ހެލްތް ޕްރޮޓެކްޝަން އެޖެންސީން 2 އޮގަސްޓް 2021 ގައި ނެރުއްވައިފައިވާ، ނަންބަރު 23-L/CIR/2021/19 ގެ ސަރކިއުލަރގައި، ދައުލަތުގެ މުއައްސަސާތަކުގެ ހުރިހައި މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް އެދިވަޑައިގެންފައިވާތީއާއި، ކޮވިޑް-19 އިން ރައްކައުތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކުރުން ކަމުގައި ވުމާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ދަންނަވަން ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ގޮތުން، މިހައިތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން 2021 އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެ ޑޯޒް ފުރިހަމަކުރި ތާރީޚަށް ބަލައި، ފުރިހަމަކުރަންޖެހޭ އިތުރު ޑޯޒް، އެ ޑޯޒެއް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކައުތެރިނޫންކަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވީމާ، ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.