ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އޮސްޓްރޭލިއާގެ ޕާލަމަންޓަރީ ސެކްރެޓެރީ ފޮރ ނެޗުރަލް ރިސޯސަސް، މައިންސް އެންޑް އެނަރޖީ އެންޑް ފޮރ ޓްރޭޑް، މިސްޓަރ މައިކަލް ޗޮއިއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ތިމާވެށީގެ ދާއިރާއިންނާއި އެހެން ބައެއް ދާއިރާތަކުގައި ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާއި މިދަތިތައް ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މިސްޓަރ ޗޮއި ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގައިވާ ކާބަން ނިއުޓްރަލް ފުރަތަމަ ޤައުމަށް ރާއްޖެ ހެދުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށް އެހީތެރިވެދިނުމަށް އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ކުރިއަރާފައިވާ ކުންފުނިތަކެއް އޮސްޓްރޭލިއާގައި އެބަހުރި ކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި، އޮސްޓްރޭލިއާގެ އެތިކަލް އިންވެސްޓަރ މެގެޒިނަށް މިއަދު ބަސްދީގަތުމެއްވެސް ދެއްވިއެވެ.