ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމެވެ.

މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.