بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން މިއަދު މި ފާހަގަކުރާ، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމުގައި، ޤުރްބާންވެވަޑައިގެންނެވި މަތިވެރި ބަޠަލުންގެ ޤައުމީ ޖިހާދުގެ ހަނދާން އައުކުރުމަކީ، މި ދިވެހި ފަސްގަނޑަށް އުފަން ކޮންމެ ދިވެހި ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އިނގިރޭސީންގެ ޙިމާޔަތުން ދިވެހިރާއްޖެ މިނިވަންވިތާ 56 އަހަރު ފުރޭ، 57 ވަނަ މިނިވަން ދުވަސް. ޙިކްމަތު ޢަމަލީގެ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވައި، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު. ހަމައެފަދައިން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެމަނިކުފާނުގެ ދެ އަޚުންނާއި، ދެޙާޖީންނާއި ދަންޑެހެލުގެ ޤައުމީ ޖިހާދުގެ ހަނދާންވެސް އަޅުގަނޑުމެން މިއަދު އައުކުރަންޖެހޭ.

ޝަހީދު ޢަލީ ރަސްގެފާނާއި، ހުރާ ދޮން ބަންޑާރައިންނާއި، ޝަހީދު ޙުސައިން އާދަމަކީވެސް، މި ދިވެހި ފަސްގަނޑުގެ މިނިވަންކަމަށްޓަކައި، އަގުނުކުރެވޭ ފަދަ މަތިވެރި ޤުރުބާނީއެއް ވެވަޑައިގެންނެވި ޤައުމީ ބަޠަލުން. އެ ހުރިހާ ބޭފުޅުންނަށްވެސް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި، މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ކޮންމެ ޤައުމެއްގައިވެސް، އެންމެ މަތީ ދަރަޖައިގައި، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހަކަށް، މިނިވަން ދުވަސް ވެފައި އޮންނަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި. އެއީ އެ ޤައުމެއްގައި ދިރިއުޅޭ ބައެއްގެ އެންމެހައި އަސާސީ ޙައްޤުތައް ފުރިހަމަ ގޮތުގައި ޙާޞިލުކުރެވެނީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުންވެސް، އެ ޤައުމަކަށް ފުރިހަމަ މިނިވަންކަން ލިބިގެން ކަމަށްވާތީ. މިނިވަންކަމަކީ، އިންސާނީވަންތަކަމާ ގުޅިފައިވާ ސިފައަކަށްވާތީ.

އެހެންކަމުން މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މި އަންނަނީ، އަޅުގަނޑުމެންގެ އިންސާނީ އަސާސީ ޙައްޤުތައް ފުރިހަމަ ގޮތުގައި ލިބެން ފެށުމުގެ އުފާވެރި މުނާސަބާ. އަޅުގަނޑުމެން މިއަދު އައުކުރަމުން މި އަންނަނީ، އެ ޙައްޤުތައް ޙިމާޔަތްކުރެވި ރައްކާތެރި ކުރެވިފައިވާ ކަމުގެ އުފާވެރި ހަނދާންތައް. ހަމަ މި މުނާސަބަތުގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އެ ޙައްޤުތައް ތާއަބަދަށް ކަށަވަރުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ދެމިތިބުމަށް.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ޖިހާދުގައި، ޤައުމީ ބަޠަލުން ހޯއްދެވި ކާމިޔާބީގެ އަސްލަކީ، ރައްޔިތުން އެ މިނިވަންކަން ދިފާޢުކުރަން ބޭނުންވި މިންވަރު. މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކޮންމެ ކަމަކަށް، ޢަމަލާއި ބަހުން ރައްޔިތުން ނޫނެކޭ ބުނަމުން ދިޔުން. ރާއްޖޭގެ މިނިވަންކަން ގެއްލި، އަޅުވެތިކަމުގެ މަޅީގައި ޖެހުނު ކޮންމެ ފަހަރަކު، އެކަމަށް މަގުފަހިކޮށްދީފައިވަނީ، އަޅުގަނޑުމެންގެ ތެރެއިން އެއްބައިވަންތަކަން ގެއްލި، ބައިބައިވުން އުފެދުން.

ބޭރު ޤައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އ.ދ.ގެ އާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން މިދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށްވެސް ޙުރުމަތްތެރިކޮށްހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީ.

ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން. އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށްދެނީ، އަޅުގަނޑުމެންގެ މެދުގައި މަޛްހަބީ ތަފާތެއް ނެތުމުން. އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަޞްރަކީ، މިދެންނެވި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާ.

މިނިވަންކަމާއި ޞުލްޙަޔާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން އިސްލާމްދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމުގައި ދެކި، އެ ވިސްނުން ފަތުރައި ޢާންމުކުރުމަށް، ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި އެބަ މަސައްކަތްކުރޭ. މިއީ، މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް.

މިއަދުގެ ބައިނަލްއަޤުވާމީ މުޖުތަމަޢުން، ވަކިން ޚާއްޞަކޮށް، ބައެއް އިސްލާމީ ޤައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޞްލަކީ، މި ދެންނެވި ހަރުކަށި ފިކުރީ އޮއިވަރަށް އެ ޤައުމުތަކުގައި ޖާގަ ދެވިފައި އޮތުން. އެއިން ކޮންމެ ޤައުމެއްގައިވެސް އެންމެ ފުރަތަމަ އުފެދުނީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ ޢަމަލުތައް. އޭގެފަހުން ފެންނަން ފެށީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށި މަންޒަރު. މިއަދު އެއިން ކޮންމެ ޤައުމަކީ، މިނިވަންކަމާއި ޞުލްޙަޔާއި ހަމަޖެހުން ގެއްލިފައި އޮތް ޤައުމެއް.

އިސްލާމްދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި، ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމްދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް. އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމްދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރުވެސް، އިންސާނީ މުޖުތަމަޢެއްގައި ފަތުރަން ހެޔޮވާވަރުގެ ފިކުރުތަކެއް ނޫން.

ހަމައެފަދައިން އިސްލާމްދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތަކަކީވެސް، މުޖުތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް. އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމްދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް. މިއީ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނުވާނެ އިޖުތިމާޢީ ވަރަށް ބޮޑު ދެ މައްސަލަ.

އެހެން ނަމަވެސް، މި ދެ މައްސަލައިގެ ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫން. މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން. ތުއްތުކުދިންގެ ޅަފަތުން ފެށިގެން، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، އެ ކުދިންގެ ދިރިއުޅުން ބިނާކޮށްނުދެވިއްޖެނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން، މިކަން ޙައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.

މުޖުތަމަޢު ބައިބައިކުރާ މިފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްހާ ހިނދަކު، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުންވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި. އެފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން ހިނގައްޖެނަމަ، ޤައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެ.

މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ޙާލަތަކީވެސް، މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ޙާލަތެއް. މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވޭ.

މި އަންނަ ހަފުތާގެ ތެރޭގައި، މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މި ފަށަނީ ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް. ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ ޢުމުރުގެ 90 އިންސައްތަ މީހުންނަށް، މި ފެށޭ އޮގަސްޓު މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން. އަދި މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުން. މިއީ ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް.

ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭވަރަށް، މާތް ﷲގެ އިރާދަފުޅާއެކު، ރާއްޖެއަށް މިހާރު ހުރީ ވެކްސިން ގެނެވިފައި. އެހެންކަމުން، މި ފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ކޯވިޑާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ޞިއްޙީ ޚިދުމަތްތެރިންނާއި، ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

ކޯވިޑް-19އާ އެކު އަޅުގަނޑުމެންނަށް މި ކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް. ހަމައެއާއެކު، ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި، ވިސްނުންތެރިކަމާއެކު، މަސައްކަތް ފެށުމަށް.

ސަރުކާރުން މަސައްކަތް މި ކުރަނީ، ކޯވިޑް ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށް. އޭގެ ތެރެއިންވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ، ސްޓޫޑެންޓް ލޯނާއި، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުން ފަދަ، ތަޢުލީމާ ގުޅޭ ޕްރޮގްރާމްތަކާއި، ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމާއި، ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ މެދުކެނޑުމެއްނެތި އަދިވެސް ކުރިއަށް ގެންދިއުމަށް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުން، އަދިވެސް އެއްފަހަރު، މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. ދިވެހިރާއްޖެއާއި ދިވެހިންގެ މިނިވަންކަން ތާއަބަދަށް ރައްކާތެރިކޮށްދެއްވައި، އަންނަނިވި ޖީލުތަކަށް އެ މިނިވަންކަން ފޯރުވައިދިނުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި ދުޢާކުރަން.

އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަމާއި، އަޅުގަނޑުމެންގެ އިޤްތިޞާދީ މިނިވަންކަމާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ރައްކާތެރިކުރުމުގެ ހެޔޮ ތައުފީޤާއި މަދަދު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.