ސިޔާސަތު. އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އިންތިޚާބު ކުރުމަކީވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެތްކެއް.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި، އެމަނިކުފާނުގެ ޚާރިޖީ ޓީމުން ކުރައްވާ މަސައްކަތް އަޅުގަނޑު ހެޔޮހިތުން ބަލައިގަންނަން. ރާއްޖޭގެ ޚާރިޖީ ޓީމުން، ބައިނަލްއަޤްވާމީ މަސްރަޙުގައި، މިހާރަށްވުރެ މާ އަލިގަދަ ވިދުމަކުން، ދިވެހިންގެ ނަން ފަޚުރުވެރިކޮށްދެއްވާނެކަން އަޅުގަނޑަށް ޔަޤީން.

ޚާރިޖީ ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަވުމުން، ޚާރިޖީ ޓީމުގެ ޚިދުމަތްތައް އެތައް ދަރަޖައަކަށް ތަރައްޤީވެގެންދާނެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ޚާރިޖީ ޚިދުމަތުގެ ބިލް ޤާނޫނަކަށްވުމުން، މި މިނިސްޓްރީގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ، މިހާރަށްވުރެ ޕްރޮފެޝަނަލް ގޮތެއްގައި، މިނިވަންކަމާއި ޒިންމާދާރުކަމާއެކު ޚިދުމަތްކުރާ ބަޔަކަށް ވެގެންދާނެ.

އެ ބިލް ޤާނޫނަކަށްވުމުން، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރެވި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، ރާއްޖޭގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަންވެސް ފަސޭހަވެގެންދާނެ. މި ބިލުން ޚާރިޖީ ޓީމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، ހުނަރުވެރި ޢިލްމީ މުވައްޒަފުންތަކެއް ބިނާކުރުމަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ތަނަވަސްވެގެންދިޔުން. އޭރުން ތިޔަބޭފުޅުން މިހާރު ޤައުމަށް ތިޔަ ކޮށްދެއްވާ ޚިދުމަތްތައް، އެއަށްވުރެ މާ ފުރިހަމައަށް ކޮށްދެއްވޭނެ.

މިހާރު ތަޖުރިބާކުރަން ޖެހިފައި މިވާ ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި، ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގައިވެސް، ޚާރިޖީ ޓީމުން ވަރަށް ސާބިތުކަމާއެކު، ވަރަށް ބުރަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން އެބަ ގެންދަވާ. އެކަމަށްޓަކައިވެސް ދިވެހި ރައްޔިތުންގެ ނަމުގައި، ދިވެހި ޚާރިޖިއްޔާއަށް އަޅުގަނޑު ޝުކުރު ދަންނަވަން. ތިޔަ ޓީމަށް އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބާއި ކުރިއެރުން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤަދަރާއި ޢިއްޒަތް މަތިވެރިކުރުމަށް، ޚާރިޖީ ޓީމުން ކުރައްވާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބު ދެއްވުން. ދިވެހިންގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރި ކުރެވޭނެ ގޮތުގެ މަތިން، ޚާރިޖީ ގުޅުންތައް ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.