އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލެވި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ޢާންމު އުޞޫލުން މިއަދު ފެށުމާއި ގުޅިގެން ރާއްޖެއަށް މިހާރު މިވަނީ އައު ޢާންމު ޙާލަތަށް އާދެވިފައިކަމަށާއި، ނަމަވެސް ކޮވިޑް-19ގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ކަމަށް ޤަބޫލުނުކޮށް، ކޮވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށް، އަބަދުވެސް ސަމާލުވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި  ސްކޫލްގައި ބޭއްވެވި ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައިވެސް، ދިރާސީ އައު އަހަރަކާ ބައްދަލުކުރާ އިރު، މިއަދު ގަދައަޅައި މަސައްކަތްކުރަންވީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި މިލިބުނު ކުރިއެރުން އެ ގޮތުގައި ދަމަހައްޓައި، ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމުގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސް ފުރިހަމައަށް ޢަމަލުކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މިދިޔަ ދިރާސީ އަހަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި، ދަރިވަރުން ތިބެންޖެހުނީ ސްކޫލަށް ދާނެ ފުރުޞަތެއް ނުލިބި، ވަރަށް ބޮޑު ނުތަނަވަސްކަމެއްގައި ކަމަށާއި، އެހެންކަމުން މިއަދު މި ލިބުނު ފުރުޞަތުގެ ބޭނުން ހިފައި، ހުރިހާ ދަރިވަރުންވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައިކަމުގައި ވިދާޅުވިއެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މި ފެށުނު ދިރާސީ އަހަރަކީ، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއްކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅިވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި، ހުރިހާ ކުދިންވެސް މިއަދު ޢަޒުމް ކަނޑައަޅަންވީ، ކުރިމަތިވާ އުނދަގޫތައް ގިރާކޮށްގެންވެސް، ތަޢުލީމު ހޯދައި، ޤައުމަށް ޚިދުމަތްކުރާ، ބޭނުންތެރި، މައިންބަފައިންނާއި ޢާއިލާ ފަޚުރުވެރިވާ، މުޖްތަމަޢަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭނެ ކުއްޖަކަށްވުމަށް ކަމުގައެވެ.

ޓީޗަރުން ކުރައްވަމުން ގެންދަވާ، އަގު ވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމުގައެވެ.

އެމަނިކުފާނު ވަނީ ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، މީހުން ބިނާކުރުމުގެ ޢަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުންކަން ފާހަގަކުރައްވައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ވެސް، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ޢާންމު ޙާލަތާއެކު ކުރިއަށް ދިޔުމުގައި ސަރުކާރުން މިހާރު ފަށާފައިވާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް ވެކްސިން ޖެހުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި، ސަރުކާރުގެ މިހާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށްވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.