ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އޮސްޓްރޭލިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މާލެ ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ މިމަހުގެ 27 ން 28 އަށް ބްރިސްބަންގައި އޮތް ”އޮސްޓްރޭލިއަން ނޭޝަނަލް ކާބަން ކޮންފަރެންސް"ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިކޮންފަރެންސްގެ ދެވަނަ ދުވަހު ނައިބު ރައީސް ތަޤްރީރުކުރެއްވިއެވެ. މިތަޤްރީރުގައި، ޖައްވު ހޫނުވުން ހުއްޓުވުމަށް މަސައްކަތްކުރަންޖެހެނީ އެއީ، އިޤްތިޞާދީގޮތުން ނުވަތަ ސިޔާސީގޮތުން ފައިދާ ކުރާނެކަމަކަށް އެކަނި ވާތީ ނޫން ކަމަށާއި، އެހެންނަމަވެސް، އެއީ އެޅުން އެންމެ މުހިންމު ފިޔަވަޅަކަށްވާތީ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިކޮންފަރެންސުގައި، ތިމާވެށްޓާބެހޭ މާހިރުންނާއި، ތިމާވެށީގެ އެކި ސިޔާސަތުތައް ކަނޑައަޅުއްވާ ބޭފުޅުންނާއި، ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި، އޮސްޓްރޭލިއާގެ ޕަރލަމެންޓް ސެކްރެޓަރީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިސްޓަރ ބޮބް މެކްމުލަންނާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖެއަށް އޮސްޓްރޭލިއާއިން ދެއްވާ ސްކޮލަރޝިޕްތައް އިތުރުކޮށްދެއްވާނެ ކަމުގައި މިސްޓަރ މެކްމުލަން ވިދާޅުވިއެވެ. އަދި، އޮސްޓްރޭލިއާގެ އެމްބެސެޑަރ ފޮރ ކްލައިމެޓް ޗޭންޖް މިޒް ލުއީޒް ހޭންޑްއާވެސް ނައިބު ރައީސް ބައްދަލުކުރައްވައި ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރާއި އަދި ވިޔަފާރި ކުންފުނިތަކުގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރެއްވިއެވެ މިގޮތުން ތިމާވެށްޓާ ރަޙްމަތްތެރި ހަކަތައާއި މޫސުމަށް އަންނަ ބަދަލާބެހޭ ދާއިރާތަކުން ކުރިއަރާފައިވާ ދިހަ ކުންފުންޏެއްގެ އިސްވެރިންނާއި، ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑާއި، ކުއީންސްލަންޑް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރެއްވިއެވެ.