ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޖިއޮންގް ވޫންޖިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ދެކުނު ކޮރެއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ކޮރެއާއާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެކުނު ކޮރެއާ އިން ދެއްވި އެއްބާރުލެއްވުމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޝުކުުރުއަދާކުރައްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ކޮވިޑް ކޮންޓްރޯލްކުރުމުގައި އެޤައުމުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ދެ ޤައުމުން ޝައުގުވެރިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާގެ ރައީސް މޫން ޖައެއަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާ ދެކުނު ކޮރެއާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.