ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް ޒަހާ ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޒަހާ ވަޙީދު މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ޒަހާ ވަޙީދު އަދާކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމެވެ. އަދި، އޭގެ ކުރީގައިވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ ވަޙީދު މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ވަޙީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް ކޯޑިނޭޝަން ސަރވިސްގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ވޙީދު ފުރުއްވާފައިވެއެވެ.

ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.