"އޮސްޓްރޭލިއަން ނޭޝަނަލް ކާބަން ކޮންފަރެންސް" ގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޤްރީރު ކުރައްވައިފިއެވެ.
މި ކޮންފަރެންސްގައި ތަޤްރީރު ކުރައްވަމުން، އަޅުގަނޑުމެންނަށް ކުރިމަތިވެފައިމިވާ ދުވަސްތަކަށްވުރެ ފާގަތި މުސްތަޤްބަލެއް، މަސްއޫލުވެރި ވެރިކަމެއްގައި ކުރިއަށް އޮތް ޖީލުތަކަށް ހޯދައިދޭން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޖައްވު ހޫނުވުން ހުއްޓުވުމަށް މަސައްކަތްކުރަންޖެހެނީ އެއީ، އިޤްތިޞާދީގޮތުން ނުވަތަ ސިޔާސީގޮތުން ފައިދާ ކުރާނެކަމަކަށް އެކަނި ވާތީ ނޫން ކަމަށާއި، އެހެންނަމަވެސް، އެއީ އެޅުން އެންމެ މުހިންމު ފިޔަވަޅަކަށްވާތީ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން، އާ މިޞްރާބަކަށް މަސައްކަތް ކުރެއްވުމުގެ މަޤްޞަދުގައި އިންތިޚާބު ވެވަޑައިގެންފައިވާ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރުޑް އަދި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފަދަ ދުނިޔޭގެ ވެރިން ތިއްބަވާކަމީ ވަރަށް ހިތްވަރު އާވާކަމެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި، މި ބޭފުޅުންގެ އެހީތެރިކަމާއެކު، ދިވެހިރާއްޖެ މި އޮތީ ކޯޕަންހޭގަންގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަޤީންކަމުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، ފާއިތުވި 20އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުން ދިޔައީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަންފަދަ ޢާންމު އިންސާނީ ޙައްޤުތައް ހޯދުމަށް މަސައްކަތް ކުރަމުން ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، އިންސާނީ ޙައްޤުތައް ހޯދުމުގައި މިކުރާ މަސައްކަތް މިހާރު ވެފައި މިވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ދިރިއުޅުމަށާއި ޤައުމުގެ ދެމިއޮތުމަށް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ކަން އެއީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ތަޤްރީރުގައި، ސަރުކާރަށް މިހާރު ކުރިމަތިވެފައިމިވާ އެންމެ ބޮޑު އެއްމައްސަލައަކީ ރަށްގިރުމުގެ މައްސަލަކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަކީ، ތަރައްޤީގެ މަގުގައި ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށާއި، އެންމެ ފައިދާކުރަނިވި ގޮތުގައި ހަކަތަ ބޭނުން ކުރުމަށް ސަރުކާރުން ޕްރޮގްރާމްތަކެއް ފަށްޓަވާފައިވާކަން ހާމަކުރެއްވިއެވެ. ހަމައެއާއެކު ދުނިޔޭގައިވާ އެންމެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް އެހެނިހެން ސިޔާސަތުތަކެއްވެސް ކަނޑައަޅުއްވާފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ތިމާވެށްޓާ ރަޙްމަތްތެރި ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފް ކުރެއްވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ އަދި ކުރެއްވުމަށް ގަސްދުކުރައްވާފައިވާ މަސައްކަތްތަކަށް ނައިބު ރައީސް ބައްލަވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކާ ރާއްޖެއިން ގެންގުޅޭ ސިޔާސަތާ ތަފާތުކަންވެސް ނައިބު ރައީސްގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ތަޤްރީރު ނިންމަވާލެއްވީ، ޖައްވު ހޫނުކުރުމަށް ރާއްޖެއިން އެއްވެސް ކަމެއް ކޮށްފައި ނުވިކަމުގައި ވިޔަސް، މި މައްސަލަ ޙައްލުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެ، މިމަސައްކަތުގައި އެހެން ފަރާތްތަކުންވެސް ބައިވެރިވުމަށް ދަޢުވަތު ދެއްވަމުންނެވެ.

އޮސްޓްރޭލިއަން ނޭޝަނަލް ކާބަން ކޮންފަރެންސް"އަކީ އިއްޔެއާއި މިއަދާ ދެދުވަހު، ބްރިސްބަންގައި ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ތިމާވެށްޓާބެހޭ މާހިރުންނާއި، ތިމާވެށީގެ އެކި ސިޔާސަތުތައް ކަނޑައަޅުއްވާ ބޭފުޅުންނާއި، ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.