ރާއްޖޭގައި އިންވެސްޓް ކުރުމުގެ މިންވަރު އިތުރު ކުރެއްވުމަށްޓަކައި ގެންނަވަންޖެހޭ އިސްލާޙުތައް ގެންނަވައި، އިޤްތިޞާދީ ބިންގާތައް ހަރުދަނާ ކުރައްވައި، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރައްވައި އިޤްތިޞާދީ ހަރަކާތްތަކަށް ދިމާވެފައިވާ ހުރަސްތައް ނައްތާލެއްވުމަށް، މާތްﷲގެ ވާގިފުޅާއެކު ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އިސް ބޭފުޅުންނާ މިރޭ މުލީއާގޭގައި ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތާ ބެހޭގޮތުން އެމަނިކުފާނު ޚާއްޞަ ބަޔާނެއް ދެއްވަމުންނެވެ. އެކަމުގެ ހެޔޮ އަސަރުތައް، އިރާދަފުޅާއެކު ކުރިއަށްއޮތް ހައެއްކަމަސްތެރޭ އަޅުގަނޑުމެންނަށް ފެންނާން ފަށާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދެއްވި ބަޔާނުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތާއި އަދި އިޤްތިޞާދީ ޙާލަތު ސަރުކާރުން ކުރިއަށް ލަފާކުރައްވާގޮތް ހާމަކުރެއްވިއެވެ. އަދި ކައިރި މުސްތަޤްބަލަށް ސަރުކާރުން ބައްޓަން ކުރައްވާފައިވާ މާލީ ސިޔާސަތާއި، އެކްސްޗޭންޖް ރޭޓާއި، ފައިސާއާބެހޭ ސިޔާސަތުގެ މައްޗަށާއި، ދައުލަތަށް އާމްދަނީ އިތުރުކުރެއްވުމަށް އަޅުއްވަން ގަސްދު ކުރައްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
މިއަދު ދިވެހީންނާ ކުރިމަތިލާން ޖެހިފައި މިވަނީ، މާލީގޮތުން ވަރަށް ދެކޮޅުނުޖެހޭ ޙާލަތެއްގައި އޮތް ޤައުމީ އިޤްތިޞާދަކާކަން ހާމަކުރައްވަމުން، ފާއިތުވި ދެތިންއަހަރު، ބޮޑުވަމުންދިޔަ ތިލަފަތްހަމަނުވާ ބަޖެޓުގެ ސަބަބުންނާއި، ޤައުމަށް ލިބެމުންދިޔަ އާމްދަނީ، ދެހާސް އަށްވަނަ އަހަރުގެ މެދުތެރޭން ފެށިގެން ވަރަށްބޮޑަށް ދަށްވެގެން ދިއުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓް ފޫނުބެއްދޭ މިންވަރުވަނީ ބޮޑުވެގެން ގޮސްފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ކުރިއަށް ގެންދަވަމުން، މިކަންކަމަށް ދާއިމީ ޙައްލު ގެނައުމަށްޓަކައި އެކަށީގެންވާ އަވަސް ފިޔަވަޅު ސަރުކާރުން ނާޅުއްވައިފިނަމަ، ކުރިއަށް އޮތް ހައެއްކަމަހުތެރޭ މާލީ އަނދަވަޅަކާ މި ރާއްޖެ ކުރިމަތިލާން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިކަންކަމަށް ދާއިމީ ޙައްލު ގެނައުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާއި މާލިއްޔަތާ ގުޅޭގޮތުން މީގެކުރީގައި ކަންކަން ކުރަމުން އައިސްފައިވާ ގޮތްގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ސަރުކާރަށް ޖެހިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ވަނީ މާލީ ސިޔާސަތު އަލުން ބައްލަވައި، ޙިކްމަތްތެރި އާ ފިޔަވަޅުތަކެއް އަޅުއްވަން ގަސްދު ކުރައްވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މީގެތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ، ދެމެހެއްޓެނިވި އަދި ބެލެހެއްޓެވޭ މިންވަރަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރައްވައި، ދައުލަތުގެ އާންމު ދަރަނި ދެހާސްދިހަވަނަ އަހަރުން ފެށިގެން ކުޑަ ކުރެވޭނެ އަމާޒަކަށް މަސައްކަތް ފެށްޓެވުމާއި، ބައިނަލްއަޤުވާމީ އެހީދޭ ފަރާތްތަކުން ފައިސާގެ އެހީ ހޯދައި އިޤްތިޞާދުގެ ބިންގާ ހަރުދަނާ ކުރެއްވުމާއި، ބޭންކުގެ ނިޒާމް ވަރުގަދަ ކުރެއްވުމެވެ.
ސަރުކާރުން ކައިރި މުސްތަޤްބަލަށް ބައްޓަން ކުރައްވާފައިވާ މާލީ ސިޔާސަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސަރުކާރުން މިހާރު އަމާޒު ކުރައްވަނީ، ދައުލަތުގެ ޚަރަދުބަރަދު މެދުރާސްތާގައި، ދެމެހެއްޓެނިވި މިންވަރަކަށް ގެންނެވުމަށް ކަމުގައި ވިދާޅުވިއެވެ. "އިޞްލާޙީ ފިޔަވަޅުތަކެއް މިހާރުން މިހާރަށް ނާޅައިފިނަމަ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަޖެޓް ފޫނުބެއްދޭ މިންވަރު، ނުވަތަ ޑެފިސިޓް، ސައްތައަކުން ތެއްތިރީހަށް އަރާނެ ކަމުގައި ފެނުމާއެކު، ވަޒީރުންގެ މަޖިލީހުން، މި އޯގަސްޓްމަހުގެ ބާރަވަނަ ދުވަހު އިޢުލާން ކުރެއްވި ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ އިޞްލާޙުތަކާއެކު، ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި ހިތްވަރާއެކު އެކަންކަން ކުރުމުގެ ޢަމަލީ މަސައްކަތް މިވަނީ ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މިއިސްލާޙުތަކުގެ އަމާޒަކީ ދެހާސްނުވަވަނަ އަހަރު ޑެފިސިޓްވި މިންވަރު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ސައްތައަކުން އަށާވީހަށް ތިރިކުރައްވައި، ދެހާސްދިހަވަނަ އަހަރު މިޢަދަދު ސައްތައަކުން ފަނަރައަށް ކުޑަކުރެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރެއްވުމަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަންވަނީ ކަނޑައަޅުއްވާފައިކަން ރައީސުލްޖުމްހޫރިއްޔާ މިރޭ މި ދެއްވި ބަޔާނުގައި ހާމަކުރެއްވިއެވެ. ޓެކްސް ނެގުމާ ބެހޭގޮތުން މުހިންމު އިޞްލާޙުތަކެއް މިހާރުވާނީ އިޢުލާނު ކުރައްވާފައި ކަމަށާއި، މިއިޞްލާޙުތަކުގެ އަމާޒަކީ ޓެކްސްގެ ނިޒާމް ފުޅާކުރައްވައި އިމްޕޯޓް ޑިއުޓީއަށް ބަރޯސާވުން ކުޑަކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދެހާސްދިހަވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ޓެކުހެއް ނެންގެވުމަށް ވަނީ ވިސްނާވަޑައިގެންފައިކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެއިތުރުން، ތަޢާރަފް ކުރައްވަން ހަމަޖެހިފައިވާ އެހެނިހެން ޓެކްސްތަކުގެ ރަނގަޅު އަސަރު، ދެހާސްދިހަވަނަ އަހަރުން ފެށިގެން އިރާދަފުޅާއެކު ލިބެން ފަށާނެ ކަމަށާއި، މީގެތެރޭގައި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްއާއި މިހާރު ނެގެމުން އަންނަ ބެޑް ޓެކްސްގެ ބަދަލުގައި އެޑްވެލޮރެމް ޓެކްސްއެއް ތަޢާރަފް ކުރެއްވުން ހިމެނޭ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ދެހާސް އެގާރަވަނަ އަހަރު، މުދަލާއި ޚިދުމަތުން ނަންގަވާ ޓެކްސްއެއް ތަޢާރަފް ކުރެއްވުމަށްވަނީ ހަމަޖެހިފައި ކަމަށާއި، ޓެކްސްގެ ނިޒާމަށް ގެންނަވާ ބަދަލުގެ ތެރޭގައި، މިހާރު ކޮންޓްރެކްޓް މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓްތަކުން ނަގާ ލީސް ރެންޓްގެ ބަދަލުގައި، ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެންނަވައި ހަމަހަމަ ގޮތުގައި ބިމުގެ ކުއްޔެއް ނެންގެވުންވެސް ހިމެނޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ބަޖެޓް ފޫނުބެއްދޭ ހިނދެއްގައި ފައިސާ ޗާޕް ކުރެއްވުން ސަރުކާރުން ވަނީ މިހާރުން މިހާރަށް ހުއްޓަވާލައްވައި، އެހެނިހެން ގޮތްގޮތުން ފައިސާ ހޯއްދަވަން ފަށްޓަވާފައި ކަމުގައިވެސް ވިދާޅުވިއެވެ. މިގޮތުން، ޓްރެޜަރީ ބިލާއި ބޮންޑް ވިއްކަވައިގެން ފައިސާ ހޯއްދެވުން ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
މެދުރާސްތާގައި ދައުލަތުގެ މާލިއްޔަތު ހިންގުން ހަރުދަނާ ކުރެއްވުމަށް މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވުމަށް ނިންމަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިގޮތުން ފައިސާގެ މުޢާމަލާތް ކުރުމަށް އެންމެ އެކައުންޓެއް ބޭނުންކުރާ އުޞޫލެއް މިހާރުވަނީ ތަޢާރަފް ކުރައްވާފައި ކަމަށާއި، އަދި މުޅިން އައު ޕަބްލިކް އެކައުންޓިންގ ސިސްޓަމަކަށް ބަދަލުވުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުން ކަމުގައިވެސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބަޖެޓް ހިންގުމާއި ފައިސާ ބެލެހެއްޓުމާއި އެކައުންޓިންގައި މާލީ ހިސާބުކިތާބު، މުނާސިބު ވަގުތުގައި ލިބޭނެގޮތް މިޤައުމުގެ ތާރީޚުގައި ފުރަތަމަފަހަރަށް ލިބި، އިޤްތިޞާދު ބެލެހެއްޓުން ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން މިގެންދަވަނީ ދަރަނީގެ ކަންތައް ބެލެހެއްޓެވުމަށް އިތުބާރުހުރި ހަރުދަނާ ޔުނިޓުތައް އުފައްދަވަމުންކަން ބަޔާންކުރައްވަމުން، ލޯނު ހޯދުމުގައާއި، ލޯނު ދޫކުރުމުގައި، ސަރުކާރުންދެއްވާ ގެރެންޓީތައް ހާމަކަންބޮޑު އުޞޫލުތަކެއްގެ ދަށުން ހިންގެވުމަށްޓަކައި ސަރުކާރުން މިހާރުވާނީ ފިޔަވަޅު އަޅުއްވާފައިކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތު ހިންގެވުމަށް އަޅުއްވާފައިވާ މި ފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާ ރަނގަޅުވެގެންދާނީ، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި، އަދި ޢާންމުކޮށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޤައުމުގެ ހެވާއި ލާބައަށްޓަކައި މިކަމުގައި އެއްބާރުލެއްވުން ދެއްވައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ މި ދެއްވި ޚާއްޞަ ބަޔާނުގައި ވިދާޅުވިއެވެ.